ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުރެވޭނެ ކަންކަމާއި، ދޮގު ވާހަކަތަކެއް ދައްކަން ނެތިން: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ނާޒިމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓެއް ހޯދުމުގެ ބޭނުމުގައި ނުކުރެވޭނެ ވަރުގެ ކަންކަމާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ނުދައްކަވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއިން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ހުޅުމާލޭގެ ފޭސް ދެއެއްގައި އަދިވެސް އުޅެން އެންމެ އެކަށީގެން ނުވާކަމަށް ބައެއް މީހުން ހިއްސާކޮށްފައިވާކަމަށެވެ.  ރަނގަޅު ފެންވަރެއްގައި ސުކޫލެއްވެސް ބިނާކުރެވިފައިނުވާކަމަށާއި އެކަށީގެންވާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތްތައް ލިބެން ނެތްއިރު، ހިތް ހަމަ ޖައްސާލުމަށް އިށީނދެލާނެ ތަނެއްވެސް ނެތްކަަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފޭސް ދެއެއްގައި އެކަށީގެންވާ ގޮތެއްގެ މަތިން ކުޅިވަރު ކުޅުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައިނުވާކަމަށެވެ. ސަރުކާރުންވަނީ “ގެންދިޔަ ގޮތަށް ގެންގޮސް” އެތަނަށް ރައްޔިތުން ޖަމާކޮށްފައިކަމަށާއި ކަންކަން ބަދަލުކުރަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ވިސްނުމަކީ ފޭސް ދެއްގައި ދިރިއުޅުއްވާ މީހުންނަށް އެ ސަރަހައްދުން އެކަށީގެންވާ ގޮތެއްގެ މަތިން ބޭނުންވާ ހިދުމަތްތައް ދެވޭނެ ފަދަ ވަސީލަތްތައް ގާއިމުކުރުންކަމަށް ނާޒިމް ވިދާޅުވިއެވެ. ހަމައެހެންމެ އެތަނުގައި ރަަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް ވިސްނުން ގެންގުޅުއްވާކަމަށާއި އެ ހޮސްޕިޓަލުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ގޮތަށް އިންތިޒާމުތައް ކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމްވަނީ ފްލެޓުތަކުގެ އަހުލުވެރިންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކެއް ހުރިކަމާއިމެދުވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އެމްއެންޕީގެ ސަރުކާރުން ހިޔާ ފްލެޓަށް ކޮށްދިނުމަށް ކަނޑައެޅިފައިވާ ކަންކަމާއިމެދުވެސް ސުވާލު ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އޭނާ އަށް ވޯޓު ދިނަސް ނުދިނަސް އެމްއެންޕީގެ ސަރުކާރެއްގައި ކުލި ކުޑަ ކުރެވޭނީ 4،000 ރުފިޔާއަށް ކަން ހިއްސާކުރެއްވިކަމަށެވެ. ފްލެޓުތައް ހިލޭ ނުދެވޭނެ ވާހަކަ ދަންނެވިކަމަށާއި އޭނާ އަށް ކުރެއްވޭނެ ކަމެއް ނޫންނަމަ އެ ވާހަކަ ދަންނަވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެއީ އެކަން އޮންނަންވާނެ ގޮތްކަމަށެވެ.  ވޯޓު ހޯދުމުގެ ބޭނުމުގައި ނުކުރެވޭނެ ވަރުގެ ކަންކަމާއި ގުޅިގެން ދޮގު ވާހަކަތަކެއް އޭނާ ނުދައްކަވާނެކަމަށެވެ.  4000 ރުފިޔާއަށް ކުލި ކުޑަކުރެވިދާނެކަމަށް ހިސާބުތަކުން ދައްކާކަމަށާއި އެހެންކަމުން އެމްއެންޕީއަށް ވެރިކަން ލިބިއްޖެ ހާލަތެއްގައި އެކަން ކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ކަންކަން ހުރި ގޮތުން ސިއްހީ ހިދުމަތްތައް ދިނުމުގައި ބޮޑެތި ދަތިތައް ކުރިމަތިވާކަމަށެވެ. އެގޮތުން މީހަކު ބަލިވެގެން ގެންދަންޖެހެނީ ލިފްޓުގައި ކޮޅަށް ބަހައްޓައިގެންކަމަށެވެ. އޭނާވަނީ ސްޓްރެޗަރު ލިފްޓެއް ނުބަހައްޓާ އެފަދަ ޓަވަރުތަކެއް ބިނާކުރުމަކީ އެހެނިހެން ގައުމުތަކުގައި ކުރާ ކަމެއް ނޫންކަމަށް ސިފަކުރައްވާފައެވެ. ފްލެޓުތަކުގައި ސްޓްރެޗަރު ލިފްޓުތައް ހަރުކުރެވިފައިނުވުމުގެ ޒިންމާ ނަގަންޖެހޭ އެކަކު މިހާރުވެސް ވެރިކަމަށް ވާދަކުރަމުންދާކަމަށާއި އެހެންނަމަވެސް ރައްޔިތުން އަދިވެސް ތިބީ އަތްޖަހަންކަމަށްވެސް ވިދާޅުވިއެވެ.

އޭނާވަނީ ސްޓްރެޗަރު ލިފްޓު ހަރުކުރެވިފައިނުވަނީ “ތަންދޮރު” ނޭނގުމުންކަމަށް ފާހަގަކުރައްވާފައެވެ.  އޭނާގެ ކުންފުނިން ހަދާ އާދައިގެ އެޕާޓުމެންޓެއްގައިވެސް ތިން ލިފްޓު ހުރިނަމަ އެއް ލިފްޓަކީ ބެޑް ލިފްޓެއްކަމަށް ވިދާޅުވިއެވެ. ނާޒިމްވަނީ މީހަކު ނިޔާވުމުން ކޮޅަށް ގެންދާނީތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، ހުރި ލިފްޓުތަކުގެ ދުވެލި މަޑުވުމާއި އެހެނިހެން ފާޙަގަކުރެވިފައިވާ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫންކަމަށެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި އެ މައްސަލައަށް ހައްލުތަކެއް ގެނެސްދެއްވާނެކަމަށެވެ. އެގޮތުން ސްޓްރެޗަރު ލިފްޓު ހަރުކޮށް ހުރި ލިފްޓުތަކުގެ ދުވެލިވެސް ބާރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ނާޒިމްވަނީ ފެނާއި ކަރަންޓުގެ ހިދުމަތްތައް ދިނުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަގުގެ ތަފާތުތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މާލެ ސަރަހައްދާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާއި ދެމެދު އެ ހިދުމަތްތައް ދިނުމުގައި އަގުގެ ތަފާތުތަކެއް ހުރެގެން ނުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަކީ އިންސާފާއި ހަމަހަމަކަން ގާއިމުކުރެވިފައިވާ ތަނެއްގެ ގޮތުގައި ހެއްދެވުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި އެހެންކަމުން ރާއްޖޭގެ އެންމެހާ ސަރަހައްދުތަކުގައިވެސް އެ ހިދުމަތްތަކުގެ އަގުތައް އެއް ހަމަކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއާއިއެކު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށްވެސް އެމްއެންޕީގެ ވެރިކަމެއްގައި ފުރަތަމަ 100 ޔުނިޓުގެ ކަރަންޓު ހިލޭ ފޯރުކޮށްދޭނެކަމަށާއި 3000 ލީޓަރުގެ ފެންވެސް ހިލޭ ކޮށްދެއްވާނެ ދަންނަވާކަމަށެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ބޭސް ފަރުވާ އަށް ސަލާންޖެހުން ނިމުމަކަށް ގެންނާނެކަމަށާއި އޭނާ ވިދާޅުވީ، އަދިވެސް ރައްޔިތުންނަށް ބޭސް ފަރުވާ ހޯދުމުގެ ދަތިތައް ހުރިކަމަށެވެ. އެހެންކަމުން އެމްއެންޕީގެ ވެރިމެއްގައި ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަށް ތައާރަފްކުރުމަށް ކަނޑައަޅާފައިވާ ކާޑު މެދުވެރިކޮށް ރައީސް އާއި އާންމު ރައްޔިތަކާއި ދެމެދު ތަފާތެއް ނެތި ހިދުމަތްތައް ލިބިގެންދާނެކަމަށާއި ކާޑު މެދުވެރިކޮށް އެ މީހަކަށް ބޭނުންވާ ސިއްހީ ފަރުވާ ލިބިގެންދާނެގޮތް ހަމަޖަައްސަވައިދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ސިއްހީ ހިދުމަތަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: