ވެރިކަމާއި، ސިޔާސަތަކީ އަބަދު ބަދަލުވާ އެއްޗެއްނަމަ، ދައުލަތުގެ ބަޖެޓުން ބޭކާރު އެތައް ހަރަދެއް ކުރަން ޖެހޭކަމަށް ވިާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފާޑު ވިދާޅުވެއްޖެއެވެ.
ގއ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން، ނިލަންދޫ ”އުފާވެރި އަމާން ރާއްޖެ“ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އޮތް ހަމަނުޖެހުން ހުއްޓުމަކަށް ގެނައިސް، ތަރައްގީއަށް މަސައްކަތްކުރެވެން ފަށާފައިވާކަމަށެވެ. ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރިކަމަށާއި، މިކަންކަމާއިއެކު ވެރިންނަށް ކުރިއަށް ދެވޭނީ ބޭކާރު ސިޔާސީ ހަމަނުޖެހުންތަކުން ސަލާމަތްވެ ތިބެގެންކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ ހިޔާލު ތަފާތުވުންތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ޖާގަ ދިން ނަމަވެސް، ތަރައްގީ އިސް ކުރެއްވުމަށް ރައީސް ދަނީ އެދިވަޑައިގަންނަވަމުންނެވެ.
އިޖުތިމާއީ ތަރައްގީގައި ދެން އޮތް މަރުހަލާއަކީ، އުފާވެރިކަމާއި ހިތްހަމަޖެހުން ގާއިމްވެ ކުރިއަށް ގެންދެވުން.
ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސަތުތަކާއި، ވެރިކަން އަބަދު ބަދަލުވާނަމަ ތަރައްގީއަށް ބުރޫއަރާނެކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންްތިހާބަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، މިއީ ދިވެހިންނަށް ޓެސްޓް ކުރެވިފައިވާކަމެއްކަމަށެވެ. އޭރު ރަނގަޅު މަޝްރޫއުތަކެއް ފެށި ނަމަވެސް ވެރިކަން ބަދަލުވުމުން އެ މަޝްރޫއުތަކަށް ވެގެންދިޔަ ގޮތް އޮތީ ފެންނަންކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ވެރިކަން ބަދަލުވެ، ސިޔާސަތުތައް ބަދަލުވަނީނަމަ ސަރުކާރުގެ ބަޖެޓުން ބޭކާރު އެތައް ހަރަދެއް ކުރަންޖެހޭކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ނިލަންދޫއަކީ އެންމެ ގިނަ ފަނޑިޔާރުންނާއި، ގާޒީއިން ތިބި ރަށްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އެހެންކަމުން އެބޭފުޅުންގެ ކުރިމަގަށް ވިސްނަވާ ނިލަންދޫއިން ރަނގަޅު ނިންމުމެއް ނިންމާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
އިޖުތިމާއި ގިނަ ކަންކަން ފެށިގެން އައީ މި ދައުރުގެ ތެރޭގައިކަމަށާއި، މި ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއި ފާސޭހަކޮށް، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެ ހިދުމަތް ފޮރުކޯށްދޭންޖެހޭއިރު، ހައްލު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުދި ބޮޑު އެންމެންގެ ބައިވެރިވުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސަތުތައް އެކުލަވާލަމުންދާއިރު، ރަށްރަށަށް ހާއްސަކޮށް ކުރައްވާ ކަންތައްތަކެއް އެބަހުރިކަމަށެވެ.
އެގޮތުން ރަށުގެ މަގުތައް ހަދާ ތާރު އަޅުއްވައިދެއްވާނެކަމަށާއި، ޒުވާނުންނަށްޓަކައި ފެސިލިޓިސްތައް ގާއިމްކޮށް ޔޫތް ސެންޓަރެއް އަޅުއްވާނެކަމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ބަނދަރު ބޮޑުކޮށް، ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެކަމަށް ވިދާޅުވިއެވެ. ރަށުގެ ޒުވާނުން ބޭނުންވާ ފުޓް ބޯޅަ ދަނޑު އަޅައިދެއްވާނެކަމަށވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
އިންތިހާބަށް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި، އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް އެމަނިކުފާނާއިއެކު މަސައްކަތް ކުރެްްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

