މިއަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެނޑިޑޭޓުން ވާދަކުރުމަކީ އިންތިހާބު ކާމިޔާބުކުރުމަށް ލިބޭ އިތުރު ފަސޭހައެއްކަމަށް ގުޅިފައުވާ ސިޔާސީ ޕާޓީތަކުގެ ކެނޑީޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
”އުފާވެރި އަމާން ރާއްޖެ“ ކުޑަހުވަދޫ ޖަލްސާގަިއ ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރުމަށްފަސޭހައެއް ލިބިގެންގޮސްފައިވާކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު މާ ގިނަ ކޭނޑިޑޭޓުން ކުރިމަތިލާފައިނުވީ ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެނޑިޑޭޓުން ކުރިމަތިލާފައިވުމަކީ ކާމިޔާބެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ 8 ކެނޑިޑޭޓުން ރިޔާސީ އިންތިހާބަކަށް ކުރިމަތިލީ ފުރަތަމަ ފަހަރުކަމަށާއި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ކުރިމަތިލީ 6 ކެނޑިޑޭޓުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މިއީ އަށް ކެންޑިޑޭޓުން ކުރިމަތިލީ ފުރަތަމަ ފަހަރު. 2008 ގައި ހަ ކެންޑިޑޭޓުން. އޭގެ ފަހުން މިހާ ގިނަ ކެންޑިޑޭޓުން ކުރިމައްޗެއް ނުލާ، ކުރިއަށް ވުރެ މާ ބޮޑު ތަނުން ފަސޭހަވެއްޖެ.
ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު މިފަދައިން ވިދާޅުވެފައިވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ލާފައިވާ 8 ބޭފުޅުންނަކީ:
އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ކުރިމަތިލެއްވި ކެންޑިޑޭޓުން:
1. އިބްރާހިމް މުހައްމަދު ޞާލިހު / އެމްޑީޕީ
2. ޑރ.މުހައްމަދު މުއިއްޒު / ޕީއެންސީ
3. ޤާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީ
4. މުހައްމަދު ނާޒިމް / އެމްއެންޕީ
5. އިލްޔާސް ލަބީބް / ޑިމޮކްރެޓްސް
މިނިވަންކޮށް ކުރިމަތި ލެއްވި ކެންޑިޑޭޓުން:
1. އަހުމަދު ފާރިސް މައުމޫން
2. އުމަރު ނަސީރު
3. ހަސަން ޒަމީލް
ވާދަވެރި އެހެން ކެނޑިޑޭޓުންނަށް އަމާޒުކޮށް ރައީސް ސާލިހު ދެއްކެވި ބައެއް ވާހަކަތަކުގެ ތެރޭގައި، ވާދަވެރި ކެމްޕެއިންއެއް ނުކުރައްވާކަމަށް ފާހަގަކޮށް ފާޑު ވިދާޅުވިއެވެ. އަދި ވާދަވެރިން އުޅެނީ 2000 އަހަރުތަކުގެ ތެރޭގައިކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހެން ކެނޑިޑޭޓު ރަށް ރަށަށް އަރާ ރައްޔިތުންނަށް ވާނެ ވައުދެއް ދެން ނޯންނާނެ މިންވަރަށް މި ސަރުކާރުން ވައުދުތައް ފުއްދާފައިވާކަމަށެވެ.

