ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިން އަނބުރާ ގެންގޮސްފައިވަނީ މަސްލަހަތަށްޓަކައި: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިން އަނބުރާ ގެންގޮސްފައިވަނީ މަސްލަހަތަށްޓަކައިކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރަސްމީކޮށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއި އެކު ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅައިފައިވަނީ ރިޔާސީ އިންތިޚާބު ކުރިންނެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރަަށް ދިޔަ އިރު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސޮއި އަނބުރާ ގެންދަވާފައެވެ. ނަމަވެސް ރައީސް ނަޝީދު އެމްޑީޕީއަށް ދެވަނަ ބުރުގައި ތާއިދުކޮށްފައެއް ނުވެއެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީއިން ދިއައީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްގެ ކުރިން ނިޒާމީ ވޯޓް ނެގުމަށް އެމްޑީޕީއާއި އެކު މަޝްވަރާރާ ކުރުމަށް އެދެމުންނެވެ. އެމްޑީޕީއިން ތާއިދުކޮށްފައިވަނީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށް ފަހު ނިޒާމީ ވޯޓް ނެގުމަށެވެ.

ނަމަވެސް އިންތިޚާބުން ރައީސް ޞާލިހަށް ލިބުނު ނާކާމިޔާބީއާއި އެކު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީއިން ނިންމާފައިވަނީ ނިޒާމީ ވޯޓް ނުނެގުމަށެވެ. އަދި އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް މުޅި ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެއަށްފަހު އިއްޔެ އަނެއްކާވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިގެން ދިޔައެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ހާމަކޮށްފައިވަނީ ރައީސް ނަޝީދަށް އެއްވެސް ވަރަކަށް އިތުބާރު ނެތްކަމަށެވެ. އަދި މި މައްސަލަ އަލުން އަނބުރާ ނުގެންދާނެކަމަށްވެސް ބުނެފައިވެއެވެ. ޖުމްލަ 49 މެމްބަރުން މިފަހަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއިކޮށްފައިވެއެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައީސް ނަޝީދު މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަންކަން ނުކުރައްވާ ކަމަށާއި، މަޖިލީހުގެ އެޖެންޑާ ސެޓް ކުރުމުގައި މެޖޯރިޓީ ޕާޓީގެ ބަސް އެއްވެސް ވަރަކަށް ނުހިނގާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ނުވަތަ ނޫންތޯ އެކަމުގައި ގޮތެއް ނިންމުމުގެ އިޚްތިޔާރު ރައީސް ނަޝީދަށް ލިބިގެން ނުވާކަމަށެވެ. އެކަން ނިންމަންވާނީ މަޖިލީޙުގެ އަމީން އާންމު ކަމަށާއި އަމީން އާންމު އެކަމުގައި ގޮތެއް ނިންމުމުގައި ކައުންސެލާ ޖެނެރަލްގެ ބަސް ހޯއްދަވާނެ ކަމަށް ގަބޫލުކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިތުބާރު ނެތްކަމުގެ މި މައްސަލަ ކުރިއަށް ނުގެންދެވޭފަދަ ހުރަހެއް މަޖިލީހުގެ ގަވައިދުގައި ނެތް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔަކަން ފާހަގަކޮށް ބައެއް ނޫސްވެރިން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެނައިރުވެސް އެމްޑިޕީގެ ބައެއް މެންބަރުން އެކަމާ ނުރުހުނު ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ އަނބުރާ ގެނައީ އޭރުގެ ހާލަތަށް ބެލުމަށްފަހު މަސްލަހަތު އިސްކޮށްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: