ވައުދުވެ، ވައުދު ފުއްދާ ކެނޑިޑޭޓުން މިނެކިރުން މުހިންމުކަމަށް ރައީސުލުޖްމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ”އުފާވެރި އަމާން ރާއްޖެ“ މި ޝިއާރުގެ ދަށުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެންގެ ތެރެއިން ގދ ވާދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.
ރައީސް ވިދާޅުވީ އިންތިހާބަށް މަދު ދުވަސްތަކަކަށް ވެފައިވާއިރު، އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުތަކުން އެމްޑީޕީއަށް ތާއީދު އޮތްކަން ސާފުވާމުންދާކަމަށެވެ. އެގޮތުން ވާދޫއިން ކީ މަރުހަބާ ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ތަންފިޒުކުރަމުންދާ މެނިފެސްޓޯ ތަންފީޒުކުރުމުގައި ހުވަދޫގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ. މަސައްކަތުގެ ބުރަކަމާިއ، ކުރަން ހުރި ކަންކަން ގިނަވުމާއި، ފައސާގެ ދަތިކަން ހުރި ނަމަވެސް ހުވަދޫއަށް ނިސްބަތްވާ އެކި ވަޒީރުނާއި، އެމްޑީއިންގެ އެހީގައި އެކަންކަން ފަސޭހަވެފައިވާކަމަށް ވިދާޅުވިއެވެ.
މި ދައުރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ އަސާސީ ހިދުމަތްތައް ގާއިމްކޮދެއްވުންކަމަށާއި، އަދި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ރަށްތަކުގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް އަންނަމުންދާކަމަށް ރައީސްް ވިދާޅުވިއެވެ.
އެގޮތުން އަޅުގަނޑުމެންގެ އެއް ސިޔާސަތު މިވަނީ ހާމަކުރެވިފަ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެންގެ މި ދައުރުގައި ކުރެވެމުންދާަ އެންމެ މުހިންމު މަސައްކަތަކީ ތައުލީމީ ދާއިރާަ ހަަރުދަނާ ކުރުން.
ރައީސް ވިދާޅުވިއެވެ.
ޒުވާނުންނަށް މަތީ ތައުލީމު ހޯޑައިދިނުމަށް މުޅި ދުނިޔެއަަށް ހުޅުވާލައިގެން އެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައިދެއްވާނެކަމަށް ރައީށް ވިދާޅުވިއެވެ. އެމީހެއްގެ ގާބިލްކަމަށް ބަލާ ފަރުމާ ކުރެވޭ ޕްރޮގްރާމްތަކެއް އެކުލަވާާލާަނެކަމަށް ރައީސް ވިދާޅުވިއެވެ.
. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ލޭންޑް ޔޫސް ޕްލޭން ހެދޭއިރު، އެއާ ގުޅުވައިދޭ ހިއުމަން ރިސޯސް ޕްލޭން ހަދާ، އެ ހިއުމަން ރިސޯސް ޕްލޭންއާ އެއްގޮތަށް ދިވެހިރާއްޖޭގައި ހިންގޭ ޕްރޮގްރާމްތައް ފުޅާކޮށް، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީހުން ތަމްރީނުކުރުމުގައި ފޯކަސް ކުރަން ޖެހޭ ދާއިރާތަކައް އިސްކަންދީގެން މިކަން ކުރިއަށް އޮތް ދައުރުގައި ކުރިއަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ރައީސް ވިދާޅުވީ ތައުލީމީ ދާއިރާައަށް ހާއްސަކޮށް ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ހުށައަޅާ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމެވެ.
އެގޮތުން:
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮޓޯރިޓީ ވަރުގަދަކުރުމަށްޓަކައި ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރަންސް ބޮޑީއަކާއެކު ދިގު މުއްދަތަކަށް މަސައްކަތްކޮށް، މީހުން ބިނާކޮށް މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މީހުން ބަލައިގަންނަ ދާއިރާއަކަށް ހަދާނެ.
- މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމުގެ ގޮތުން އިންސްޓިޓިއުޝަނަލް އޮޑިޓް ރިޕޯޓު އާއްމުކޮށް، މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތައް ރޭންކުކުރާނެ.
- ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމްކުރުން.
ރައީސް ވާދޫއަށް ވީ ބައެއް ވައުދުތަކުގެ ތެރޭގައި، ރަށުގެ ސްޕޯޓްސް ކޮމްޕެލެކްސްއެއް ހަދާ، މަގުތައް ތަރައްގީކޮށްދީ، އަދި ރަށުގައި ފަތާ ފެންގަނޑެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ވޮލީ ކޯޓެއް އަޅާ، ގެދޮވެރިކަމަށް ބޭނުންވާ ރައްޔިތުންނަށް ރޯ ހައުސް ނުވަތަ ފްލެޓް އަޅައިދެއްވާ، 100 އެނދުގެ ހޮޓަަލެއް ވާދޫގައި ތައްޔާރު ކުރައްވާނެކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ތަފާތު ވައުދުތައް ވާނެ އެހެން ކެނޑިޑޭޓުން ވަޑައިގެނެވި ނަމަވެސް، ވައުދުވެ ވައުދު ފުއްދޭނެ ވެރިން މިނެކިރަން ޖެހޭކަމަށެވެ.

