ތިން ބާރު ގުޅިގެން ބަޖެޓުގެ މަސައްކަތަށް އެޅިފައި އޮތް ހުރަސް ނައްތާލުމުގެ މަސައްކަތްކުރުމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އެދިވަޑައިގެންފިއެވެ.
ފިރުޒުލް މިކަމާއި ގުޅޭ ގޮތުން ވާހަކަދެއްކެވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަކީ 49.5 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާކަމަށް ފާހަގަކޮށް ފިރުޒުލް ވިދާޅުވީ ނަމަވެސް އިންތިހާބީ ރައީސްގެ ނިންމުމަކީ އަދި އިރުޝާދަކީ ބަޖެޓް 49 ބިލިޔަނަށްވުރެ ބޮޑުވިޔަ ނުދިނުންކަމަށެވެ.
ބައެއް ކަންކަމުގައި މި ސަރުކާރުން ފުރިހަމައަށް އިންތިގާލީ މަސައްކަތްތަކަށް އެއްބާރުލުން ނުދޭކަމުގެ ބައެއް ކަންބޮޑުވުން އޮއްވާ ފިރުޒުލް ވިދާޅުވީ ބަޖެޓް ފަރުމާ ކުރުމަށް އިންތިހާބީ ރައީސް އެކުލާވާލި ކޮމިޓީއަށް ލިބިގެން ދިޔައީ ވަރަށް ހަނި ޖާގައެއްކަމަށެވެ. ނަމަވެސް ޑރ މުއިއްޒުގެ ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫޢުތައް ބަޖެޓުގައި ހިމެނުނުކަމަށް ވިދާޅުވިއެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުމަކީ އަދި އިރުޝާދަކީ 2024 ވަނަ އަހަރުގެ ބަޖެޓް 49 ބިލިޔަން ފަހަނައަޅައި ނުދިޔުން.
ފިރުޒުލް ވިދާޅުވިއެވެ.
ޑރ މުއިއްޒުގެ ވެރިކަމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުންކަމަށްވާތީ، ބަޖެޓު އެކުލަވާލާނީ އެކަމަށް އިސްކަންދެއްވައިގެންކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ބަޖެޓު ފަރުމާކުރާނީ މާލީ ހާލަތަށް ހުރި ގޮންޖެހުންތަކަށާއި ދުރަށް ވިސްނަވައިގެންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ފިރުޒުލް ވަނީ މަޖިލީހުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ބަޖެޓު މަސައްކަތް ކުރިއަށް ނުދާކަމަށް ފާހަގަކޮށް، މިއީ ސީދާ ގޮތުން ރައްޔިތުންނަށް އަސަރުކުރާނެކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓުގެ މަސައްކަތްތައް ހުރަސްއަޅާތީ ފިރުޒުލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ފިރުޒުލް އެދިވަޑައިގެންނެވީ ދިވެހި ދައުލަތުގެ ތިން ބާރުން ގުޅިގެން ޤާނޫނު އަސާސީގެ އިމުގެ ތެރެއިން މަސައްކަތް ކޮށްދީ ވީ އެންމެ އަވަހަކަށް ބަޖެޓު ހުށަހެޅުމަށް އެޅިފައިވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަށެވެ.

