ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް މަޑުޖެހިފައި ވަނީ އެމްޑީޕީއިން ނަންތައް ނުފޮނުވައިގެން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް މަޑުޖެހިފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން، ކޮމިޓީތަކުގައި ހިމެނުމަށް އެ ޕާޓީން ބޭނުންވާ މެންބަރުންގެ ނަންތައް ނުފޮނުވައިގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން މަޖިލީސް ނުބޭއްވި ދުވަސްތަކެއް ދިއުމަށް ފަހު، މިއަދު އޮތް މި ދައުރުގެ ހަތްވަނަ ޖަލްސާއަށް ވަނީ ނިޒާމީ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ގޮތެއް ނިންމުމާއި އަދި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ ކިޔުން އިއްވަން ތާވަލުކޮށްފައެވެ.

މިއަދުގެ މަޖިލީސް ފައްޓަވަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ، އެންމެ ފަހުން ބޭއްވުނު ޖަލްސާގައި ޕާޓީތަކުން މަޖިލީހުގައި މެންބަރުން ތަމްސީލް ކުރައްވާ އަދަދުތަކަށް އައިސްފައިވާ ބަދަލުތަކާއި، އެ ބަދަލުތަކާއެކު ކޮމިޓީތަކުން ޕާޓީތަކަށް ފުރުސަތު ލިބޭނެ ނިސްބަތް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް މިހާރު މަޑުޖެހިފައިވަނީ އެމްޑީޕީން، އެ ޕާޓީން ކޮމިޓީތަކުގައި ބައިތިއްބަން ބޭނުންވާ މެންބަރުންގެ ނަންތައް ފޮނުވާފައިނުވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިއަދާ ހަމައަށް މެންބަރުންގެ ނަންތައް ފޮނުވާފައިވަނީ ޕީޕީއެމް/ޕީއެންސީ އަދި ޑިމޮކްރެޓްސްއިން އެކަނި ކަމަށެވެ.

”ހާއްސަ ގޮތެއްގައި އެމްޑީޕީން ނުލިބޭ ކަމުން، މި ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވި އަޅުގަނޑުމެންނަށް އަދިވެސް މިތިބީ. އެހެންވީމާ އެމްޑީޕީގެ ނަންތައް ލިބި، އަޅުގަނޑުމެންނަށް އެ ނަންތަކަށް ވޯޓަށް އެހި، ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނޭ ކަމަށް އުންމީދު ކުރަމުން މި ދަނީ،“ ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އެ ޕާޓީގައި ތިއްބެވި ގިނަ މަޖިލީސް މެންބަރުންތަކެއް ވަނީ އެ ޕާޓީން ވަކިވެފައެވެ. ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލަން ޖެހުނީ އެ ދުވަސްވަރެވެ. އެކަމަކު، އެހެން އޮއްވައި، އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެއްފަހަރައި ހުށަހެޅީއެވެ.

ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެއް ފަހަރައި ހުށަހެޅުމުން ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެފައެވެ. އެހެންވެ، އެ މައްސަލައިގައި ވެސް މަޖިލީސް ހުއްޓިފައި އޮތެވެ.

އޭގެ ފަހުން އަނެއްކާ ވެސް، ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވައި މެންބަރުން އުފައްދަވަން މަސައްކަތް ކުރެއްވި ދަ ޑިމޮކްރެޓްސް އުފެދުމާ އެކު އަނެއްކާ ވެސް އަލުން ކޮމިޓީތައް އެކުލަވައިލަން ޖެހުނީއެވެ. އޭގެ ފަހުން، ދެ ޕާޓީގެ ދެމެދުގައި ބައެއް މެންބަރުން ބަދަލުވުމުގެ ސަބަބުން ވެސް އެ މަސައްކަތް އިތުރަށް ކުރަން ޖެހުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: