އަލަށް ވެރިކަމާއި ހަވާލުވާ ސަރުކާރާއިއެކުގައި މަސައްކަތްކުރެވޭނެ މީހަކު މާލޭގެ މޭޔަރުކަމަށް އިންތިހާބުކުރެވިއްޖެ ނަމަ ގިނަ މައްސަލަތަކެއް އެއްފަހަރާ ހައްލުވެގެންދާނެކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ، ޑރ މުއިއްޒު އަކީ މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ސަރުކާރާއި ހަވާލުވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނު މާލޭގެ ތަރައްގީއަށް ވަރަށް ވިސްނުންތެރި ޕްލޭނެއް ގެންގުޅުއްވާކަމަށާއި އެހެންކަމުން މާލޭގެ ރައްޔިތުންނަށް ސަރުކާރާއިއެކު މަސައްކަތްކުރެވޭނެ މީހަކު ހޮވިއްޖެ ހާލަތެއްގައި އެއް ފަހަރާ ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެކަމަށެވެ.
އޭނާ ވިދާޅުވީ، މާލެއަކީ ބޮޑެތި ގިނަ މައްސަލަތަކެއް ހުރި ސަރަހައްދެއްކަމަށެވެ. އާޒިމާ ވިދާޅުވީ، އޭނާ ކުރައްވާފައިވާ ހިދުމަތްތަކަށް ބަލާއިރު، މާފަންނު އަވަށް ހިންގުމަށް ހަ އަހަރު މަސައްކަތްކުރެއްވިކަން ފެނިގެންދާނެކަމަށެވެ. އަދި ރާއްޖެއަށް ސުނާމީ އެރި އިރުވެސް މާފަންނު އަަވަށުގެ އިސްވެރިޔާގެ ދަށުން ހިންގުމުގެ މަސައްކަތްތައް ކުރެއްވިކަމަށް ވިދާޅުވިއެވެ.
ޖެންޑާރ މިނިސްޓްރީގައިވެސް މަސައްކަތްތަކެއް ކުރައްވާފައިވާއިރު، ޖަލުގެ ރިފޯމާއި ޕެރޯލުގެ ގަވައިދު އެކުލަވާލުމުގައިވެސް އޭނާ އުޅުއްވިކަން ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، ބަންޑާރަނައިބުކަމުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ.
އޭނާ ވިދާޅުވީ، މިއީ މާލެއަށް އެކަށީގެންވާ ހައްލުތަކެއް ހޯދަން ރަނގަޅުވަގުތެއްކަމަށް ދެކިވަޑައިގަންނަވާކަމަށާއި އަދި– ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަމަށާއި މާލެއަކީ 21 ވަނަ ގަރުނުގައި ދިވެހިރާއްޖެ ފަދަ ގައުމަކަށް ފެތޭ ވެރިކަންކުރާ ރަށަކަށް ހެދުމުގެ މަސައްކަތްތައް ހުރިކަމަށާއި މާލެއަކީ ހައިބަތު ހުރި ތަނަކަށް ހަދަންޖެހޭކަމަށެވެ.

