އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި، ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގައި މާދަމާ ތާވަލްކުރި ޖަލްސާއަށް ވަޑައިގަންނަވަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އުޒުރުވެރިވެ ވަޑައިގެންފިއެވެ.
ފިނޭންސް މިނިސްޓަރ ރައްތިޔުންގެ މަޖިލީހުގެ ރައީސަށް ހުށަހެޅި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ސިއްހީ ހާލަތު ތަންނުދޭތީ މާދަމާގެ ޖަލްސާގައި ބަޖެޓް ހުށަޅަން ވަޑައިގެންނެވެން ނެތް ކަމަށެވެ.
މީގެކުރިންވެސް ބަޖެޓް ހުށަހެޅުމުގެ ޖަލްސާއެއް ތާވަލްކުރެވުނު ނަމަވެސް އެ ޖަލްސާއަށް މިނިސްޓަރު ވަޑައިނުގެންނެވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ލަފާގެ މަތިންނެވެ. ރައީސް ނަޝީދު އިތުބާރުނެތް މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް އެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެ ކަމަށްބުނެ ބަންޑާރަ ނައިބު ވަނީ މިނިސްޓަރު އަމީރުއަށް ލަފާދެއްވާފައެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ 18 ވަނަ ދައުރުގެ ޖަލަސާއަށް ވަނީ ދެ ބަޖެޓެއް ހުށަހެޅުމަށް އެޖެންޑާކޮށްފައެވެ. އެއާއެކު ރައީސް ނަޝިދުގެ އިތުބާރު ނެތް މައްސަލަވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. އެހެންކަމުން ފުރަތަމަ ބާއްވާ ޖަލްސާގައި ބަޖެޓް ހުށަހެޅުމުގެ ކަންތައް ކުރިޔަށް ގެންދަން ނިންމާފައިވާއިރު 11:00 ޖަހާއިރު އޮންނަ ޖަލްސާގައި ރައީސް ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.
ބަޖެޓް ހުށަހަޅަން ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގަންނަވަން ޖެހޭނެއެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަކީ 49.5 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަޕްލިމެންޓަރީ ބަޖެޓަކީ މި ސަރުކާރުން މިއަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ހަމަނުޖެހި ހުރި ގިނަ ކަންތައްތައް ފޫބެއްދުމަށް ހުށަހެޅި ބަޖެޓެއް ކަމަށާއި މި ނިންމުމަކީ މި ސަރުކާރުން ނިންމި ނިންމުމެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

