ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރޢީސް ޢިބްރާހިމް މުހައްމަދު ސާލިހަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިލްހާމް އެމްޑީޕީއަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވީ ގައުމު މިއަދު އޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ ކަމަށާއި، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރުވެސް ބުނަމުން ދާތީކަމަށެވެ. އަދި އިލްހާމް ވިދާޅުވީ އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާ މެދު ވިސްނަވާކަމަށެވެ.
އެމްޑީޕީއަށް ތާއިދު ކުރެއްވީ ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ބޭފުޅުންނާއި މާޝްވަރާ ކުރުމަށްފަހު ކަމަށް އިލްހާމް ވިދާޅުވީއެވެ. އަދި އޭގެ އިތުރުން ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫޜިއްޔާގެ މަގާމަށް އެންމެ އެކަށޭނެ އަދި ގާބިލް ބޭފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަމަށެވެ.
ރައީސް ސާލިހްއަކީ ގައުމު ހަލަބޮލިނުކޮށް، ސުލްހަވެރިކަމާއިއެކު ވެރިކަން ކުރެއްވޭނެ ކަން ސާބިތުކޮށްދެއްވި ވެރިއެއްކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވާދަވެރި ސިޔާސި ހަރަކާތްތަށް ހިންގަން ފުރުސަތުދެއްވައިގެން ވެސް ވެރިކަން ކުރެއްވޭނެ ކަން ދައްކުވައިދެއްވާފަ ވާކަމެވެ.

