ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިހާރު ވެސް ހުންނެވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކަމަށް ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ މެނިފެސްޓޯ އިޢުލާން ކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީށް ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް އާއި ރަނިންމޭޓް ހުސެއިން އަމްރު މިހާރު ވެސް ތިބީ ދެވަނަ ބުރުގައި ކަމަށާއި އެންމެފަހުން ހުވަދު އަތޮޅުގެ 10 ރަށަށް ކުރި ޒިޔާރަތުން ވެސް އެކަން ސާފުވެފައިވާ ކަމަށެވެ.
އެގޮތުން އެ ދަތުރުގައި ކޮންމެ ރަށަކުން ވެސް މަދުވެގެން 50 ގެއަށް އިލްޔާސް ޒިޔާރަތް ކުރެއްވި ކަމަށާއި އެމަނިކުފާނު ޕީޕީއެމްގެ 25 ގެއަށް ޒިޔާރަތް ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
”އެވްރެޖު ގޮތެއްގައި ރައީސް ޞާލިހަށް ވޯޓު ދޭނެ ކަމަށް ރަށަކުން ބުނެފައިވަނީ ދެ ގެ. އަޅުގަނޑު ވަރަށް ތެދަށް މި ދެންނެވީ،“ ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު އުޅުއްވަނީ ގާތްގަނޑަކަށް 20 ޕަސެންޓުގައި ކަމަށާއި ޑިމޮކްރެޓްސް މިވަގުތު އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށް ވުރެ ތަންކޮޅެއް އިތުރަށް މަގުބޫލުކަން ހޯދައިގެން ކަމަށެވެ. އަދި މި އިންތިޚާބު ކާމިޔާބު ކުރާނީ ޑިމޮކްރެޓުން ކަމަށާއި އިލްޔާސް އާއި އަމްރު ތިއްބަވާނީ ދެވަނަ ބުރުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިން ފޯރިއާއެކު ކުރިއަށް ގެންދާއިރު ރައީސް ނަޝީދް އާއި އިލްޔާސް އަދި އަމްރު ގެންދަވަނީ ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދަން ރަށްތަކަށް ވެސް ޒިޔާރަތް ކުރަމުންނެވެ.

