މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށްޓަކައި، އެމްޑީޕީއިން ކުރާނެ ކަންކަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހިއްސާކުރައްވައިފިއެވެ.
ފާއިތުވެދިޔަ 3 ދުވަހުގެ ތެރޭގައި ރައީސް ވަނީ ދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ގދ އަތޮޅުގެ 8 ވަނަ މަންޒިލް، ފަރެސްމާތޮޑާއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ސާލިހު އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފަށެވެ.
ފަރެސްމާތޮޑާއަކީ މަސްވެރިކަމަށް ކުރިއަރާފައި އޮތް ރަށެއްކަމަށް ފާހަގަކުރައްވާ، ރައީސް ވިދާޅުވީ އަދިވެސް މަސްވެރިންގެ ޝަކުވާ އެބައޮތްކަމަށެވެ. އަދި އެއީ އެއްފަހަރާ ހައްލުކުރުމަށް އުނދަގޫވާ މިންވަރަށް ގިނަ މައްސަލަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މީގެ 45 އަހަރު ކުރިން އަޅާފައިވާ ފެލިވަރު މަސް ފެކްޓްރީ ފާހަގަކުރެއްވިއެވެ. އަދި 50 މެޓްރިކްޓަނު ޓަނު ކިރޭ މަސް ފެކްޓްރީތައް، 15 މެޓްރިކް ޓަނު ކިރޭ މަސް ފެކްޓްރީއަށް ހަދަން ކުރީ ސަރުކާާރުތަކުން މަސައްކުރި ނަމަވެސް މި ސަރުކާރުން އަންނަނީ ތަރައްގީކުރުމަށް މަސައްކަތްކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަސް ހިފައިގެން، ދިގު ދަތުރުކޮށްފަ، ކޫއްޑޫއަށް ނޫނީ ފެލިވަރަށް ނޫނީ އައްޑޫއަށް، އެކުރާ ދަތުރު އަޅުގަޏޑުމެން އެބަ ޖެހޭ ކުޑަކުރަން.
ރައީސް ވިދާޅުވިއެވެ.
ކޯލްޑް ސްޓޯރެޖް ބޮޑުކޮށް، ފްރީޒިން ކެޕޭސިޓީ އިތުރުކޮށް، މަސްވެރިން ބާާނާ މަސް ގަނެވޭނެ ގޮތް ހަމަޖައްސައިދީ، ސަރުކާރަށް ޖެހުނީ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލެއް ގެންނަންކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ބޭނުންވާ ކަންކަން ކުރުމުގައި ފައިސާ އާއި މީހުން ހޯދުމުގެ ދަތިތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 21 ކިލޯއަށް މަހުގެ އަގު ބޮޑުކުރި ނަމަވެސް، މަސްވެރިންނަށް ދޭން 38 މިލިއަން ރުފިޔާ ނުދީ އޮތްކަމަށް ރައީސް ވިދާޅުވިއެވެ. އެ ފައިސާ ދޭން ޖެހުނީ މި ސަރުކާރުން ވިދާޅުވިއެވެ. މަހުގެ އަގު ބޮޑުކުރެވިދާނެކަމަށާއި ނަމަވެސް، ބޭރަށް އެ މަސް ވިއްކަންޖެހެނީ ކުޑަ އަގުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަސްވެރިން ބާނާ މަސް ތާޒާކަމާއިއެކު، ބޮޑު އަގުގައި ގަންނަން ފަށަންޖެހޭކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ކަޅުބިލަ މަހުގެ މަސްވެރިކަން ޕްރައިވެޓް ސެކްޓަރ އަށް އެކަނި ދޫކޮށްލައިގެން ކުރި ނާރާނެކަމަށާއި، ސަރުކާރުން ވަސީލަތްތައް ފޯރުކޮށްދީ، ކަންކަން ފަހިކޮށްދޭންޖެހޭކަމަށެވެ.
މި ސަރުކާރުން މަސްވެރިކަމަށް ގެންނަ ބަދަލުން، ފަތުރުވެރިކަމާއި އެއްވަރު ނުވި ނަމަވެސް ބޮޑު ސިނާއަތަކަށް މަސްވެރިކަން ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑް 19 ގެ ވަބާގެ ތެރޭގައި ގައުމަށް ދިރުން ގެނެސްދެއްވީ މަސްވެރިކަންކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ރާއްޖެއަށް މީގެ ކުރިން ދުވަހަކު މަސް ނުބާނާ ވަރަށް އެދުވަސްވަރު މަސް ބޭނިކަމަށެވެެ. އޭރު ކެޕޭސިޓީ ބޮޑުކޮށް، މަސްވެރިން ބާނާ މަސް ގަނެފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީއިން މިއަހަަަރުގެ ރިޔާސީ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްތަކުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއިއެކު، ޗަކުވާތައް އަޑު އަހައިގެން އެކުލަވާލާފައިވާ މެނިފެސްޓޯއެއްކަމަށެވެ. މި ސަރުކާރުން ހުވަފެން ނުދައްކާނެކަމަށް ވިދާޅުވެ، ރައީސް ވަނީ ރައްޔިތުންނަށް މި ސަރުކާާރު ޓެސްޓް ކުރެވިފައިވާކަމަށް، އެކި ފުރުސަތުތަކުގައި ތަކުރާރުކޮށް ފާހަގަކޮށްފައެވެ.
ރައީސް ސާލިހު ފަރެސްމާތޮޑާއަށްވީ ވައުދުތަކުގެ ތެރޭގައި:
މަގުތައް ޒަމާނީ ފެންވަރަށް ހެދުން.
ޒުވާނުންގެ މަރުކަޒެއް ވަސީލަތްތަކާއިއެކު ގާާއިމްކުރުން.
ބަނދަރު ބޮޑު، ނެރު ފުންކޮށް ދިނުން.
މޫދަށް އެރެވޭނެ ތަނެއް ހަދައިދިނުން.
ހެލްތް ސެންޓަރު ތަރައްގީކުރުން.
މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތަށް، އައިސް ޕްލާންޓެއް ގާއިމްކުރުން.
ބޮޑު ހުކުރު މިސްކިތެއް އިމާރާތްކުރުން.
އެއާޕޯޓު ކައިރީގައި ސިޓީ ހޮޓަލެއް އަޅައިދިނުން.
ރަށް ކައިރީ އޮތް ކަލާާދޫ، ރަށާއިި އެއްކޮށް ފްލެޓް ނުވަތަ ރޯ ހައުސް އަޅައްދިނުން.

