ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން “ބުލީ” ކުރިކަމަށް ސަރުކާރުން ވިދާޅުވި ވާހަކައަށް ނަޝީދުގެ ނުރުހުން!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަކީ ބުލީ ނުވަތަ ގަނާކުރާ ގައުމެއްކަމަށް ސިފަކުރުން ކުށްވެރިކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“ބާރަތް ދަ ނެކްސްޓް ޑިކޭޑް” ޝިޔާރުގެ ދަށުން އިންޑިއާގައި ކުރިއަަށް ގެންދިޔަ “ރިޕަބްލިކް ފޯރަމް 2024” ގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކުން އިންޑިއާއިން ރާއްޖެއަށް ގަނާކުރާކަމަށް ސިފަވެގެންދިޔަ މައްސަލައަށް ވާހަކަ ދައްކަވާފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރައީސް މުއިއްޒުގެ ވާހަަކަތަކަށް ރައްދެއްގެ ގޮތުގައި އެފަދަ ފަރާތްތަކުން 4.5 ބިލިއަން ޑޮލަރުގެ އެހީތެރިކަން ނުދޭކަމަށް ބުނެފައިވާކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދުވަނީ އެ ވާހަކަތަކާއި އެއްބަސްވެވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، “ކުޑަ ރާއްޖެއިން” އިންޑިއާގައި ސިފައިން ބޭލުމަށް ބޭނުންވާކަމަށް ބުނެ އެކަމަށް އެދުމުން އިންޑިއާއިން ކުރިކަމަކީ އެކަމަށް އެއްބަސްވުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބާރު ހުރި މިންވަރު ދައްކައި ނުފޫޒު ފޯރުވުމަށް އެއްވެސް މިންވަރެއްގެ އަމަލެއް އިންޑިއާއިން ހިންގާފައިނުވާކަމަށެވެ. އަދި އެ ގައުމުން ބޭނުންވި ހަމައެކަނި ކަމަކީ ހަމަޖެހޭ އުސޫލެއްގެ މަތިން އެކަން ކުރެވޭނެ ގޮތެއް ހޯދުމުގެ ގޮތުން މަޝްވަރާކުރުންކަމަށްވެސް ހިއްސާކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެއީ ބުލީކުރާ ފަރާތްތަކުން އަމަލުކުރާނެ ގޮތް ނޫންކަމަށާއި އެފަދަ އަމަލުތައް ހިންގާ މީހުންގެ ފަރާތުން ފެނިގެންދާނީ ބާރު ވެރިކަން ހުރި މިންގަނޑު ދައްކާލުން ފަދަ އަމަލުތައް ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރަހައްދުގައި އޮތް ކޮންމެ ގައުމަކަށްވުރެވެސް ވަރުގަދަ އަސްކަރިއްޔާއެއް އިންޑިއާގެ އޮތްކަމާއިމެދު ޝައްކެއްވެސް ނެތްކަމަށާއި އިންޑިއާއަކީ ދުނިޔޭގައިވެސް އޮތް އެންމެ ބާރުގަދަ އެއް ގައުމުކަމަށެވެ.

އެހެންނަމަވެސް އެފަދަ ގޮތަަކަށް އަމަލު ކުރުމުގެ ބަދަލުގައި އިންޑިއާއިން ކުރިކަމަކީ ކުޑަ ކުޑަ ގައުމެއްގެ އެދުންތަކަށް އިހުތިރާމްކުރުންކަމަށާއިި މަޝްވަރާތައް ކުރަން ފެށިކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރާއި ހަވާލުކުރުމަށްވެސް މަގުތައް ހޯދުމަށް އިންޑިއާއިން މަސައްކަތްކުރަމުންދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ފެނިގެންދަނީ ޒިންމާދާރު ދުނިޔޭގެ ބާރަކުން އަމަލުކުރާނެ ގޮތްކަމަށާއި ބުލީ ކުރުން ފަދަ އަމަލެއް އެ ގައުމުގެ ފަރާތުން ފެނިފައިވާކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ހިއްސާކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ފައިސާދިން އަދަދު އެއީ ވަކި ކަމެއްކަމަށާއި ބުލީކުރާކަމަށް ބުނެވޭނީ ކުޑަ އަވަށްޓެރި ގައުމާއިމެދު އަމަލުކުރާ ގޮތަށް ރިއާޔަތްކޮށްކަމަށެވެ. އަދި އިންޑިއާގެ ފަރާތުން ރާއްޖެއާއިމެދު އެފަދަ ގޮތަކަށް އަމަލުކުރާތަން ދުވަހަކުވެސް ފެނިގެންނުދާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަސްދޮަޅަހާއި ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި އެމެރިކާއިން އެ ގައުމުގެ އަވަށްޓެރި ގައުމުތަކާއިމެދު އަމަލުކުރި ގޮތަށް ބަލާލުމުން ތަފާތުތައް ފެނިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރު ފެންނަމުންދަނީ ޒިންމާދާރު ދުނިޔޭގެ ބާރެއް ގާއިމުވަމުންދާ މަންޒަރުކަމަށާއި އެމަނިކުފާނު އެކަމާއި ގަޔާވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ކުރިއަރައިގެން ދާ މަންޒަރު ދެކެން އެދިވަޑައިގަންނާވަކަމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކައުތެރިކަން އޮތީ އިންޑިއާއާއި ގުޅިފައިކަމަށްވެސް ގަބޫލުކުރައްވާކަން ހާމަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް ދުވަސްވަރު ވެދިން އެހީތަކާއި ފެނުގެ ދަތިކަން ކުރިމަތިވުމުން އިންޑިއާއިން ވެދިން އެހީތައް ފަދަ އެތައް ފާހަގަކޮށްލެވޭ ކަމެއް ހުންނާނެކަމަށާއި އެއީ ގަނާކުރާ ބައެއްގެ އަމަލުތައް ހުންނާނެ ގޮތްކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

އެމަނިކުފާނު ވިދާލުވީ، އިންޑިއާއަކީ ބުލީއެއް ކަމަށް ބުނާ ވާހަކައަކީ އެއްވެސް މިންވަރަކަށް ރަނގަޅު ވާހަކައެއް ނޫންކަމަށާއި އެއްވެސް ފަރާތަކުން އެފަދަ ވާހަކައެއް ދައްކައިގެންވެސް ނުވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެއީ އެމަނިކުފާނު އަބަދުވެސް ކުށްވެރިކުރައްވާނެ އަމަލެއްކަމަށެވެ.

އެމަނިކުފާނުވަނީ ޗައިނާއާއިމެދުވެސް މި ފުރުސަތުގައި ވާހަކަދައްކަވާފައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޗައިނާއިންވަނީ ރާއްޖެއަށް ލޯނުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިފައިކަމަށެވެ. އަދި އެއީ އެހީ ނޫންކަމަށާއި ލޯނުކަންވެސް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވި، އެއީ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ ގޮތުން ދީފައިވާ ލޯނުތަކެއްކަމަށެވެ.

އެހެންނަމަވެސް ތަރައްގީވެގެންދާ މިންގަނޑު ކޮންކްރީޓްގެ ނިސްބަތުން މިނައި ހިސާބުކުރަންވާނެކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ. ކޮންކްރީޓާއި ބިއްލޫރި އަދި ދަނގަނޑު ބޭނުންކުރާ މިންގަނޑުތައް އިތުރުވެގެންދިއުމުގެ މާނައަކީ ތަރައްގީވެގެންދިއުން ނޫންކަމަށާއި ވިޔަފާރިކުރުމަށް އެކުލަވާލާ ޕްލޭންތައް ފެއިލްކޮއްލުމުގެ ނިޔަތުގައި ޗައިނާއިން ގަސްތުގައި ޕްރޮޖެކްޓުތަކުގެ އަގުތައް މަތިކުރާކަމަށް ވިިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމަކުން އެކުލަވާލާ ބިޒްނަސް ޕްލޭން ފެއިލްވުމުން ދަރަނި އަނބުރާ ނުދެއްކިދާކަމަށާއި އެހިސާބުން ބަދަލު ދިނުމަށް އެދޭކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކުއިޓީ އާއިއެކު ރާއްޖޭގެ ސިޔާދަތު ގެއްލިގެންދާކަމަށާއި ތަރައްގީއަކީ އިންފްރާސްޓްރަކްޗާ ބިނާކުރާ މިންގަނޑާއި ގުޅިފައިވާ އެއްޗެއްކަމަށް ދެކޭ ދެކުން އެއީ ރަނގަޅު ވިސްނުމެއް ނޫންކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
20%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: