ރާއްޖޭން އެންމެ ބޮޑު އަދަދެއްގެ ލޯނުތައް އަނބުރާ ދައްކަން ޖެހެނީ އިންޑިއާއަށްކަމަށާއި، މަޝްވަރާގެ ތެރެއިން ލުއިތަކެއް ލިބޭނެކަމުގެ އުންމީދު އެބައޮތްކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްކަމަށާއި، އިގްތިސާދީ ގޮތުން ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތްކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ރިޕޯޓުކޮށްފައި ވެއެވެ. އެ ރިޕޯޓުތަކުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ދަތިކަމަކަށް ފާހަގަކުރީ އަނބުރާ ދައްކަން ޖެހޭ ލޯނުތަކާއި، އިންޓްރެސްޓް ރޭޓު މަތިވުން އަދި ފައިސާ ޗާޕް ކުރުމުގެ ސަބަބުން އިންފްލޭޝަނަށް ކުރި އަސަރެވެ.
އިގްތިސާދީ ހާއްސަ ޕްލޭނެއް އެކުލަވާލައި، ދަރަނި ކުޑަ ކުރުމުގައި ގެންގުޅުއްވާނެ ސިޔާސަތުތައް ވެސް އާންމު ކުރައްވާފައިވާ ޑރ. މުއިއްޒު މީގެ ކުރިން ވެސް ވަނީ 2026 ގައި ހަމަވާ ލޯނާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމުގައި އިސްކަން ދޭނެ ދާއިރާތަކަކީ ކޮބައިތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާއިރު، ކުންފުނިތަކުގެ ހާލަތަކީ ވެސް އެއީ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ނިމުނުއިރު ގްރޮސް ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރި ނަމަވެސް މިހާރު އެ އަދަދު 594 މިލިއަނަށް ދަށްވެފައިވާކަމަށާއި، ޔޫޒަބަލް ރިޒާވް ވެސް ހުރީ 150 އަށް ކުޑަވެފައިކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ އެކަމަށް ހައްލެއްގެ ގޮތުގައި މުއިއްޒު ހުށަހަޅުއްވާފައި ވަނީ، އިގްތިސާދީ ހަމަޖެހުން ގާއިމު ކުރުމާއި އަދި ބޮޑެތި އިންގިލާބީ ބަދަލުތައް ގެނައުމުގެ އިތުރުން ދާއިރާ އިތުރަށް ފުޅާ ކުރުމެވެ.
ލޯނުތަކުގެ ސަބަބުން ދަތިތަކެއް ހުރުމާއި، އަދި މުއިއްޒުގެ ސަމާލުކަމެއް ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމަށް ހުރުމުގެ ސަބަބުން އެ ދެކަމުގައި އެއްވެސް ފުށުއެރުމެއް ދިމާވެ ލުއި ނުލިބުމުގެ ފުރުސަތު އޮވެދާނެތޯ ކުރި ސުވާލަށް މުއިއްޒު ވިދާޅުވީ އެއީ ޒާތީ މައްސަލައެއް ނޫން ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމާއި މެދު ހުރި ކަންބޮޑުވުންތަކަށް އިންޑިއާގެ ސަފީރު ވެސް އިހުތިރާމް ކުރާކަމަށާއި، ރަނގަޅު ޑިޕްލޮމެޓިކް އުސޫލެއްގެ ތެރެއިން ކުރާ މަޝްވަރާތަކަށް ކާމިޔާބު ލިބޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ލޯނުތަކުގެ ވާހަކަ ވެސް ދެކެވިފައިވާނެކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ސަފީރު އަރިހުގައި ލުއިގޮތްތަކެއް ހޯދޭނެ މަގަކަށް ވެސް އެދިފައިވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ލުއި ލިބޭނީ ސީދާ ކޮން ގޮތަކުންކަން އަދި ނިންމާފައި ނުވާކަމަށާއި އެއީ ވަކި ބައެއް މައާފު ކުރުންތޯ، ނުވަތަ ފަސް ކުރުންތޯ ނިންމާނީ ފަހުން ކަމަށެވެ. އެކަމަކު ލުއި ގޮތްތަކެއް ހޯދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑަށް ހީވަނީ ލުއިތަކެއް ލިބޭނެހެން، ސަފީރާއި އެކު ކުރިޔަށް ދިޔަ ބައްދަލުވުމުގައި ވެސް އެ ވާހަކަތައް ދެކެވުނު
އިންޑިއާއާއި އެކު އެއްވެސް މައްސަލައެއް ޖެހިދާނެތޯ އާއި، އަދި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު އެ ގައުމުގެ އިންވެސްޓްމަންޓުތައް ދަށްވުން ނުވަތަ މިހާރުގެ މަޝްރޫއުތައް، ހުއްޓުން ފަދަކަމެއް ހިނގައިދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެގޮތަށް ދިމާނުވާނެ ކަމަށެވެ. އިންވެސްޓްމަންޓުތަކަށް ބަދަލެއް ނާންނާނެކަމަށާއި، ލައިން އޮފް ކްރެޑިޓްގެ ދަށުން ލިބޭ އެހީތައް ވެސް ނުހުއްޓޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އިންޑިއާއާއި އެކު އޮތީ އަހަރުތަކެއްވީ ގާތް ގުޅުމެއް ކަމަށެވެ. އެހެންކަމުން އެ ގުޅުން ހީނަރުވެ، މައްސަލަތަކެއް ދިމާނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

