ރަޝިއާއިން ހަނދަށް ފޮނުވުމަށް ކަނޑައެޅިފައިވާ ޖައްވީ އުޅަނދު ”ލޫނާ 25“ ކާމިޔާބުކަމާއިއެކު ލޯންޗުކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ”ލޫނާ 25“ އުޅަނދު ލޯންޗުކުރުމުގެ މަސައްކަތަކީ ވޭތުވެދިޔަ ފަންސާސް އަހަރުގެ ތެރޭގައި ރަޝިއާއިން ހަނދަށް އުޅަނދެއް ފޮނުވާ ފުރަތަމަ ފަހަރެވެ. އެއްވެސް އިންސާނުންތަކެއް ނުލައި ދަތުރުކުރާ މި އުޅަނދު ލޯންޗުކުރީ ރަޝިއާގައި ހުންނަ ވަސްޓޯޗްނީ ކޮސްމޯޑްރޯމްއިންނެވެ. އެތަނަކީ ޖައްވަށް އިންސާނުންނާއި ތަކެތި ފޮނުވުމަށް ހާއްސަކޮށް ބިނާކޮށްފައިވާ ތަނެކެވެ.
މީޑީއާތަކުން ރިޕޯޓުކުރާގޮތުން، ލޫނާ 25 ރަޝިއާގެ ގަޑިން ހެނދުނު 8:10 ގައެވެ. އެ ވަގުތު އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް ވަގުތީ ގޮތުން ސަރަހައްދު ދޫކޮށްދާންޖެހުނުކަމަށާއި އެއީ ހަނދަށް ފޮނުވުމަށް މަސައްކަތްކުރާ ރޮކެޓުން ނެއްޓިގެންދާނެ ބައިތަކުން ބައެއް އެ ސަރަހައްދަށް ވެއްޓުމުގެ ފުރުސަތު އޮތުމުންކަމަށާއި އެހެންނަމަވެސް އެއީ މިލިއަނަކުން އެއް ފަހަރު ދިމާވުމުގެ ފުރުސަތު އޮތްކަމެއްކަށްވެސް ބުނެފައިވެއެވެ.
ކަމާއިބެހޭ ބައެއް ފަރާތްތަކުން ލަފާކުރާގޮތުން އެ އުޅަނދު އެންމެ ފުރަތަމަ ޖެހިގެންދާނީ ދުނިޔޭގެ އޯބިޓުގައެވެ. އަދި އެއަށްފަހު ހަނދުގެ އޯބިޓުގައިޖެހި ބުރުތަކެއް ޖެހުމަށްފަހު ހަނދުގައި ޖައްސާނެކަމަށް ލަފާކުރެވޭކަމަށެވެ. ރަޝިއާއިން އެންމެ ފަހުން ކުރިއަށް ގެންދިޔަ ހަނދަށް ދިއުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ 1976 ވަނަ އަހަރުގައެވެ.
ރަޝިއާއިން ލޫނާ 25 ލޯންޗުކޮށްފައިވާއިރު، މީޑިއާތަކުން ރިޕޯޓުކުރާގޮތުން އެ ގައުމުން ދަނީ އިންޑިއާ އާއި ވާދަކުރަމުންނެވެ. އިންޑިއިން ލޯންޗުކޮށްފައިވާ އުޅަނދު ޗަންދްރާޔަން 3 އަދި ރަޝިއާގެ ލޫނާ 25 ވެސް ހަނދުގައި ޖައްސާނެކަމަށް ލަފާކުރަނީ އޮގަސްޓުމަހުގެ 25 ވަނަ ދުވަހުގައެވެ.

