ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމުގެ ވާހަކަ ދެއްކީ ވޯޓަށް، ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޝަރުއީ ނިޒާމު މިނިވަންކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ ވާހަކަ މި ސަރުކާރުން ދެއްކީ ވެރިކަމަށް އައުމަށް ވޯޓު ހޯދުމުގެ ބޭނުމުގައިކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ރިވިއުކޮށް، އަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރުވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ.

ކޮމިޝަން އެކުލެވިގެން ވާ ގޮތް އިސްލާހު ކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މީގެ ކުރިން ސަރުކާރުން ބުނީ، އެ ވައުދު ފުއްދޭނެ ސީދާ ދުވަހެއް ނޭނގޭކަމަށާއި، ވެރިކަމުގެ މި ދައުރުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ނުގެނުވުން އެކަށީގެންވާ ކަމަށެވެ. އެއަށް ފަހު އަނެއްކަވެސް މިދިޔަ އަހަރު އާއްމު ކުރި މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ބިލުތަކުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލު ހިމެނި އެވެ. އަދި މި އަހަރުގެ މަޖިލީހުގެ ފުރަަތަމަ ދައުރަށް ހުށަހަޅާނެކަމަށް ބުނި އިސްލާހު ދައުރު ނިމުނުއިރު ވެސް ހުށަހެޅިފައި ނުވެ އެވެ.

ވޯޓާއި ދެމެދު ބާކީ ދެން އޮތީ ފަސް މަސް ދުވަސްކަމަށްވުމާއި އެކު، އެ މުއްދަތުގެ ތެރޭގައި އިސްލާހު ގެނެވޭނެކަމަށް ނުބެލެވެ އެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ފުރަތަމަ ވިދާޅުވީ ޖޭއެސްސީގެ ބިލު ފޮނުވާފައިވާކަމަށެވެ. އެކަމަކު ޕްރެސް ނިމުނުތާ ގިނައިރުތަކެއް ފަހުން މީޑިއާ ހެޑްސް ގުރޫޕަށް ފޮނުވި މެސެޖުގައި މިއުވާން ވިދާޅުވީ އެގޮތަށް އޭނާއަށް ބުނެވުނީ އޮޅިގެން ކަމަށެވެ.

ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް، އަލީ ހުސެއިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހެޔޮނިޔަތުގައި ކުރާ އެއްވެސް ކަމެއް ނުފެންނަ ތަނުގައި ހެޔޮނިޔަތުގެ އަސަރެއްވެސް ސަރުކާރުން މިހާރު ނުފެންނަ ކަމަށެވެ.

 

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީ އިސްލާހުކުރުމާއި ގުޅޭ ގޮތުން ”ސަންގު“ އިން ސުވާލުކުރުމުން މިއުވާން ވިދާޅުވީ އެމަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައިކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތަކަށް ސަރުކާރަށް ނުފޫޒު ނުފޯރުވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތީ ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކުގެ ބިލެވެ. ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ހުށައަޅާ އިސްލާހެއް ނޫނެވެ.

ރައީސް އޮފީހުން ނޫސްވެރިންނަށް ހާއްސަކޮށްގެން ހަދާފައިވާ ވަޓަސްއަޕް ގުރޫޕަށް މިއުވާން ފޮނުވި މެސެޖެއްގައި ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާޙްގެ ބިލު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިކަމަށް ވިދާޅުވެވުނީ އޮޅިގެންކަމަށެވެ. އަދި އެހެން ވިދާޅުވެވުނީ އެ ބިލާ ގުޅޭ ގޮތުން ސުވާލުކުރުމުން އެހެން ބިލެއްކަމަށް ހީފުޅުވެގެންކަމަށް މިއުވާނު ވިދާޅުވިއެވެ.

އިދިކޮޅުގައި އޮވެ، އެމްޑީޕީން އޭރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒު ކުރީ ރާއްޖޭގެ ޖުޑިޝަރީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައިއެވެ. އަދި ކޯޓުތަކާއި، ފަނޑިޔާރުންނަކީ ސަރުކާރުގެ ނުފޫޒުގެ ދަށުން އެއްކިބާވެފައި ތިބޭ ބަޔަކަށް ހެދުމަށާއި ޝަރީއަތްތަކަށް ފަހު ހުކުމްތައް ވަކި ގޮތަކަށް ނެރެން ރައީސް ޔާމީން މަޖުބޫރު ކުރުވިކަމަށް ތުހުމަތު ކުރިއެވެ. އެ ހުރިހާ މައްސަލައެއްގެ ހައްލަކީ، އެމްޑީޕީން ބުނީ ޖޭއެސްސީ އެކުލެވިގެން ވާ ގޮތް ބަދަލުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: