ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ބިލުގެ ބަހުސްއާއި އެކު އެމްޑީޕީގެ އިހުލާސްތެރިކަމާއި މެދު ސުވާލުތަކެއް!

ރައްްޔިތުންގެ މަޖިލީހުގެ މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާކޮށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމާނާފައިވާ މި މަސައްކަތް ވެރިކަމުގެ ދައުރު ނިމިގެންދާއިރު ވެސް ފުރިހަމަ ނުވެ އޮތުމުން ގިނަ ބައެއްގެ ފާޑުކިއުން ވެސް އަމާޒުވި އެވެ.

ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެންމެ ގިނައިން އަމާޒުވި މި ސުވާލަށް އެމަނިކުފާނު ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ކުރެވިފައިވާކަމަށާއި، އަދި ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަވާނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ވަނިކޮށް މިއަދު މަޖިލީހުގައި ބަހުސް ފެށި އެއް ބިލަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހެވެ. މިދިޔަ ދައުރުގައި ވެސް އިސްލާހު ހުށަހެޅުމާއި އެކު ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފެއްދި އެވެ.

މަޖިލީހުގެ އިބްތިދާއީ ބަހުސްގައި އެމްޑީޕީގެ މެމްބަރުންނާއި، އެހެން މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދު ކުރިއިރު އެމްޑީޕީގެ މެމްބަރުން ވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. މިއަދުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޖޭއެސްސީ ބިލު ހުށަހެޅިތާ އެތައް ދުވަހެއްވީ އިރު އެ އެޖެންޑާ ނުކޮށް އޮތީ ސަރުކާރު ގޯސް ކުރުމުގެ ނިޔަތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ރިޔާސަތުން ރާވައިގެން ސަރުކާރުގެ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތަށް ހުރަސް އެޅުމަށް ކުރިކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މިއީ ރާވައިގެން ސަރުކާރުގެ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރިކަމެއްކަމަށް އަޅުގަނޑު ހިތާމައާއި އެކު ފާހަގަކުރަން

ޝަރީފްގެ ވާހަކަފުޅަށް ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީލަށް ބިލު ލިބުނީ ޖުލައި މަހު ކަމަށެވެ. އެއަށް ފަހު ސެޕްޓެމްބަރު މަހު ފުރަތަމަ ކިއުން އިއްވުނުކަން ވިދާޅުވި އެވެ. ރައްދުގައި ޝަރީފް ވިދާޅުވީ ބިލުތައް ލިބުމުން ޖެހިގެން އަންނަ ދުވަހަށް ވެސް އެ ތާވަލު ކުރާކަމަށާއި، ޖުލައި މަހު ލިބުނު ބިލެއް ސެޕްޓެމްބަރު މަހު ފުރަތަމަ ކިއުން އިއްވުމުން ވެސް ރިޔާސަތުގެ ނިޔަތް ސާފުވާ ކަމަށެވެ.

އެހެންވެ ޝަރީފް ގޮވާލީ މިއީ މުހިންމު އިސްލާހަކަށް ވާތީ ވީހާވެސް އަވަހަށް ބިލު ފާސް ކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ބިލުގެ މަގްސަދުގެ ތެރޭގައި ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުން ހިމެނޭ ކަމަށެވެ. އެހެންކަމުން އެއްބާރުގެ ގޮތުގައި އޮތް މަޖިލީހުގެ ރައީސް އެ ކޮމިޝަނުން ބޭރު ކުރުމަށް ކުރާ ކަންކަމަކީ ވެސް ސިޔާސީ ވުންކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ހިސާން އެންޑް، ރިފްއަތު އެންޑް ކޯ.. ކިޔާތަނަކަށް މި އައުޓްސޯސް ކުރަނީ… ދިވެހިރާއްޖޭގެ ޖުޑިޝަލް ސާވިސް ކޮމިޝަން މި އައުޓް ސޯސް މިކޮށްލަނީ..

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޖުޑިޝަރީ އާއި ޖޭއެސްސީގެ ނަން ބޭނުންކޮށްގެން ވެރިކަމަށް އައުމަށް ފަހު މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ނަގައި ސަރުކާރަށް ނެރެވުނު އެއްވެސް ނަތީޖާއެއް ނެތް ކަމަށެވެ. ސަރުކާރު ބަދަލުވާނެކަން ޔަގީންވުމާއި އެކު ބިލު ފޮނުވައި ބިލުގެ މަސައްކަތްތައް ކުރުމަކީ ވެސް، ގޯސް ނިޔަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް އިރެއްގައެއް.. އެމްޑީޕީންނެއް ޖުޑިޝަރީ އިސްލާހު ކުރާކަށް މަސައްކަތެއް ނުކުރޭ…

އައްޑޫ ހުޅުދޫ ދައިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ސަރުކާރުން އަބަދުވެސް ޖޭއެސްސީ ބޭނުން ކުރަމުން އައީ ސިޔާސީ  ޓޫލްއެއްގެ ގޮތުގައި ކަމަށެވެ. އިލްޔާސް ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަކީ ތަކުރާރުކޮށް ފަނޑިޔާރުންނަށް ގުޅުއްވައި ހުކުމްތައް ނެރެންވީ ގޮތާއި މެދު އެންގުންތައް އަންގަމުން ގެންދާ ބޭފުޅެއް ކަމަށެވެ. އަދި ހިތްހަމަނުޖެހޭ ކަމަކާއި އެކު އެ ފަންޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާއިރު މި ހުރިހާކަމެއް އެއްކޮށް ކޮންޓްރޯލް ކުރަނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިލްޔާސް ވިދާޅުވި އެވެ.

މައްސަލައެއް ނިންމެނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަކަށް.. ޗީފް އޮފް ސްޓާފް ގުޅުއްވައިގެން އެބޭފުޅާ އަތް ބާނައިގެން ނޫން ގޮތަކަށް އެއްކަމެއް ވެސް ނުކުރޭ..

ބިލަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީ އެކުލެވުން ބަދަލު ކުރާ ބިލު އޮތީ އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ނޫން ކަމަށެވެ. ޖޭއެސްސީގައި ބައެއް ފަނޑިޔާރުން ތިއްބަވާ ގޮތަށް އޮތް އިރު އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތަށް ފަނޑިޔާރުން ފާރުވެރި ވެދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ފަނޑިޔާރުންނަށް، އެބޭފުޅުން ކުރާ މަސައްކަތަށް ފާރަވެރިވެދާނެކަމަށް

މެމްބަރުންނަށް ރައްދު ދީ، އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން އެމްޑީޕީން ހުށަހެޅި ގޮތަށް ބަދަލު ކުރުމުން އެ ކޮމިޝަނުގެ މެޖޯރިޓީ އޮންނާނީ ދައުލަތުގެ ވެރިޔާގެ ބަދަލުގައި ސީދާ ފަންޑިޔާރުންގެ އަތުގައި ކަމަށެވެ.

ސަރުކާރުން ޖޭއެސްސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އެޓާނީ ޖެނެރަލް، ތިން މަރުހަލާގެ ކޯޓުގެ ފަނޑިޔާރުން (ކްރިމިނަލް ކޯޓު، ހައިކޯޓު، ސުޕްރީމް ކޯޓު)، ވަކީލުން އައްޔަނު ކުރާ މެމްބަރެއް އަދި އާންމުންގެ ތެރެއިން މަޖިލީހުން ނަން ފާސްވެގެން އަންނަ މީހެއގެ އިތުރުން މަޖިލީހުން އައްޔަނު ކުރާ މެމްބަރެކެވެ.

ޖޭއެސްސީ މިހާރު އެކުލަވާލާފައި އޮންނަ ގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނަށް ތިބެވެ އެވެ. އަދި އެ މީހުންގެ ސަބަބުން ފަނޑިޔާރުގެތަކަށް ނުފޫޒު ވަންނަކަމަށް ތުހުމަތުތައް ކުރެވެ އެވެ. އަދި އެ ފުރުސަތު އޮންނާނެކަން މީޑިއާތަކުން ވެސް ރިޕޯޓު ކުރެ އެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ މީހުން މަގާމުން ވަކިކޮށްފަ އެވެ.

ޖޭއެސްސީގައި ހިމެނެނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެ އިތުރުން އެ ބޭފުޅުން ވަނީ 2018 ގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ވެސް ވަކާލާތުކޮށްފަ އެވެ.

ޖޭއެސްސީގެ ރައީސަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ޖޭއެސްސީގައި އިންނަވަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތާއި އެކު، ރައީސްގެ މަންދޫބެއްގެ ގޮތުން މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: