އިންތިހާބު ކާމިޔާބުނުވާނެކަން އެނގުނު ނަމަވެސް، ދަ ޑިމޮކްރެޓްސްއިން މަސައްކަތްކުރަނީ އިންތިހާބުގެ ވޯޓު ބައިބައިކުރުމަށްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ކުރައްވަމުންދާ ކެމްޕެއިންގެ ތެރެއިން ރައީސް ސާލިހު މިއަދު ދަތުރު ކުރައްވަމުންދަނީ ގދ އަތޮޅަށެވެ. ގދ މަޑެއްވަޔަށްފަހު، ހޯޑެއްދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ސާލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ރަށަށް ވީ ވައުދުތައް މިހާރު ފުއްދާ ނިމެމުން އަންކަމަށެވެ. އެގޮތުން ބަނދަރުގެ މަޝްރޫއު ފާހަގަކުރެއްވިއެވެ. ރައީސް ސާލިހު ވައުދުވީ ހޯޑެއްދޫގެެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެކަމަށެވެެ. އަދި ހޯޑެއްދޫގައި ލޯކަލް ޓޫރިޒަމް ފެށޭނެކަމަށާއި، އަދި އެކަމަށް ސަރުކާރުގެ ފަރާާތުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑް 19 އާއި ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގައި ކުރިމަތިވީ ދަތީގައިވެސް، ރައްޔިތުންނަށް އެކަން އިހުސާސް ވިޔަނުދީ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދިޔަކަން ރައީސް ފާހަގަ ކުރެއްވިއެވެ. ހޯޑެއްދޫ ރައްޔިތުންނަށްވެސް އިންކަމް ސަޕޯޓް ދީފައިވާނެކަމަށާއި، އެސްޑީއެފް ލޯނާއި، ކަރަންޓް ސަބްސިޑީއަށްވެސް 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ސަރުކާރުން މި ދަތިތަކާއި ސަރުކާރުން ކުރިމަތިލީ، ރައްޔިތުން ހާލުގައި ނުޖެއްސުމަށްކަމަށެވެ.
އެމްޑީޕީއިން މިއަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ މެނިފެސްޓޯގެ ފުރަތަމަ ބައި ”އުފާވެރި ދިރިއުޅުން“ މިހާރު އިފްތިތާހުކޮށްފައިވާއިރު، ރައީސް ސާލިިހު ވިދާޅުވީ މީގެ ތެރެއިން ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ސަރުކާރުން ވަރަށް އިސްކަންދޭނެކަމެއްކަމަށެވެ.
އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހޯޑެއްދޫޫގެ ރައްޔިތުންނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލާންވީ މީހެއް، ވޯޓު ލާންވީ ޕާޓިއެއް ނޯޅޭނެ.
މި ދައުރުގެ ތެރޭގައި މި ރަށަށް ކޮށްދެއްވާފައިވާ ކަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މިކަންކަން ކުރުމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުން މުހިންމުކަމަށެވެ. އެމްޑީޕީގެ ތެރޭގައި ހިނގި ހިޔާލު ތަފާތުތަކުގެ ސަބަބުން ހޯޑެއްދޫއަށްވެސް އޭގެ އަސަކޮށްފައިވާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ހިޔާލު ތަފާތުވި ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މި ސަރުކާރަށް ވެރިކަން ހޯދައިދިނުން މުހިންމުކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ވަކިވެގެންދިޔަ މީހުންގެ ވޯޓު ބޭޏުންކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިކަން ނުލިބޭނެކަން މިކަންކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރާއިރުގައިވެސް އިނގޭނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އެކަން އެނގިހުރެވެސް އިންތިހާބުގައި ވާދަކުރަނީ ވޯޓު ބައިބައިކުރުމުގެ މަގްސަދުގައިކަމަށެވެ.

