ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މާފަންނު ސްޓޭޑިއަމް ސަރަހައްދުން ދޫކޮށްފައިވާ ބިން ހުސްކުރަން އެންގި މައްސަލަ ފިއުޗާ ހޯމްސް ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ އެފްއޭއެމުން ދޫކޮށްފައިވާ ބިމެއް އަނބުރާ ހޯދުމަށް މަސައްކަތް ކުރުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
މި ބިމަކީ 2023 ވަނަ އަހަރުގެ ތެރޭގައި، 25 އަހަރުގެ މުއްދަތަށް އެއްވެސް ކުއްޔަކާ ނުލައި ފިއުޗާ ހޯމްސް އަށް ދޫކޮށްފައިވާ ބިމެކެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ ސަރަހައްދުގައި އިމާރާތެއް ބިނާކުރީ އެ ސަރަހައްދު ސާފުކޮށް، ކުޅުންތެރިން ބޭނުންކުރާނެ ޗޭންޖިން ރޫމެއް އެޅުމަށް އެފްއޭއެމާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ފިއުޗާ ހޯމްސް އިން ކޯޓުގައި ބުނެފައިވަނީ އެ ތަނުގައި މިހާރުވެސް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށެވެ. އަދި އެއްވެސް މަންފާއެއް ނުލިބެނީސް ކުއްލި ގޮތަކަށް ތަން ހުސްކުރަން އެންގުމަކީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ފިއުޗާ ހޯމްސް އިން ވަނީ ކޯޓުން ވަގުތީ އަމުރަކަށްވެސް އެދިފަ އެވެ. އެއީ ކޯޓުން މި މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން، އެ ސަރަހައްދުގައި ހުރި އިމާރާތް ހުސްކުރުން ހުއްޓުވުމުގެ އަމުރެކެވެ. މި މައްސަލަ މިހާރު ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

