މި މަހުގެ 15 ވަނަ ދުވަހު މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ފަށާނެކަމަށް ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް މަހަކަށްވުރެ ގާތްވެފައިވާއިރު، ރައީސް ސާލިހު ކެމްޕެއިންގައި މިއަދު ދަތުރު ކުރައްވަމުން ދަނީ ނ އަތޮޅަށެވެ. އެގޮތުން ނ ކުޑަފަރީއަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރައްޔިތުން އެންމެ ބޭނުން ޖެހިފައިވަނީ ބޯހިޔާވަހިކަމަށްކަމަށެވެ. މިއީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ނިންމި އެންމެ މުހިންމު މަސައްކަތަކީ މާލެ ސަރަހައްދުން ގޯތި ދޫކުރަން ނިންމުންކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އަންގާރަ ދުވަހުން ފެށިގެން ގޯތި ދޫކުރުމުން އަންނާނެކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެސް އެއް އާއިލާއަކަށް ގޯތި ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކުޑަފަރީގެ ރައްޔިތުންނަށްވެސް މި މައްސަލަ ދިމާވެފައިވާކަމަށާއި، އެކަމަށް ހައްލު ހޯދައިދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އެގޮތުން ކުޑަފަރީގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 200 އާއިލާއަކަށް ރޯހައުސް އަޅައިދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ. އަމިއްލައަށް ގެ އެޅުމަށް ބޭނުންވާ މީހުންނަށް އިންޓްރެސްޓު ކުޑަކޮށް، ލޯނު ދޫކުރާނެކަމަށާއި، ހަ ޕަސެންޓަށްވުރެ އިންޓަރެސްޓް ދަށްކޮށްދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ކުޑަފަރިއަށް ރައީސް ވެވަޑައިގެން ވައުދުތަކުގެ ތެރޭގައި، އެ ރަށޫ ސުކޫލުގައި ލެބެއް ގާއިމްކޮށްދެއްވުމާއި، މަގު ހެދުމާއި، ޕަވާ ހައުސްއެއް ގާއިމްކޮށްދެއްވުމާއި، އަދި އައު ސިއްހީ މަރުކަޒެއް އަޅައިދެއްވާ. 16 ގަނޑިއިރަށް ހިދުމަތް ދިނުން ބަދަލުކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދުި، ބަނދަރު ތަރައްގީކޮށް، ރަށުގައި އޭޓިއެމްއެއްް ގާއިމްކޮށްދެއްވުމާއި، ރަށުގައި ސާފްކުރާ ސަރަހައްދު ހިމާޔަތްކޮށްދެއްވުމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ.

