ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޕްރައިވެޓު ކުންފުނި އެޕޯލޯ ހޯންޑިންގަށް ދައްކަން ޖެހޭ ދަރަނިތައް ބޮޑުވެ ފައިސާ ހަމަނުޖެހި ކޯޓަށް ހުށަހެޅި މައްސަލަ އެންމެ ފަހުން ކޯޓުން ބޭރުން ހައްލުކޮށް ކުންފުންޏަށް ހުޅުމާލެ ޓްރެއިނިން ފެސިލިޓީން ބިމެއް 25 އަަަހަރަށް ދޭން އެއްބަސްވެއްޖެ އެވެ.
ބިލުތަކަށް ފައިސާ ނުދައްކާތީ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އެފްއޭއެމްއިން އެޕޯލޯއަށް ދައްކަން ޖެހޭ ފައިސާގެ ބަދަލުގައި ތަނުން ކުއްޔަށް ނަގާފައި އޮތް ބިމެއް ދިނުމަށް އެއްބަސްވެފައި ވަނީ 25 އަހަރުގެ މުއްދަތަކަށެވެ. އަދި ދެ ފަރާތުން ވެސް ވަނީ އެ މުއްދަތަކަށް ބިން ދޭ ގޮތަށް ދަރަނީގެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.
ހުޅުމާލެއިން އެފްއޭއެމަށް ދީފައިވާ ބިމުގައި އެޕޯލޯއިން ކުރި މަސައްކަތަށް އަގު ނުދީގެން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުންޏާއި އެކު ސެޓަލްމަންޓު އެގްރިމެންޓެއްގައި ސޮއި ކުރި އެވެ. އޭގެ ދަށުން ފައިސާ ނުދައްކާތީ، އެޕޯލޯއިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ކުންފުނިން އެދިފައި ވަނީ ސެޓަލްމެންޓު އެގްރިމަންޓުގެ ދަށުން އެފްއޭއެމް ދައްކަން ޖެހޭ 2.3 މިލިއަން ރުފިޔާ އެއްފަހަރާ ދެއްކުމަށާއި، އިތުރު މަސައްކަތުގެ ގޮތުގައި ބިލުކޮށްފައި ހުރި 4.5 މިލިއަން ރުފިޔާ އަދި ފައިސާ ނުދައްކައި ހޭދަވާ މުއްދަތުގެ ލިކުއިޑޭޓަޑް ޑެމޭޖުގެ ގޮތުގައި އިތުރުވާ ފައިސާ ނަގައި ދިނުމަށެވެ.
މައްސަލައިގައި ކޯޓުން ކުރި ހުކުމުގައި ވަނީ، ދަރަނީގެ ބަދަލުގައި ހުޅުމާލެ ޓްރެއިނިން ފެސިލިޓީގެ ބިމުން ބައެއް އެޕޯލޯއެއް ދޭގޮތަށް މިދިޔަ ޖޫން މަހު އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް އެޕޯލޯއިން ސިވިލް ކޯޓުން ފޮނުވި ސިޓީގައި ވަނީ، ދެ ފަރާތުން އެކަން ހައްލުކޮށްފައިވާ ކަމަށެވެ. ހުކުމުގައި ވާ ގޮތުގައި، ކޯޓަށް ކުންފުނިން ސިޓީ ފޮނުވާފައި ވަނީ އޮކްޓޯބަރު 31 ގަ އެވެ.
މި މައްސަލަ ކޯޓުން ބޭރުން ހައްލު ކުރި ނަމަވެސް، އެފްއޭއެމް އެކި އިދާރާތްތަކާއި ކުންފުނިތަކަށް ފައިސާ ނުދައްކާ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި މުބާރާތްތަކުގެ ރެފްރީންނާއި އޮފިޝަލުން އަދި ގައުމީ ޓީމުގެ ކޯޗުންނާއި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަދި ކުޅުންތެރިން ހިމެނެ އެވެ. އަދި ކަރަންޓު ބިލުތަކަށް ވާ ޖުމްލަ 6.5 މިލިއަން ރުފިޔާ ނުދައްކައި އޮތުމުގެ ސަބަބުން އެ އެސޯސިއޭޝަނުގެ އެފްއޭއެމް ހައުސް އިމާރާތުގެ ކަރަންޓު ކަނޑާލައި އިތުރު ތަންތަނުގެ ކަރަންޓު ކަނޑާލަން ޖެހިދާނެކަމުގެ އިންޒާރު ސްޓެލްކޯއިން ވަނީ ދީފަ އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި، ދެން ފެންމަތިވީ އެފްއޭއެމް އޭޑީކޭ ހޮސްޕިޓަލަށް ދައްކަން ޖެހޭ 1.7 މިލިއަން ރުފިޔާގެ މައްސަލަ އެކެވެ. އެ ހޮސްޕިޓަލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފަ އެވެ.

