ނޯތުކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެ ގައުމުގެ ސަރުކާރަށް ފަލަސްތީނަށް އެހީވުމަށް އަމުރުކޮށްފައިވާކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފިއެވެ.
މީޑީއާތަކުން ބުނާގޮތުން، ކިމް ޖޮންގް އުންވަނީ އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް ފަލަސްތީނަށް އެހީ ފޯރުވުމަށް އަމުރުކޮށް އިރުޝާދު ދީފައެވެ. އަދި އެ ގައުމުން މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރު ވިއްކާކަމަށް ބެލޭވޭކަމަށް ސައުތުކޮރެއާއިން ބުނާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ރިޕޯޓުތަކުގައިވާގޮތުން، ނޯތުކޮރެއާއިން މީގެ ކުރިންވެސް ހަމާސް އަށް އެންޓި ޓޭންކު ރޮކެޓު ލޯންޗަރު ފަދަ ބަރު ހަތިޔާރު ވިއްކާފައިވެއެވެ. އެހެންކަމުން އެ ގައުމުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އިތުރު ހަތިޔާރުތައް ފޯރުވުމަށް މަސައްކަތްކުރާނެކަމަށް ބެލެވޭކަމަށް ސައުތުކޮރެއާގެ ގާނޫނު ހަދާ މީހުން ބުނާކަމަށެވެ. އަދި އޮކްޓޯބަރު 7 ވަނަ ދުވަހުގެ ހަމަލާއަށް ބެލުމުން ހަމާސްއިން އެކި ޒާތުގެ ނޯތުކޮރެއާގެ ހަތިޔާރުތައް ބޭނުންކުރަމުންދާކަމަށް ފެނިގެންދާކަމަށެވެ. އެހެންނަމަވެސް ނޯތުކޮރެއާއިންވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

