ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންނާއި ގުޅޭ ގަވައިދެއް ގާނޫނުއަސާސީއަށްވުރެ މަތީގައި އެބައޮތް: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންނާއި ގުޅޭގޮތުން ހެދިފައިވާ ގަވައިދެއް ރާއްޖޭގެ ގާނޫނުއަސާސީއަށްވުރެ މަތީގައި އޮތްކަމަށް ފާހަގަކޮށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހަކަށް ފަހު އިސްލާހެއް ހުށައަޅަމުންދިއުމުގެ މަގުސަދާއިމެދު ސުވާލު އުފެދޭކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނުއަސާސީގައި ވަޒީފާތަކާއި އެ ވަޒީފާތައް އަދާކުރާ މީހުންނާއި ގުޅޭގޮތުން ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރަން އުޅުން މާ ރަނގަޅުވާނެކަމަށެވެ.

އޭނާ ވިދާޅުވީ، 2008 ގައި އައު ގާނޫނުއަސާސީ ވުޖޫދަށް އައުމާއިއެކު އެއްބާވަތެއްގެ މަސައްކަތްކުރަމުންދާ އެއް ގިންތިއެއްގެ ތެރޭގައި ގުނޭ މީހުންގެ މުސާރަ ފަދަ ކަންކަން ހުންނާނީ އެއްހަމައެއްގެ މަތިންކަމަށް ގަބޫލުކުރެއްވުނުކަމަށެވެ. އޭނާ ވިދާޅުވީ، އެއް ހަމައެއްގެ މަސައްކަތަށް ހަމަ ހަމަ މުސާރަ ދީ އެއް ހަމައެއްގައި އަގުކުރެވުމުގެ އުސޫލު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، އެ ހަމަހަމަ އިންސާފުވެރި އުސޫލު ގާނޫނުއަސާސީގައި ލިޔެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ވަޒީފާ އަދާކުރާ މީހުންގެ މެދުގައި ތަފާތުކޮށްގެން ނުވާނެކަމަށް ގާނޫނުއަސާސީގައި ލިޔެވިފައިވާކަމަށެވެ. އެހެންނަމަވެސް މިއަދާއި ހިސާބަށް އައި އިރުވެސް ކަން ހިނގަމުންދަނީ މުޅިން އެހެން ގޮތަކަށް ކަމަށްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބޭރު މީހުންނާއި ވަޒީފާއަށް ގެންނަ ބިދޭސީންނާއި ގުޅޭގޮތުން ހެދިފައިވާ ގަވައިދެއް ގާނޫނުއަސާސީއަށްވުރެ މާ މަތީގައި އޮތްކަމަށާއި އެ ނިންމުން އެގޮތުގެ މަތިން ނިންމަމުންދަނީ ދިވެހި ކޯޓުތަކުންކަމަށްވެސް ފާހަގަކުރެއްވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ދިވެހި ޕައިލެޓުންތަކެއް ވަޒީފާގެ މައްސަލައެއް ޓްރައިބިއުނަލްއަށް ހުށައެޅާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ބޭރު ގައުމުތަކުގެ ޕައިލެޓުންނާއި ދިވެހިންނާއި ދެމެދު ތަފާތުކުރުންތަކެއް ގެންގުޅޭކަމަށާއި ބޭރު މީހުންނަށް ލިވިންގް އެލަވެންސެއް ދޭއިރު ދިވެހިންނަށް ނުދޭކަމަށް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ، މައްސަލަ ހުށައަޅާފައިވަނީ އެކަމަކީ ބޮޑު ތަފާތުކުރުމެއްގެ ގޮތުގައި ފާހަގަކޮށްކަމަށާއި ޓްރައިބިއުނަލްއިންވެސް އެއީ ތަފާތުކުރުމެއް ކަމަށް ނިންމައި އެކަން އެގޮތުގެ މަތިން ނުކުރެވޭނެކަމަށްވެސް ނިންމާފައިވާކަމަޡށެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގެ ކޯޓުތަކާއި ހިސާބަށް މައްސަލަ ގެންދިއުމުން ހައިކޯޓުންވަނީ މައްސަލަ ފުރޮޅާލާފައިކަަމަށާއި ސުޕްރީމް ކޯޓުންވެސް އަޅާނުލިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަން ކުރުމުގެ ގޮތުން ދައްކާ ހުއްޖަތަކީ ބޭރު މީހެއް ނަމަ ހުންނާނެ ތަނާއި ކެއުން ފަދަ ކަންކަން އިންތިޒާމުކުރަން ޖެހޭކަމަށް ގަވައިދެއްގައި ބުނެފައިވާ ވާހަކަ ކަމަށެވެ. އެހެންނަމަވެސް ގާނޫނުއަސާސީގައި އެއް ބާވަތެއްގެ ވަޒީފާ އަދާކުރާ އެއްގިންތިއެއްގެ މީހުންނަށް މުސާރަ ހަމަހަމަ ވާންޖެހޭނެ ވާހަކަ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށާއި އެ މީހަކުގެ އާއިލާ ނުވަތަ ރަށް ނުވަތަ ގައުމަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށްވެސް ބުނެފައިވާކަމަށް ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ގާނޫނުއަސާސީގައި އެގޮތަށް ބަޔާންކޮށްފައިވާނަމަވެސް ވުޖޫދަށް އައިތާ ފަނަރަ އަހަރު ފަހުންވެސް ފެންނަމުންދަނީ ދައުލަތުންވެސް އެގޮތުގެ މަތިން އަމަލުނުކުރާ މަންޒަރުކަމަަށެވެ. އޭނާ ވިދާޅުވީ ތިން ސަރުކާރު އައިސް ގޮސްފިކަމަަށާއި އެތަކެއް ބަޔަކު ރައީސްކަން ކޮށްފައިވާއިރު އެއްވެސް ރައީސްއަކު ދިވެހިންނާއި ބޭރު މީހުންނާއި ދެމެދު އޮތް ތަފާތުކުރުންތައް ނައްތާލުމަށް އެއްވެސް ހިޔާލެއް ފިކުރެއް ކޮށްފައި ނެތްކަމަށް ވިދާޅުވިއެވެ

އަލީ ހުސައިން ވިދާޅުވީ، ބޭރު ޓީޗަރުންނާއި ދިވެހި ޓީޗަރުންނާއި ދެމެދު ތާފުތުކުރާކަމަށެވެ. އޭނާ ވިދާޅުވީ ބޭރު ޓީޗަރުންނަށް ހައުސިންގް އާއި ފުޑް އެލޮވެންސް ގާނޫނުއަސާސީ އާއި ހިލާފަށް ދެމުންދާކަމަށެވެ. އެހެންނަމަވެސް ހިލޭ ކާންބޯން ލިބެނީ ކޮން ޓީޗަރަކަށް ތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ވަރަށް ގަދަ
82%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: