ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ މައްސަލައިގައި ގޮތް ނުނިންމިއަސް، ޑރ މުއިއްޒު ހުވާކުރެއްވުމަށް ހުރަހެއް ނެތް: ދައުލަތް

ދައުލަތުގެ ވަކީލު ފާތިމަތު ހަލީމް ސްޕްރީމް ކޯޓުގައި ކުރިއަށްދާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަކި ގޮތެއް ނުނިމުނު ނަމަވެސް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށާް ދައުލަތުން ސްޕްރީމް ކޯޓުގައި ބުނެފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕު (ޕީޖީ) ގެ 49 މެންބަރުންގެ ސޮޔާއިއެކު ހުށައެޅި ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އޮތީ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބު ރައީސްއަށް އެކަނިކަމަށް މަޖިލީހުގެ އިދާރާއިން ނިންމުމުންނެވެ. މިކަމުގެ ސަބަބުން މައްސަލަވެސް ކުރިއަށް ނުގޮސް، އަދި މަޖިލީސް ހުއްޓުމަކަށް އައިސްފައިވާތީ އެމްޑީޕީއިން ވަނީ މި މައްސަލައަށް ހައްލު ހޯދުމަށް ސްޕްރީމް ކޯޓަށް މި މައްސަލަ ހުށައަޅާފައެވެ.

އެގޮތުން އެމްޑީޕީއިން ފާހަގަކުރަނީ ރައީސް އަދި ނައިބު ރައީސް އަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އެންމެ ސީނިއާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެކަމަށެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ބުނީ، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާގައި ކަން ކުރަން އޮންނަ ގޮތްތައް ބަޔާން ކޮށްފައިވާ މާއްދާގައި މި ފަސް މެންބަރުންގެ ވާހަކަ ނޯންނަކަމަށެވެ.

އެމްޑީޕީއިން ކޯޓަށް ހުށައެޅި މައްސަލައިގެ އަޑު އެހުން މިއަދު ކުރިއަށްދިޔައިރު ދައުލަތުން ވަނީ އެމްޑީޕީގެ މި ނުކުތާއަށް ތާއީދުކޮށްފައެވެ. ދައުލަތުގެ ވަކީލު ފާތިމަތު ހަލީމް މިއަދު އަޑުއެހުމުގައި ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސްއަށްކަމަށް މަޖިލީހުގެ އިދާރާއިން މާނަ ކުރި ނަމަވެސް، އެއީ ގާނޫނީ ގޮތުން ސައްހަ މާއްދާއެއްކަމަށް ބެލެވޭނެ ދުސްތޫރީ ހަމައެއް އަދި ގާނޫނީ ހުއްޖަތެއްވެސް ނެތްކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއިމެދު ގޮތެއް ނުނިންމާ، ނޮވެބަރ 17 ގައި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހުވާ ކުރައްވައިފިނަމަ، އެ ހުވާ ސައްހަ ނުވާނެކަމަށްވެސް އެމްޑީޕީއިން ބުނިއެވެ. އަދި އާ ސަރުކާރުން ހުށައަޅުއްވާ ކެބިނެޓަށްވެސް ރުހުން ނުދެއްވާނެކަމަށް ބުނިއެވެ. އަދި މި މައްސަލއާއިމެދު ގޮތެއް ނުނިންމާ މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށްވެސް އެމްޑީޕީ ބުނިއެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުވެސް މިކަމަށް ތާއީދު ކުރައްވައެވެ.

މިއާއި ގުޅިގެން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ޑރ މުއިއްޒު ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް، އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގައި ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: