މަޖިލީހުގެ ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ މެންބަރުންގެ ތާއިދާއެކީ ރައީސެއް ކަނޑައަޅާފައި ހުންނައިރު، އެ ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ނައިބު ރައީސްއަށެވެ. ދެބޭފުޅުންވެސް ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންޖެހެއެވެ. އެއީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެންބަރުންގެ ތެރެއިން 5 މެންބަރުންނެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރުމަށްފަހު ހިނގާ ފުރަތަމަ ދެހަފްތާގެ ތެރޭގައި މި ފަސް މެންބަރުން ކަނޑައަޅާ އިއުލާން ކުރަންޖެހެއެވެ.
19 ވަނަ މަޖިލީހަށް ކަނއަޅާފައިވާ މެންބަރުން:
- ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް
- މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަޜީފް
- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
ނަމަވެސް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ލިބޭ ހައްގުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅަން ހަމަޖެހިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސްއަށްކަމަށް އޮންނައިރު، މި ގާނޫނުގެ ދަށުން އަންނަ ބައިތަކުގައި ކުރިން ފާހަގަކުރެވުނު ފަސް މެންބަރުންގެ ވާހަކައެއް ހިމަނާފައެއް ނުވެއެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީއިން މިވަގުތު މަޖިލ؛ީހަށް ހުށައަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސް އީވާ އަބްދުﷲ އަށް އެކަނިކަމަށް މަޖިލީހުގެ އިދާރާއިން ނިންމީ މިކަންކަމަށް ހަވާލާދެއްވައެވެ. އަދި އެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެކަމަށް އެމްޑީޕީއިން ގަބޫލު ކުރި ނަމަވެސް މަޖިލީހުގެ ކައުންސިލަރ ޖެނެރެލްގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި އެއީ އާންމު ޖަލްސާތަކުގައި ކަންކުރަން އޮންނަ ގޮތަށެވެ.
ކައުންސިލަރ ޖެނެރެލްގެ މި ނިންމުމުގެ ސަބަބުން މަޖިލީހުގެ ނައިބު ރައީސްއަށް ވަޑައިނުގަނެވޭނަމަ، މި މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެއެވެ. މިހާރު މުޅި މަޖިލީސް އެކީ ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް، ޤާނޫނުއަސާސީގެ ދަށުން ލިބިގެންވާ ދުސްތޫރީ ބާރެއްގެ ދަށުން 49 މެންބަރުންގެ ސޮޔާއިއެކު ހުށައަޅާފައިވާ މި މައްސަލައަށް ހުރަސްއެޅުމުގެ ޤާނޫނީ ޙައިޘިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ.
އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ، މަޖިލީހުގެ ނައިބު ރައީސްގެ ރިޔާސަތުގައި، ނުވަތަ އެނޫންވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާރު މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތަށް، ލިބިގެންވާ ފަރާތެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން މެނުވީ ޤާނޫނާ އެއްގޮތަށް އޮމާންކަމާއިއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަކަށް ނުދާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.
ވަކި މީހެއްގެ ސަބަބުން ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރުގެ މަސައްކަތްތައް ހުއްޓި، މަރުތަޅު އެޅިގެން ދިއުމަކީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެކެވެ. ގާނޫނުގައި ލޫޕް ހޯލްސްތަކެއް ހުރި ނަމަވެސް ރާއްޖޭގެ ގާނޫނުތައް ހެދިފައިވަނީ އެ ގާނޫނުތަކުގެ ދަށުން އައިސްފައިވާ މާއްދާތަކުގައި ހިމެނޭ ކަންކަން ރަނގަޅަށް، ފުޅާ ދާއިރާއެއްގައި މާނަކޮށް، އެކަށީގެންވާ ދިރާސާއެއް ހަދައިފިނަމަ އެއްވެސް މުއައްސަސާއެއް ނުވަތަ އިދާރާއެއް ހުއްޓޭނެ ގޮތަކަށް ނޫނެވެ. ވަކި މީހަކު މަޖިލީހަށް ހާޒިރުނުވި ނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަކީ، މަޖިލީހުގެ އިދާރާގެ ޒިންމާއެކެވެ.
ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމަކީ މުހިންމުކަމެއްގެ ގޮތުގައި އަބަދުވެސް ވަކާލާތު ކުރާ މެންބަރުން އެއް ބާރު ހުއްޓުމުން، އަނެއް ބާރުގެ ކައިރިއަށް ހައްލު ހޯދަން ދިއުމުން އެއީ އެއް ބާރުން އަނެއް ބާރަށް އަރައިގަންނަނީތޯ ސުވާލުއުފެއްދިއެވެ. މި މައްސަލައިގައި އެމްޑީޕީއިން ސްޕްރީމް ކޯޓަށް ދިޔައިރު، ކޯޓުގެ ނިންމުންތަކަކަށް ރައްޔިތުންގެ މަޖިލީހަކަށް ފާޑެއް ނުކިޔޭނެއެވެ. އަދި ހަމައެއާއިއެކު ކޯޓަކަށްވެސް މަޖިލީހުގެ ނިންމުންތަކަކަށް ފާޑެއް ނުކިޔޭނެއެވެ.
ރައްޔިތުންގެ މަޖިލީހަކީ ގާނޫނުތަކާއި، ގަވާއިދުތައް ހެދުމުގެ ބާރު ލިބިގެންވާ ތަންކަމަށްވާއިރު، މިހާރު އޮތް ފެހި ގާނޫނު އަސާސީއަކީވެސް ހަމަ އެ މަޖިލީހުން އުފެއްދި ގާނޫނުތަކެވެ. މިކަމަށް ހައްލު ހޯދުމަށް މަޖިލީހުގެ މެންބަރުން ގުޅިގެން އެއްވެސް މަސައްކަތެއް ނުކޮށް، މަޖިލީހުން އުފެއްދި ގަވާއިދެއް މާނަކުރަން، ހަމަ އެ މަޖިލީހުން ކޯޓަށް ދިއުމުން މަޖިލީހަށް މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ނިންމިދާނެ ކަމާއިމެދު މިއަދު ސުވާލު އުފެދެއެވެ.

