ރާއްޖެ ބައިނަލްއަޤުވާމީ ފައިބަރ ކޭބަލްއާއި ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް އިފްތިތާޙްކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވަނީ ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ނިޒާމަކާއި ރާއްޖެ ސީދާ މި ގުޅައިލެވެނީ ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރުކަމަށެވެ. މި ކޭބަލްއާއެކު އިފްތިތާޙްވެގެން އެދަނީ ޑިޖިޓަލް ދިވެހި ޖީލުގެ ފެށުންކަމަށް ވިދާޅުވިއެވެ. އަދި މިއީ ބައިނަލްއަޤުވާމީ ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅުކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުޞަތެއްކަމަށެވެ. ކޭބަލް ވިއުގަޔާ ގުޅުމުން، ޚިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި އެއާއެކު ރައްޔިތުންގެ ޖީބަށް ލުއި، އަދި މިހާރަށް ވުރެ ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ޚިދުމަތް ދެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަބްމެރިން ކޭބަލާ އެކު ދިވެހި ރައްޔިތުން ގޮވައިގެން، ވަކިން ޚާއްސަކޮށް ދިވެހި ޒުވާނުން ގޮވައިގެން، އަޅުގަނޑުމެން ދަތުރު މި ފަށަނީ މުޅިން އާ ދުނިޔެއަކަށް.
ރައީސް ސާލިހު ވިދާޅުވިއެވެ.
މި ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުން ލިބިގެންދާނެ އިތުރު ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކަށާއި ސެޓެލައިޓް ސްކޫލްތައް ހިންގުންފަދަ ކަންކަންކަމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށާއި، އަދި ޑިޖިޓަލް ޓެކްނޮލޮޖީއާ ފުޅާވެގެންދިއުމަކީ ތިމާވެއްޓަށްވެސް ލިބިގެންދާނެ އިތުރު ރައްކާތެރިކަމެއްކަމަށްވެސް ވިދާޅުވެފައެވެ.
އޯ.ސީ.އެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫޢަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ގެންގޮސްދީ، ރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެއެވެ. މި ކޭބަލް ސިސްޓަމާއެކު ދިވެހިރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ޤައުމުތަކާ ގުޅައިލެވޭނެއެވެ.

