ރިޔާސީ އިންތިހާބަށް 10 އަކަށްވުރެ މަދު ދުވަހަށްވެފައިވާއިރު، ޕާޓީތަކުން އަންނަނީ ބާރު ސްޕީޑްގައި ކެމްޕެއިން ކުރަމުންނެވެ. ރައްޔިތުންނަށް ފުއްދަވައިދޭނެ ވައުދުތައް މެނިފެސްޓޯއެއްގައި ލިޔެ، ފަށުވި އިބާރާތުން ހާމަ ކުރައްވަމުން ގެންދަވާއިރު، އެއް މެނިފެސްޓޯ އަނެއް މެނިފެސްޓޯއާއި އަޅާ ކިޔާ، ގޮތް ނިންމުމަކީ ރައްޔިތުންގެ ވާޖިބެވެ. މެނިފެސްޓޯގައި ލިޔެފައި ހުންނަ ހުރިހާކަމެއް ފުއްދަވައި ނުދެއްވުނުކަމަށްވީ ނަމަވެސް، ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ހުރި މެނިފެސްޓޯ ދެނެގަނެ ވޯޓުދިނުމަކީ މުހިންމުކަމެކެވެ.
ސާފުކޮށް ލިޔެވިފައި އޮތް ތަފްސީލީ މެނިފެސްޓޯއެއް، ގައުމަށް ބޭނުންވެފައި ހުރި ކަންތައްތަކާއިއެކު ރައްޔިތުންނާއި ހަމައަށް ގެނެސްދިން އެއް ކެނޑިޑޭޓަކަށް އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މެނިފެސްޓޯ ވާނެކަން ޔަގީނެވެ.
މި މެނިފެސްޓީ ބަހާލާފައިވަނީ، އެންމެ ބޮޑަށް އިސްކަން ދޭންޖެހިފައިވާ ދާއިރާތަކަށެވެ. އެ ދާއިރާތަކުގެ ދަށުން ގިނަ މައްސަލަތަކެއް ހައްލު އެމްޑީޕީއިން ވަނީ ބުނެފީފައެވެ. އަދި ދެވަނަ ދައުރެއް ލިބިއްޖެ ހާލަތެއްގައި އެކަންކަން ފުއްދަވާދެއްވާނެ ގޮތުގެ ޕްލޭންވެސް ރައީސް ސާލިހާއި، އެމަނިކުފާނު ބައިވެރިން އަންނަނީ ވިދާޅުވެދެއްވަމުންނެވެ.
ރައީސް ސާލިހު ދެއްކެވި ވާހަކަތަކުންނާއި، އަދި އެމަނިކުފާނަށް ތާއީދުކުރާ އެހެން ބޭފުޅުންވެސް ދެއްކެވި ވާހަކަތަކުގެ ތެރެއިން ގިނަ ބައެއް ސަމާލުކަން ހޯދި، އެއް ވާހަކައަކަށްވާނީ ކުރިއަށް އޮތް ދައުރުގައި އިގްތިސާދު ދެ ގުނަ ކުރުމުގެ ވާހަކައެވެ. މިއާއިއެކު ރައީސް ސާލިހަށް އެއް ބަޔަކު ކިއީ ފާޑެވެ. އަނެއް ބަޔަކު އުފެއްދީ ސުވާލެވެ. 100 ބިލިއަންނަށްވުރެ މައްޗަށް ގައުމުގެ ދަރަނި އުފުލިފައިވާއިރު، ކުރިއަށް އޮތްތާގައ މި ދަރަނި ދައްކަންޖެހޭއިރު، ދެން ގައުމުގެ އިގްތިސާދު ދެ ގުނަ ކުރެވޭނީ ކޮން ފޯމިއުލާއެއްގެ ދަށުންތޯ ގިނަ ބަޔަކު ސުވާލުއުފެއްދިއެވެ.
ރައީސް ސާލިހުގެ އެކި ވާހަކަތަކުގައި އާއި މެނިފެސްޓޯގައިވެސް އޮތީ މިކަން ސާފުކޮށްދެއްވާފައެވެ. ވިސްނާ ފިކުރުކޮށްގެން މެނިފެސްޓޯއަށް ނަޒަރު ހިންގުމަށްފަހު ވާހަކަދެއްކުން މުހިންމެވެ. ޖުމްލަ ފަސް ބަޔަކަށް ބާހާލާފައިވާ އެމަނިކުފާނުގެ މެނިފެސްޓޯގެ ފަސް ވަނަ ބައި ”އިގްތިސާދީ ބޮޑު ބަދަލު“ އައިސްފައި ހުރި ކަންކަމަކީ ގައުމުގެ އިގްތިސާދު އަލުން ނަގާ ކޮޅަށް ޖެހޭނެ ކަންކަމެވެ. މި ބައިގެ ދަށުން އައިސްފައިވާ ”ބާރުވެރި އިގްތިސާދު“ ގެ ތެރޭގައި ހިމެނޭ ކަންކަމަކީ އެކަންކަން ކުރިއަރުވައިގެން ރާއްޖޭގެ އިގްތިސާދު ރަން ޒަމާނަކަށް ގެންދެވޭނެ ކަންތައްތަކެވެ.
އެގޮތުން ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ހަރަކާތްތެރި ވިޔަފާރީގެ މާހައުލަކަށް މަގު ކޮށްއިދިނުމަށް ވައުދުވެފައިވެއެވެ. މިކަން ކުރުމަށް އެމްޑީޕީގެ މި ސަރުކާރުން ހާސިލްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ވިޔަފާރިތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކަށް ހައްލުގެނެސް، ވިޔަފާރި ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވެއެވެ. ވިޔަފާރިތަކުން ސަރުކާރު މެދުވެރިކޮށް ހޯދަންޖެހޭ ހިދުމަތްތައް ފަސޭހަކަމާއެކީ ޓެކްނޮލޮޖީގެ ޒަރީއާއިން ހޯދައި، ރަޖިސްޓަރީކުރުމާއި ހުއްދަތައް ހޯދުމުގައި ލުއި ގޮތްތަކެއް ވަނީ ފަހިކޮށްދީފައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި މާލީ އެހީތެރިކަމާއި، އެފަރާތްތަކުގެ މުދަލާއި ހިދުމަތް މާކެޓްކުރާނޭ އިތުރު މަގުތައް ވަނީ ހުޅުވައިދީފައެވެ. މިގޮތުން، އެސް.އެމް.އީ ވިޔަފާރިތަކަށް ހާއްސަ ރޭޓެއްގައި ލޯނު ދޫކުރުމުގެ ބޭނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެސް.އެމް.އީއަށް ހާއްސަ ލެންޑިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނެއް 2019 ވަނަ އަހަރު ވަނީ ވުޖޫދަށް ގެނެސްފައެވެ. އަދި ވިޔަފާރިއަށް ފަހި މިންގަނޑުތަކަށް (އީސް އޮފް ޑުއިންގް ބިސްނަސް) ބަލައި، ވިޔަފާރީގެ ރެގިއުލޭޝަންތަކަށް ހެޔޮބަދަލުތައް ގެނެސްދީފައިވެއެވެ. ވިޔަފާރީގެ މުއާމަލާތްތައް އެއްތަނަކުން ހަމަޖެއްސުމަށްޓަކައި ޒަމާނީ ނެޝަނަލް ސިންގަލް ވިންޑޯ ތައާރުފުކޮށް ފުޅާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިކަންކަން އިތުރަށް ހަރުދަނާކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ކުރިއަށް އޮތް ދައުރަށް އެމްޑީޕީއިން ރާވާފައިވާ ކަންކަމުގެ ތެރޭގައި:
-
ޓެކްނޮލޮޖީ އާއި ވިޔަފާރިއަށް ހާއްސަ ހަބްތައް ގާއިމުކޮށް ވިޔަފާރިއަށް ބޭނުންވާ އެހީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ފޯރުކޮށްދިނުން.
-
ވިޔަފާރިތަކަށް ދިމާވާ ހާއްސަ ހާލަތްތަކުގައި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންސޮލްވެންސީ ޕްރޮޓެކްޝަން ނިޒާމެއް ގާއިމުކުރުން.
-
ދިވެހި އިގުތިސާދުގައި އީޖާދީ ވިސްނުން ފުޅާކުރުމަށްޓަކައި އިންޓަލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސްއާ ބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލާ ތަންފީޒުކުރާނެ. އަދި އިންޓަލެކްޗުއަލް ޕްރޮޕަރޓީ ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނޭ ޕްލެޓްފޯމެއް ގާއިމުކުރުން.
-
ދިގުދެމިގެންދާ ކޯޓު މަރުހަލާތަކުގެ ސަބަބުން ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އޮލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމު ތަރައްގީކުރުން.
-
ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަންގެ ގާނޫނާއި ޑޭޓާ ޕްރައިވަސީއާ ބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލާ ތަންފީޒުކުރުން.
-
ސަރުކާރުގެ ޕްރޮކިއުމަންޓް ނިޒާމުގެ އީ-ޕްރޮކިއުމަންޓް ނިޒާމަކަށް ބަދަލުކޮށް ދެފުށްފެންނަ ނިޒާމަކަށް ބަދަލުކުރުން.
އެއަށްފަހު ދެން އިގްތިސާދު ވަރުގަދަކުރުމަށް އެމްޑީޕީއިން ވަނީ ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތަތުތައް ދުނިޔޭގެ މާކެޓްތަކުން ހޯދައިދީ، ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ވައުދުވެފައެވެ. އެގޮތުން ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގައި އިންވެސްޓްކޮށް އޭގެ ނަފާ ރާއްޖޭގެ ވިޔަފާރިތަކާއި އިގުތިސާދަށް ލިބުމަށް މަގުފަހިކުރުމަށާއި، އަދި މީގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ގައުމީ ރައުސުލްމާލުން ލިބޭ މުއްސަނދިކަން އިތުރުކުރުމަށްވެސް ރާވާފައިވެއެވެ. މިކަން ހާސިލްކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި:
-
ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމަށް އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ފައިނޭންސް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.
މިއާއެކު، ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެމްޑީޕީއިން ގަބޫލުކުރެއެވެ.
-
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިއްސާތަކާއި ރާއްޖޭގެ އެހެނިހެން ސްޓްރެޓީޖިކް އެސެޓްތައް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެން މަންފާ ކުރާނެ ގޮތަށް ނިޒާމު ބަދަލުކުރުން. މިގޮތުން އިންވެސްޓްމަންޓް ހޯލްޑިންގ ކޮމްޕެނީ މޮޑެލް ގެ ދަށުން ނެޝެނަލް އިންވެސްޓްމަންޓް ފަންޑެއް ގާއިމުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންވެސްޓްކޮށް ނަފާ ހޯދާނެ. މި މޮޑެލްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ފައިދާ އިތުރުކޮށް، އައު އިންވެސްޓްމަންޓްތަކަށް ބޭރުގެ އިންސްޓިޓިއުޝަނަލް ކެޕިޓަލް ރާއްޖެއަށް ހޯދުން.
-
ދިވެހިރާއްޖޭގެ އައި.ސީ.ޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށްނެރެ، މާކެޓްކޮށް، ކުރިއެރުވޭނެ ވަސީލަތްތަކާއި ނެޓްވޯކް ގާއިމުކުރުން.
-
ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ޖަމިއްޔާތަކުގައި ބައިވެރިވެ، ދިވެހި ވިޔަފާރިތަކަށް ބޭރުގެ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ފަހިކޮށްދީ، ވިޔަފާރިތައް ރާއްޖެއިން ބޭރުގައި ފުޅާކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
ފަތުރުވެރިކަމކީ ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުންކަމަށް މުޅި ގައުމުވެސް ގަބޫލުކުރެއެވެ. އެގޮތުން ފަތުރުވެރިކަމަށް އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އޮތް ސިޔާސަތުތަކުގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފަހި ފުރުސަތުތައް ދަމަހައްޓައި، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އިތުރުކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ ހިއްސާ އިތުރުކޮށް، ދިވެހިން މި ދާއިރާއިން އިންވެސްޓްކޮށް މަންފާ ހޯދޭނެގޮތްތައް މަގުފަހިކުރުން ހިމެނެއެވެ. އަދި މިހާރު ރާއްޖޭގެ ވަކި ސަރަހައްދެއްގައި ހިފެހެއްޓިފައިވާ ސިނާއަތް މުޅި ގައުމަށް ފުޅާކޮށް މި ދާއިރާގެ މަސައްކަތްތެރިންނަށް އާއިލާ ކައިރީގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތާއި ސަރަހައްދީ ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމާއިއެކު، ދިވެހި މަސައްކަތްތެރިންނަށް ވަޒީފާގެ ފަހި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދީ މި ދާއިރާގެ އިސް ސަފަށް ދިވެހިންނަށް ދެވޭނެ މަގު ކޮށައިދިނުން ހިމެނެއެވެ.
އެގޮތުން ކުރިއަށް އޮތް ދައުރަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި:
-
ދިވެހިރާއްޖެ ފަޚުރުވެރިވާނެފަދަ ދުނިޔޭގެ ފެންވަރުގެ ދިވެހި ހޮސްޕިޓެލިޓީ މެނޭޖްމަންޓް ބްރޭންޑްތަކެއް އުފެއްދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
-
ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ މިލްކުވެރިކަމުގެ ހިއްސާ އިތުރުކުރުމަށް އިންވެސްޓްމަންޓް ފަންޑެއް ތައާރަފްކޮށް، ދިވެހި ވިޔަފާރިތަކަށް ބޭރުގެ ބޮޑެތި ވިޔަފާރިތަކާ ފައިހަމަކުރުމަށް އިންވެސްޓްކުރުމަށް ބޭނުންވާ ކެޕިޓަލް ފޯރުކޮށްދިނުން. މީގެ އިތުރުން ލިވްއަބޯޑް އަދި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް މި ފަންޑުން އިންވެސްޓްކުރުން.
-
ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޓަރނޭޝަނަލް ފްލައިޓް ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކުރުމަށް ބައިނަލްއަގްވާމީ އެއަރޕޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި ސަރުކާރު މެދުވެރިވެގެން ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުން.
-
ރާއްޖޭގެ އުތުރާއި ދެކުނަކީ ވަކި ބްރޭންޑެއްގެ (ޑެސްޓިނޭޝަން ބްރޭންޑިންގ) ދަށުން މާކެޓް ކުރެވޭ ވަކި މަންޒިލްތަކެއް ކަމުގައި ހަދާނެ. މިއާއެކު، ފަތުރުވެރިކަމުގެ އާ ޕްރޮޑަކްޓްތައް ތަޢާރަފްކޮށް އާ މާކެޓްތަކުން ފަތުރުވެރިން ގެނައުމަށް އިސްކަންދިނުން.
-
ރަށުފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރިސޯޓުތަކާއި ގުޅުވައި ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދީ ރަށު އިގުތިސާދު ތަރައްގީކުރުމަށް މަގު ފަހިިކޮށްދިނުން
-
ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހި މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތަޢުލީމު ފޯރުކޮށްދީ އެފަދަ މަގާމުތަކަށް ގާބިލު ދިވެހި މުވައްޒަފުން ބިނާކުރާނެ. މިގޮތުން ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓެލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމުކުރުން.
-
ދިވެހިރާއްޖޭގެ މުއްސަނދި ތަރިކައާއި ސަގާފަތާއި ދީން ދައްކުވައިދޭ އައު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް ތަޢާރަފްކުރާނެ. މިގޮތުން ރާއްޖޭގެ ތާރީހާއި އެވޭލާ ދިރިއުޅުމާއި އާސާރުތައް ދައްކުވައިދޭ މަރުކަޒެއް ޒަމާނީ ވަސީލަތްތަކާ އެކު ބިނާކުރުން.
-
ގްރޭޓަރ މާލެ ސަރަހައްދުގައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކޮންފަރެންސްތައް ހޯސްޓް ކުރެވޭނެގޮތަށް، އެންޓަރޓައިންމަންޓް ކޮމްޕްލެކްސްއަކާއެކު ކޮންވެންޝަން އައިލެންޑެއް ތަރައްގީކުރުން.
-
ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް، ދުނިޔޭގެ ބޮޑެތި ކްރޫސްލައިނަރތަކަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނު އަދި މާލެ ސަރަހައްދުގައި ކްރޫސް ޓަރމިނަލްތަކާއި ހިދުމަތް ލިބޭ އެހެނިހެން ވަސީލަތް ގާއިމުކުރުން.
-
މައިސް ޓޫރިޒަމް ފުޅާކުރުމަށް ރާއްޖޭގެ ވަކި ސަރަހައްދެއް ކަނޑައަޅައި ވަސީލަތްތައް ގާއިމުކުރުން.
-
ފަތުރިވެރިކަމުގެ ރިޒޯޓުތަކާ ގާތުގައި އާއިލާއާއި އެކީ ދިރިއުޅެވޭނެ ބޯހިޔާވަހިކަމުގެ ސްކީމްތައް ތައާރަފްކޮށް ސްކޫލްތަކުން ޖާގަ ހޯދުން ފަދަ އިޖްތިމާއީ އަދި އިގްތިސާދީ ފުރުސަތުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުން. އަދި، މާލެ ސަރަހައްދާއި އިތުރު އަރބަން ސެންޓަރުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ ޚިދުމަތްތެރިންނަށް އަމިއްލަ ކުރެވޭނެ ބޯހިޔާވަހިކަން ފޯރުކޮށްދިނުން.
-
މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ހާއްސަ ފުރުސަތުތައް ކަނޑައަޅައި، ރިޒޯޓުތަކުގެ މަތީ މަގާމުތަކުގެ %50 ދިވެހިންނަށް ހާއްސަކުރުމުގެ އަމާޒަށް ވާސިލުވުމަށް، 5 އަހަރު ތެރޭގައި 500 ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރޝިޕް ސްކޮލަރޝިޕްތައް ފޯރުކޮށްދިނުން.
އެއަށްފަހު ދެން އޮތީ ”ޑީޖިޓަލް އިންގިލާބު“ ގެނައުމެވެ. އެމްޑީޕިއިން ބުނެފައިވާ ގޮތުގައި އާޓިފިޝަމް އިންޓެލިޖެންސް އިން ބައްޓަންވާނެ މުސްތަގްބަލަކަށް ދިވެހިން ތައްޔާރުވެ ޑިޖިޓަލް ވަމުންދާ ދުނިޔެއާއި އެއްހަމައެއްގައި ދިވެހިން ފައިތިލަ ސާބިތުކޮށް އުފާވެރި އަމާން ރާއްޖެއަކަށް ވާސިލްވެވޭނީ ޓެކްނޮލޮޖީ ގެ ބޭނުންހިފައިގެން އެކުއެކީގައެވެ. ޑިޖިޓަލް ދާއިރާއަކީ އިގުތިސާދީ އުފެއްދުންތެރިކަމުގެ މައި ތަނބަކަށް ހަދާ، ޒަމާނީ ”ޑިޖިޓަލް ފަސްޓް“ އިގުތިސާދެއްގެ ގޮތުގައި ބައްޓަންކުރުމަކީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތެވެ. އިގުތިސާދުގައި ހަރަކާތްތެރިވާ ފަރުދުންނާއި ވިޔަފާރިތަކަށް ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކުން ލިބޭ ފައިދާ އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޑިޖިޓަލް ޒަމާނުގައި، އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ފަހި ޓެކްނޮލޮޖީގެ ހައްލުތައް ލިބޭނެ ގޮތް ހޯދައިދިނުމަށް ވައުދުވެފައިވާއިރު، މިއާއެކު ޓެކޮނޮލޮޖީގެ ދާއިރާއަކީ އިގުތިސާދީ ސެކްޓަރއެއްގެ ގޮތުގައި ކަނޑައަޅައި، ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑުތަކާއި، ވަސީލަތްތަކާއި، އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ބޭރުގެ ފަރާތްތަކުންވެސް މި ދާއިރާގައި އިންވެސްޓްކުރުމަށް މަގުފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުކޮށް، ޓެކްނޮލޮޖީގެ ދާއިރާއަކީ އިގުތިސާދީ ގޮތުން މަންފާ ލިބޭ ދާއިރާއަކަށް ހެދުމަށް އެމްޑީޕީއިން ވަނީ ވައުދުވެފައެވެ.
ދިވެހިންގެ ލޭ ނާރުކަމަށް ބުނަމުން އަންނަ މަސްވެރިކަމުން ނަފާ ހޮދާ، އިގްތިސާދު ބާރުވެރިކުރުމަށްވެސް އެމްޑީޕީއިން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. އެގޮތުން:
-
ވެހި މަހުގެ ބާވަތްތަކަށް ބޭރުގެ ގައުމުތަކުން ނަގާ ޓެކްސް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަނުން ނަގާ ޓެކްސް ކުޑަކުރުން.
-
ދުނިޔޭގެ މަލްޓި ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް ކަމަށްވާ މެރިކަލްޗަރ އަދި އެކުއަކަލްޗަރއަށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްކުރުމުގެ އައު ފުރުސަތުތައް ހުޅުވައިދިނުން.
-
މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޭ ލޯނު ސްކީމް އިތުރަށް ލުއިފަސޭހަކޮށް، ފުޅާކޮށް، މަސްވެރިންނަށް ހާއްސަކޮށް މައިކްރޮފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކުރުން. އަދި ބޭންކުތަކުންދޭ ލޯން ޕްރޮޑަކްޓްތައް މަސްވެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
-
ދިވެހި މަސްއޮޑި ފަހަރު ޒާމާނީ ފެންވަރަށް ގެނެސް، ބާނާ މަހުގެ ތާޒާކަން ހިފަހައްޓައި ގިނަ ދުވަހު ކަނޑުމަތީގައި އުޅެވޭނެ ވަސީލަތްތަކާއެކީ ފިފްތު-ޖެނެރޭޝަން މަސް ދޯނި ފަހަރު ބަނުމަށް ލޯން ސްކީމް ތައާރަފްކުރުން.
-
ދިވެހި ޒުވާނުން މަސްވެރިކަމަށް ނެރުމަށްޓަކައި ސްކޫލުދައުރުން ފެށިގެން އަހުލުވެރިކޮށް، ކައުންސިލްތައް މެދުވެރިކޮށް ޕްރޮގްރާމްތައް ހިންގައި މަސްވެރިކަމަކީ ޝައުގުވެރިވާފަދަ ދާއިރާއަކަށް ހެދުން.
-
ދިވެހި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ރަމްޒުކޮށްދޭ ލޭބަލެއް ހަދާ، ބޭރުގެ ސަޕްލަޔަރުން ބަލައިގަންނަ ބްރޭންޑިންއެއް ތައާރަފްކޮށް، ކަސްޓަމްސް އިން ލިބޭ އާމްދަނީގެ އިންސައްތައެއް ކަނޑައަޅާ ދުނިޔޭގެ ފެންވަރުގައި މާކެޓް ކުރުމަށްޓަކައި އެކްސްޕޯޓް ޕްރޮމޯޝަން ބޯޑެއް ގާއިމުކުރުން.
-
ގޭގައި މަސައްކަތްކުރާ ފަރާތްތަކުން ތައްޔާރުކުރާ މަހުގެ ބާވަތްތަކުން ލިބޭ މަންފާ އިތުރުކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށް މާކެޓް ކުރުމަށް ހާއްސަ ޕްރޮޑަކްޓް ލައިނެއް ތައާރަފްކުރުން.
-
ދިވެހި މަސްވެރިންނަށް ޕްރޮފެޝަނަލް ޑައިވިންގް ތަމްރީން ދިނުމަށްޓަކައި މިހާރު ހިނގަމުންދާ ޕްރޮގްރާމްތައް ފުޅާކޮށް، މަސްވެރިން ހިލޭ ތަމްރީންކުރުމުގެ ފުރުސަތު ހުޅުވާލާ، މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން.
-
މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅުވާޅައި ގިނަ ވަޒީފާއާއި ވިޔަފާރީގެ ފުރުސަތު ހޯދައިދިނުމަށްޓަކައި މަސްވެރިކަން ”އެޑްވެންޗަރ ސްޕޯޓް“ އެއްގެ ގޮތުގައި ޕްރޮމޯޓްކުރުން.
-
ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަނެ، ރައްކާކޮށް، ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުން.
-
މުޅި ރާއްޖޭގައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބުމުގެ ނިޒާމު ފުޅާކުރުން.
-
މަސްވެރިންނަށް ދާއިރާގެ ތެރެއިން ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުންތަކުންނާއި ސިއްހީ ގޮތުން ދިމާވެދާނެ ކަންކަމުން އަރައިގަންނަން އެހީވެދޭނެ ހާއްސަ އިންޝުއަރެންސެއް ތައާރަފްކުރުން.
މީގެ އިތުރުން ދުނިޔެއަށް ކުރިމަތިވަމުން އަންނަ ކާރިސާތަކާއި ޖިއޯޕޮލިޓިކަލް ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ސެކިއުރިޓީ އަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ސްޓްރެޓީޖިކް އިންޑަސްޓްރީއެއްގެ ގޮތުގައި ދަނޑުވެރިކަން އާލާކޮށް ތަރައްގީކޮށް ދިވެހި އާބާދީއަށް ފުދޭ މިންވަރަށް ސިއްހީގޮތުން ރައްކާތެރި ކާބޯތަކެތި އުފައްދާ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ފުޅާކުރުމަށް އެމްޑީޕީއިން ވަނީ ވައުދުވެފައެވެ. ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދަނޑުވެރިންނަކީ ދުނިޔެ ބަލައިގަންނަ އެގްރިކަލްޗަރގެ ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމާ، ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޒަމާނީ އިރިގޭޝަން، ކްލައިމެޓް ސްމާރޓް އިނޮވޭޓިވް ޕްރޮޑަކްޝަން އަދި އިއާދަކުރަނިވި ހަކަތައިގެ ބޭނުން ފުޅާ ދާއިރާއެއްގައި ކުރުމަށް މަގު ފަހިކޮށްދިނުންވެސް އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެއެވެ.
މިކަން ހާސިލްކުރުމަށް ޖުމްލަ 10 ކަމެއް ކުރުމަށް ރާވާފައިވާއިރު، ދިވެހިރާއްޖޭގެ ދަނޑު ގޮވާން ކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ބިންތަކަށް މޫސުމީ ބަދަލުތަކާއި ގުޅިގެން ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ”ޤައުމީ ދަނޑުގޮވާން އިންޝުއަރެންސް ސްކީމް“ ތައާރަފް ކުރުމަށްވެސް އެމްޑީޕީއިން ވަނީ ވައުދުވެފައެވެ.
ދަތުރުފަތުރަކީ ގައުމެއް ތަރައްގީވެ ކުރިއަރައިގެން ދިއުމުގެ އެންމެ މުހިންމު އެއް އަސާސްކަމަށް އަބަދުވެސް ފާހަގަކުރެއެވެ. ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށަކާއި އާބާދީތައް ގުޅާލުމަކީ އުފާވެރި ރާއްޖެއަކަށް ބޭނުންވާ ތަރައްޤީގެ ބިންގާކަމަށް އެމްޑީޕީއިން ބުނެފައިވާއިރު، ރަށު ބަންދުން ވީއްލި، ފަސިންޖަރުންނާއި މުދަލާއި ހިދުމަތް އެއް ރަށުން އަނެއް ރަށަށް، އެއް އަތުން އަނެއް އަތަށް ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ އުފާވެރި ދިރުއުޅުން ފުރިހަމަވުމުގެ އެންމެ މުހިންމު އެއް އަސާސްކަމަށް ވަނީ ފާހަގަކޮށްފައެވެ. ފުރިހަމަ ޓްރާންސްޕޯޓް އަދި ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދީ، ދަތުރުފަތުރުގެ އައު ސިނާއަތެއް ގާއިމުކުކުރުމަށް ހަމަޖެހިފައިވާއިރު، އިގުތިސާދު ދެގުނަކުރުމުގެ ބިންގަލަކަށް މި ސިނާޢަތް ވެގެންދާނެކަމަށް އެމްޑީޕީއިން ގަބޫލުކުރެއެވެ.
މި ހުރިހާކަންކަމަކީ ފަސް އަހަރުގެ ދައުރަކަށް ބަހާލައިގެން ކުރުމަށް ގިނަ ކަންތައްތަކެއް ނަމަވެސް، އަދި ފުއްދިދާނެ ތޯ ސުވާލު އުފެދޭ ކަންތައްތަކެއް ނަމަވެސް، އެ ވިދާޅުވާ ފަދައިން އިގްތިސާދު ދެ ގުނަ ކުރުމަށް އެންމެ މުހިންމު ކަންކަމެވެ. ޕްލޭން އެއް އޮތުމަކީވެސް މުހިންމުކަމެއްކެމެވެ. އަދި ހަމައެއާއިއެކު އެކަށީގެންވާ ދިރާސާތައް ހައްދަވާ، މިސްރާބެއް ހޯދާ ރައްޔިތުންނާއި ހަމައަށް އެމްޑީޕީއިން ގެނެސްދިން ދިނުމަކީ ރައްޔިތުން ވިސްނާލުން މުހިންމުކަމެކެވެ. އެއްވެސް މިސްރާބެއް ނެތް ބަޔަކާއި ގައުމު ހަވާލުކުރުމުގެ ކުރިން ވިސްނުން މުހިންމެވެ. އެދޭ ބަދަލު ގެނައުމަށް 9 ސެޕްޓެމްބަރގައި ލިބޭ ފުރުސަތު ގެއްލުވާލައިފިނަމަ ދެން އޮތް 5 އަހަރުވެސް އެ ދަތި އުނދަގޫ ތަހައްމަލުކުރުމަށް ތިބޭނީ ހަމަ ރައްޔިތުންނެވެ.

