އޭނާ އާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމު ތަންތާނގައި ވާހަކަދައްކަވަމުންދާކަމަށާއި އެހެންކަމުން ބަދަލު ހޯދުމަށް ދައުވާކުރާނެކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ބައްދަލުވުމެއްގައި އެމްޑީޕީގެ ކުރީގެ ރައީސް ޢަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަށް ފާޑުވިދާޅުވެފައެވެ. ފާޑުވިދާޅުވުމުގެ ގޮތުން ރައީސް ނަޝީދުވަނީ އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ކުރައްވަމުންދާ ވިޔަފާރިއެއް މިސާލެއްގެ ގޮތުގައި ނަންގަވައި އޭނާ ހިންގަވަމުންދަނީ ”ޕޮންޒީ“ ސްކީމެއް ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް ސާލިހުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ބިންވެރިޔާއަކީ އަލްހާންގެ ”ޕޮންޒީ“ ސްކީމަށްވުރެ ބޮޑު ސްކޭމެއްކަމަށެވެ.
ސާބިތުވެފައިނުވާ ކަމެއްގެ ތުހުމަތުތައް އަޅުއްވައި އަލްހާން އެފަދަ އަމަލެއް ހިންގަވާފައިވާކަމަށް ރައީސް ނަޝީދު އާންމު ތަނެއްގައި ވިދާޅުވުމާއިއެކު، އަލްހާންވަނީ އެ ވާހަކައަކަށް އަލިއަޅުއްވައި ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. ނުރުހުންވެވަޑައިގެން އަލްހާން ވަނީ ރައީސް ނަޝީދު ދޮގު އިލްޒާމްތަކެއް އަޅުއްވައި އޭނާގެ އަބުރުކަތިލަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އާންމުން އެއްކޮށްގެން އޭނާ އާއި ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއްކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
އޭޏާ ވިދާޅުވީ، ރައީސް ނަޝީދުގެ އެ އަމަލާއި ގުޅިގެން އަބުރުގެ ދައުވާ ދައުވާ ކުރުމަށް ކޯޓަށް ހުށައަޅާނެކަމަށާއި އޭނާއަށް ލިބިގެންދިޔަ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި 3،333 ބިޓްކޮއިން ހޯދުމަށްވެސް ހުށައަޅާނެކަމަށް ވިދާޅުވެފައިވެއެވެ.
ދޮގު އިލްޒާމް އަޅުވާ އަބުރު ކަތިލާން ، ޢާންމުން އެއްކޮށްގެން ޙަގީގަތާ ޚިލާފު ދޮގުވާހަކަ އަޅުަނޑާ ބެހޭގޮތުން ރައްޔިތުންގެ މަޖްލިހުގެ ރައީސް @MohamedNasheed ދެއްކެވި މައްސަލައިގާ އޭނާގެ މައްޗަށް އަބުރުގެ ދަޢުވާ ކުރާނަން !
ބަދަލުގައި 3333 ބިޓްކޮއިން ހޯދަން ދަޢުވާގައި ހިމަނާނަން!…
— Alhan Fahmy (@AlhanFahmy) August 20, 2023
އަބުރު ކަތިލުމުގެ މައްސަލައިގައި ދައުވާކުރާނެކަމަށާއި ބަދަލުގެ ގޮތުގައި 3،333 ބިޓްކޮއިން ނުވަތަ 87،037،628 ޑޮލަރު ހޯދާނެކަމަށް އަލްހާން ވިދާޅުވެފައިވާއިރު، ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ރައީސް ނަޝީދު ސަރުކާރާއި ތާއީދުކުރައްވާ ފަރާތްތަކަށްވެސް އެކި ތުހުމަތުތައް އަމާޒުކުރައްވަމުންދާކަން ފާހަގަކުރެވެއެވެ.

