އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ސަންގު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަން ސަންގަށް އަންގަވައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން ސަންގުޓީވީން ވަނީ “ސަންގު ބަހުސް” ކުރިއަށް ގެންދިއުމަށް ނިންމައި ކެންޑިޑޭޓުންނަށް ދަޢުވަތު އަރުވާފައެވެ. މި ދައުވަތު މިހާރު ހުރިހާ ކެނޑިޑޭޓުން ވަނީ މި ދައުވަތު ގަބޫލުކުރައްވާ ބަހުގައި ބައިވެރިވެވަޑައިގަތުމަށް ނިންމަވާފައެވެ.
މީގެ ކުރިން މި ބަހުގައި ބައިވެރިވެވަޑައިނުގަނެވޭނެކަމަށް ރައީސް ސާލިހު އަންގަވާފައިވަނީ، ކެމްޕެއިން އެކިއެކި ހަރަކާތްތައް ރާވައި ހުރި ގޮތުންނާއި، އޭރު ދެ ބަހުސްއަކަށް ވަޑައިގަންނަވަންޖެހިފައި އޮތުމުން ކެމްޕެއިން ދަތުރުތަކަށް ބުރޫ އަރާނެތީއެވެ. ނަމަވެސް މިހާރު ރިޔާސީ އިންތިހާބަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސްއަކީ، ހަމައެކަނި ”ސަންގު ބަހުސް“ އެވެ.
މީގެ ކުރިން ބަހުސްއެއް ބޭއްވުމަށް އިންތިޒާމުކުރަމުން އައި ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ނެރުން ބަޔާނުގައިވާ ގޮތުން، ކުރިން އެ ކުންފުނިން ވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރިޔާސީ ބަހުސް ބޭއްވުމަށް ކަނޑައަޅާފައެވެ. ނަމަވެސް ބަހުގައި ބައިވެރިވެވަޑައިގަންވާ ކެންޑިޑޭޓުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާތީ، ބައެއް ކެންޑިޑޭޓުންނަށް އެ ދުވަހު ބޭއްވުމަށް ރާވާފައިވާ ބަހުސްގައި ބައިވެރިނުވެވޭތީ ބަހުސް ފަހުގެ ތަރީހަކަށް ބަދަލުކުރުމުގެ ބަދަލުގައި ޕީއެސްއެމްއިން ވަނީ ބަހުސް ކެންސަލް ކުރުމަށް ނިންމާފައެވެ. ޕީއެސްއެމްއިން ބުނެފައިވާގޮތުން، އިންތިހާބާއި ގާތްވެފައިވުމުން ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމުން ކެންޑިޑޭޓުންނަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ފެނެއެވެ.
އެހެންކަމުން މިހާރުވެސް ބަހުސްއެއް ރާވާފައިވާ ފަރާތަކާއިއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ފާހަގަކޮށް، ޕީއެސްއެމްއިން ވަނީ ސަންގުޓީވީއިން އިންތިޒާމުކުރަމުންދާ ބަހުސްގައި ޕާޓްނަރެއްގެ ހައިސިއްޔަތުން ބައިވެރިވެ، ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

