ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ: ސަރުކާރަށްތަ؟ އިދިކޮޅަށްތަ؟

ރައީސް ޔާމީން، ރައީސް ސާލިހު ، ރައީސް މުއިއްޒު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަކީ ދިވެހި ތަހުތަށް މީހަކު އައްޔަނުކުރުމުގައި ރައްޔިތުންނަށް ހެދޭ ގޯހަކުން ސަލާމަތްވުމަށް އޮންނަ ދިފާއީ ނިޒާމެވެ. މިހެން ބުނެވެނީ ރައީސްކަމަށް އަންނަ މީހާ އަޒުލުކުރުމުގެ ބާރުވެސް އެ މަޖިލީހަށް ލިބިފައިވާތީއެވެ. އެހެންކަމުން ގާނޫނުތައް އެކުލަވާލާ ފާސްކުރުމުގެ އިތުރުން ދިވެހި ރައްޔިތުންނަށް އުޖާލާ ދިރިއުޅުމެއް ކަށަވަރުކުރުމުގައިވެސް މަޖިލީސް މުހިންމު ދައުރެއް އަދާކުރެއެވެ.

އެހެންނަމަަވެސް ތާރީހަށް ބަލާއިރު، ރައްޔިތުން އެތަނަށް އިތުބާރު ކުރަންވީ މާ ބޮޑު ސަބަބުތަކެއް ނުފެނެއެވެ. ގައުމެއް ކުރިއަށް ގެންދިއުމުގައި މަޖުބޫރު ކަންކަން ކުރަމުންދިޔަ ނަމަވެސް ރައްޔިތުންނާއި ގާތުން ހިދުމަތްތަކެއް ދެމުންދާނެކަމަށް ބެލެވޭ މިންވަރަށް އެ ބޭނުންވާ ކުދި ލުއި ފަސޭހަތަކާއި މުހިންމު ބާރުތަކާއި ހައްގުތައް ކަށަވަރުކޮށްދިނުމުގައި ދައުރަކަށް ފަހު ދައުރެއް މަޖިލިސް އަންނަނީ ފެއިލްވަމުންނެވެ. ބައެއް މެމްބަރުން އެތައް ދައުރެއްގެ މަތިން ތިއްބެވިއިރު، މެމްބަރުން ބަދަލުވަމުންދާ ދިއުމާއިއެކުވެސް ރައްޔިތުންގެ ހާލަތަށް ބަދަލެއް ނާދެއެވެ.

މިގޮތުގެ މަތިން ކަން ދިމާވަމުންދަނީ އެކަށީގެންވާ ގޮތުގެ މަތިން މަސައްކަތްތައް ނުކުރެވޭތީކަމަށްވެސް ބުނެވިދާނެއެވެ. މި ފަހުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޮތް އިތުބާރު ކުޑަވެ، ރައްޔިތުންގެ ތެރޭގައި މެމްބަރުން ވަކި ކުރުމުގެ ބާރު ކަށަވަރުކުރުމުގެ ވާހަކަތައް ދެކެވުމުން ބައެއް މެމްބަރުން އެކަމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ދަޅަ ދެއްކެވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަސްލަހަތު ހިމެނޭ އެ ބިލުގެ ބަދަލުގައި މުޅި މަޖިލިސް ވެގެން ފާސްކުރީ ސިޔާސީ ޕާޓީތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ފަރުމާކޮށްފައިވާ ފްލޯ ކްރޮސިންގް ބިލެކެވެ. އެ ބިލުގެ ބަދަލުގައި ރައްޔިތުން އެދުނު މަސައްކަތްތައް ކުރުމަށް ޖާގަ އޮތް އިރު އެ ކަންބޮޑުވުންތަކަށް ދިނީ ބީރު ކަންފަތެކެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން އޮންނާނެ ނުވަތަ ބެހިގެންދާނެ ގޮތާއިމެދު ގޮތް ނިންމުމަށް ލިބިގެންދާ ފުރުސަތު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އެއް ކަމެއް ކުރަންޖެހޭކަން ސާފެވެ. ރައްޔިތުން ނުކުމެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަންޖެހެއެވެ. ބޮޑު ގޯހެއްގެ ބަދަލުގައި އެޔަށްވުރެ ކުޑަ ގޯހެއް އިހުތިޔާރުކުރުމުގެ ފުރުސަތު ނެތްކަން ވެރިކަމުގެ ކޮންމެ ދައުރަކާއިއެކު ދަށަށް ދަމުންދާ ދިވެހި މުޖުތަމައުގެ އިޖްތިމާއީ ހާލަތާއިއެކު ސާފުވާނެއެވެ.

މިކަމާއި ގުޅިގެން ސިޔާސީ މީހުންގެ ވާހަކަތައް ހުރީ އެކި ގޮތަށެވެ. އެއް ބަޔަކު ބުނަނީ ސަރުކާރަށް މެޖޯރިޓީ ދިނުމަށެވެ. އަނެއް ބަޔަކު ބުނަނީ އިދިކޮޅަށް މެޖޯރިޓީ ދިނުމަށެވެ. އަނެއް ބަޔަކު ބުނަނީ އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކަށް ދިނުމަށެވެ. އެހެންކަމުން މި ފިޔަވަޅުތަކުގެ ނަތީޖާއަށް ބަލާލުން މުހިންމެވެ.

ނިމިދިޔަ ވެރިކަމުގެ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ވެރިކަން ކުރި މައި ޕާޓީ އެމްޑީޕީގެ އަތުގައެވެ. އެ ޕާޓީއިން އޭރު ދެއްކީ މިއަދު ޕީއެންސީއިން ދައްކަމުންދާ ވާހަކަތަކެވެ. ސަރުކާރަށް މަޖިލިސް ލިބިގެން ނޫނީ ކުރި ނުކަނޑާނެކަމުގެ ވާހަކައެވެ. އެހެންނަމަވެސް އެ ހުރިހާ ބާރެއް ދިން ވެރިކަން ރައްޔިތުން ނިމުމަކަށް ގެނައީ ރައްހިތުން އެދުނު ގޮތަށް މަސައްކަތްތައް ކުރިއަށް ނުދާތީއެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގައި ތިއްބެވި މެމްބަރުން ރައްޔިތުންގެ ބަދަލުގައި ތަމްސީލުކުރީ ޕާޓީކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

ޕީޕީއެމް ޕީއެންސީއިން އޭރު އިދިކޮޅުގައި އޮތް އިރު ދައްކަމުންދިޔައީ ސަރުކާރަށް ސުޕާރ މެޖޯރިޓީ ދިނުމުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ވާހަކައެވެ. އެގޮތުން އިދިކޮޅުން ރައްޔިތުންގެ ހައްގުގައި ހުށައަޅާ ބިލުތައް ތަޅުމުން ބޭރުކުރުމާއި ކަންކަމަށް މަޖިލީހުގެ ތެރެއިން ޖާގަ ހަނިކުރުން ފަދަ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ. ޕީޕީއެމް ޕީއެންސީއިން ހުށައެޅި ގިނަ ކުއްލި މައްސަލަތައްވެސް ބަލައި ނުގަނެއެވެ. އެހެންނަމަވެސް ސަރުކާރުގެ ބަދަލުގައި މިއަދު އެމްޑީޕީ ނުވަތަ އިދިކޮޅަށް މެޖޯރިޓީ ދީފި ހާލަތެއްގައި ސަރުކާރަށް ޖެއްސުންތަކެއް ކުރިމަތިނުވެ ނުދާނެކަންވެސް ޔަގީނެވެ.

އަމިއްލަ ގޮތުން ވާދަކުރާ ގިނަ އަދަދެއްގެ ކެންޑިޑޭޓުންވެސް މި އިންތިހާބުގައި ބައިވެރިވެއެވެ. އެހެންކަމުން މިއީވެސް ގިނަަ ބަޔަކަށް ޗޮއިސްއަކަށް ވެގެންދާނެކަމަށްވުމުން މި ހާލަތުގައި މީގެ ކުރިން ކަންވެފައިވާ ގޮތަށް ބަލާލުން މުހިންމެވެ.

ނިމިގެން މިދާ މަޖިލީހުގެ ދައުރަށް ބަލާއިރު، މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި މަޖިލީހުގެ ނޮޅިވަރަމްފަރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަކީ ރަނގަޅު މިސާލެވެ. ވަކި ކޮޅަަކަށް ޖެހުމެއް ނެތި ވަކި އަތަކަށް ލެނބުމެއް ނެތި، އެކަމަކާއިމެދު ދެކޭ ގޮތެއް ހިއްސާކުރެއެވެ. ވޯޓުތައް ދިނުމުގައި އެހެން ބަޔަކު އެދޭ ގޮތަކަށް ކަން ކުރަންވެސް އޭނާއަށް މަޖުބޫރެއް ނުވެއެވެ. ދައްކާ ވާހަކައެއް ދައްކަނީ ރައްޔިތުންގެ ޝުއޫރުތަކާއި އެއްގޮތަށެވެ. ޖުމުލަ ގޮތެއްގައި ނިމިދާ ދައުރުގައި ފެންމަތިވި މުހިންމު ހުރިހާ ކަމެއްގައިވެސް މަސައްކަތްކުރެއްވިއިރު، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގައިވެސް ބޮޑެތި މައްސަލަތަކެއް ނެތެވެ.

އެހެންނަމަވެސް ބައެއް އެހެނިހެން އަމިއްލަ ގޮތުން ތިއްބެވި މެމްބަރުންގެ ކިބައިން ނޭދެވޭ ސިފަތައްވެސް ފެނިގެންދިޔައެވެ. ފުރުސަތެއް ލިބުމާއިއެކު އިދިކޮޅު ނުވަތަ ސަރުކާރާއި އެކޮޅަށް ޖެހި މަސައްކަތްކުރައްވާ މަންޒަރުވެސް ފެނިފައިވާނެއެވެ. ބައެއް މީހުން ދެކެނީ މިފަދަ މެމްބަރުންނަކީ ބިލުތައް ފާސްކުރުމުގައި ގަނެ ވިއްކާ އުސޫލުން ވޯޓުގެ އިސްތުއުމާލުކުރާ މެމްބަރުންކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުން އެދޭނެ ގޮތެއް ނޫންކަން ޔަގީނެވެ.

އިސްވެ ބަޔާންކުރިގޮތުން ނަމަ ރައްޔިތުން މީގެ ކުރިން ނެގި ކޮންމެ ފިޔަވަޅެއްގެ ނަތީޖާއަކަށްވެސް ވެގެންދިޔައީ ދަތިތަކެއް ކުރިމަތިވެގެންދިއުން، އެހެންކަމުން ކުރިން ފާހަގަކުރި ފަދައިން މިވަގުތު ދިވެހިރާއްޖެ އޮތީ ހައްސާސް ހާލަތެއްގައި ކަމަށްވުމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކީ މި ވަގުތު ދިވެހިންގެ ރާއްޖެއާއި ހިސާބަށް ދިއުމަށާއި މިސްރާބު ހަމަމަގަށް އެޅުވުމަށްވެސް ލިބިގެންދާނެ އެންމެ ރަނގަޅު އެއް ފުރުސަތެކެވެ.

އެހެންކަމުން މިކަން ހައްލުވެގެންދާނީ ބުނާހާ ގޮތަކަށް ވޯޓު ދިނުމާއި މަގުބޫލު ޗޮއިސްތަކަށް ވޯޓު ދިނުމުގެ ބަދަލުގައި ހަގީގަތަށް ލޯ ހުޅުވާލާ ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޕާޓީއަކަށް ކުލައަކަށް ބެލުމެއް ނެތި ހެޔޮލަފާ ގާބިލު ހީވާގި މީހާއަށް ރައްޔިތުން ޖާގަ ދީގެނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: