ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކުއަޑޯރގެ ޖަލުތަކެއްގައި ގާޑުން ރަހީނުކޮށްފި!

އެކުއަޑޯރގެ ޖަލެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުއަޑޯރގެ ޖަލުތަކުގައި ތިބި ގައިދީންވެގެން އެ ޖަލުތަކުގައި ތިބި ގާޑުންތަކެއް ރަހީނުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން، މި ހާދިސާ ހިނގާފައިވަނީ 6 ޖަލެއްގައެވެ. އެގޮތުން ޖުމުލަކޮށް 50 ގާޑުން ރަހީނުކުރި އިރު، ފުލުހުންގެ 7 އޮފިސަރަކުވެސް ރަހީނުކުރިކަމަށްވެއެވެ. ގިނަ ވަގުތުތަކަކަށްފަހު މިހާރު އެ އެންމެންވެސް ދޫކޮށްލާފައިވާއިރު، އެ މީހުންގެ ސިއްހީ ހާލަތު ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކަށް މައުލޫމާތު ދިން އެކުއަޑޯރގެ ޖަލުތަކާއި ބެހޭ މުއައްސަސާގެ އޮފިޝަލުން ބުނާގޮތުން، އެ އަމަލު ހިންގާފައިވަނީ އެކި ޖަލުތަކުގައި ތިބި ގައިދީން ގުޅިގެންނެވެ. އެ އަމަލަކީ ޖަލުތަކުގައި ބާރުވެރިވަމުންދިޔަ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ޖަމާއަތްތަކުގެ ބާރު ކަނޑުވާލުމަށް ކުރަމުންދިޔަ މަސައްކަތްތަކުގެ ސަބަބުން އިންޒާރެއް ދިނުމުގެ ގޮތުން ހިންގި އަމަލެއްކަމަށް ބުނެފައިވެއެވެ. އަދި ދާދި ފަހުން އެ ގައުމުގެ ވެރި ރަށުގައި ހުރި ފުލުހުންގެ މަރުކަޒެއްގެ ގާތުގައި ގޮއްވާލި ކާރު ބޮންތަކަކާއި އެފަދަ ޖަމާއަތްތަކާއި ގުޅުން ހުރިކަމަށް ބެލެވޭ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނާގޮތުން ދެ ބޮމެއް ގޮއްވާލި އިރު، އޭގެން އެއް ބޮމަކީ ޖަލެއްގެ ތެރޭގައި ހިންގި ރެއިޑެއްގެ ސަބަބުން އުފެދުނު ރުޅިވެރިކަމުގެ ތެރެއިން ހިންގި އަމަލެއްކަމަށް ބެލެވެއެވެ. އެ ޖަލުގައި ރެއިޑެއް ހިންގާފައިވަނީ ހަތިޔާރި ހޯދުމުގެ ގޮތުންކަމަށް ބުނެފައިވެއެވެ. އަދި އެ ޖަލަކީ ގައުމުގެ އެންމެ ބޮޑު އެއް ޖަލުކަމަށާއި އެތައް ސަތޭކަ ފުލުހުންނާއި ސިފައިން ގުޅިގެން އެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ޖަލުގައި އިތުރު ހަމަނުޖެހުންތަކަށް ޖާގަ ހަނިކުރުމުގެ ގޮތުންކަމަށްވެސް ބުނެފައިވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން އެ ޖަލުގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން އެތައް ވަސީލަތަކަށް ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރޭގައި ކުށް ކުރާ ޒުވާނުން ބަލަހައްޓާ ޔުނިޓަކަށްވެސް އަލިފާން ރޯކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވެސް ޝާއިއުކުރެވިފައިވެއެވެ.

ރަހީނުކުރި މީހުން ދޫކޮށްލި ސަބަބެއް އަދި ހާމަކޮށްފައިނުވާކަމަށް ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް ޖަލުތަކުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކުށްކުރާ ޖަމާއަތްތަކުގެ ނުރުހުން އަމާޒުވެ ހަމަލާތައްވެސް ދެމުންދާކަމަށާއި އެކަމުގެ މަގުސަދަކީ ބިރުދެއްކުންކަމަށް އެކުއަޑޯރގެ ރައީސް ގިއެރްމޯ ލާސޯ ބުނެފައިވެއެވެ. މީގެ ދުވަސްތަކެއް ކުރިން އެކުއަޑޯރގައި މޭޔަރެއް މަރާލައި ގާޑުންތަކެއް ރަހީނުކުރި މައްސަލައެއްގައި ކުއްލި ހާލަތުވެސް އިއުލާނުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: