އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ނިޒާމީ ވޯޓުގެ މަސައްކަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެއްބަސްވެ ވަޑައިގެންފިއެވެ.
މިކަން ހާމަ ކުރެއްވީ ރައީސް ސާލިޙް ރައީސް ނަޝީދާއިއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމަށް ފަހުއެވެ.
މިއަދު ހެދުނު 10:30 އެހާއިރު ރައީސް ނަޝީދު ރައީސް އޮފީހަށް ވަޑައިގެންނަވާފައިވާއިރު، ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމަށްފަހު، މީޑިއާތަކާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުޑަ ދުވަސްކޮޅަކަށްފަހު ރައިސް ނަޝީދާއި ބައްދަލުވީއިރު، ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅިގެން ވަހަކަ ދައްކާފައިވާނެކަމަށެވެ.
އޭގެ ތެރޭގައި މަޖިލީހުން ފާސްކޮށްފައިވާ، ނިޒާމީ ވޯޓާއި ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތައް ހިމެނޭކަމަށާއި، އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅޭ ގޮތުންވެސް ވާހަކަދެކެވުނުކަމަށް ރައީސް ވިދާޅުވިއެވެ. ނިޒާމީ ވޯޓާއި ގުޅިގެން ކުރެވުނު މަޝްވަރާގައި ނިންމީ ރިޔާސީ އިންތިހާބަށްފަހު އޭގެ މަސައްކަތްތައް ފަށައިގަތުމަށްކަމަށް ވިދާޅުވިއެވެ.
އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް އެ މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު އިހަށް އެ ވާހ ަކަ އިތުރު ތަފްސީލުގެ ވާހަކަ ނުދައްކާ، ދެވަނަ ބުރުގެ ވޯޓު ނިމުމުގެ ކުރިން އެއަށް ނުދިއުމަށް، އެ ވާހަކަ ނުދެއްކުމަށް، އަދި އޭގެ ފަހުން ހަމަ ނިމުމާއިއެކީގައި، އަދި ކޮންމެ ގޮތަކަށް އިންތިހާބު ނިމުނުކަމަށް ވީނަމަވެސް އޭގެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާނަން.
ރައީސް ވިދާޅުވިއެވެ.
ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ދަ ޑިމޮކްރެޓްސްއިން ތާއީދުނުކުރާނެކަމަށާއި، ތިއްބަވާނީ ނިއުޓްރަލްކޮށްކަމަށް ރައީސް ނަޝީދު ދަންނެވިކަމަށް ރައީސް ވިދާޅުވިއެވެ.
ޕާޓިއިން ވަކި ކޮޅަކަށް ނުޖެހުނު ނަމަވެސް، ރައީސް ނަޝީދު އެމަނިކުފާނުގެ އަމިއްލަ ހައިސިއްޔަތުން ރައީސް ސާލިހަށް ތާއީދުކުރައްވާނެކަން ހިއްސާކުރެއްވިތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ އެ މަޝްވަރާވެސް ކުރެވުނުކަމަށެވެ. ނަމަވެސް ތަފްސީލު ހާމަކުރައްވާނީ ފަހުންކަމަށް ވިދާޅުވިއެވެ.

