ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ ކުށް ސާބިތުވި މީހެއްގެ ޖަލު އަދަބު ރައީސް ސޯލިހު ލުއިކޮށްދީފި

ރ. މީދޫ، މުހައްމަދު އަނަސް: އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫނު އެއްޗަކުން ހަމަލާ ދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ކުށް ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުރި މީހެއްގެ އަދަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވައިފި އެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައެވެ. އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވި، ހައްޔަރު ކުރި މީހުންގެ ތެރޭގައި އޭރު 18 އަހަރު ނުވާ ކުއްޖެއް ވެސް ހިމެނެ އެވެ. 2018 ގައި ހައްޔަރު ކުރިއިރު އޭނާގެ އުމުރުން 17 އަހެވެ. މިހާރު އުމުރުން 22 އަހަރު ވެދާނެކަމަށް ބެލެވޭ، އެ މީހާގެ މައްޗަށް ކުށް ސާބިތުވެ ހައިކޯޓުން ކޯޓުން 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މީގެ އަހަރެއް ކުރިންނެވެ.

ހައްޔަރު ކުރިއިރު އުމުރުން 18 އަހަރު ނުވާތީ ވެ، މި މައްސަލައިގައި އޭނާގެ މައްޗަށް ޝަރީއަތް ކުރިޔަށް ގެންދިޔައީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުންނެވެ. ކުޑަކުދިންގެ އަދަލުގެ ގާނޫނު އޮންނަ ގޮތުން އެފަދަ މީހުންގެ މައުލޫމާތު އާންމެއް ނުކުރެވޭނެ އެވެ.

”ސަންގު“ އަށް ކަރެކްޝަނުން ކަށަވަރުކޮށްދިން ގޮތުގައި، ރައީސް ސޯލިހު ވަނީ އެ އަދަބު 10 އަހަރަށް ލުއިކޮށްދެއްވާފަ އެވެ. އެގޮތަށް ރައީސް ނިންމެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ދެވަނަ ބުރުގެ ވޯޓު ލުމުގެ ދުވަސްކޮޅެއް ކުރިންނެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް އިއްވިއިރު، އަނަސްގެ ހުރިހާ ވާރިސުން ވެސް އެދުނީ މަރަށް މަރު ހިފުމަށެވެ. އެކަމަކު ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތް ގޮތުން 18 އަހަރު ނުވީނީސް ކުރާ މަރުގެ އަދަބު ލިބޭ ކުށްތަކަށް އެ އަދަބު ނުދެވޭނެ އެވެ. އެހެންވެ އޭނާ އެ އަދަބުން ސަލާމާތްވީ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން އެގޮތަށް ކުރާ ކުށްތަކަށް އެންމެ ގިނަވެގެން ދެވޭނީ ގާނޫނުގައި އޮންނަ އަސްލު އަދަބުގެ ހަތަރުބައިކުޅަ ތިންބައެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވަނީ، އަނަސްގެ މަރަށް އިންސާފު ހޯދައިދޭނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެ ހާދިސާ ދެވަނަ ފަހަރަށް ތަކުރާރު ވުމަށް އެއްވެސް ރައްޔިތަކު ބޭނުން ނުވާކަމަށާއި، އެމަނިކުފާނު އަނަސްގެ އާއިލާއަށް ދޭން އޮތް ޔަގީންކަމަކީ އިންސާފުކަމަށް ވިދާޅުވެފައި ވެއެވެ. އެކަމަކު އެ މައްސަލައިގައި އިންސާފު ނުލިބި އަހަރުތަކެއްވީ އެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ރ. އަތޮޅަށް ވަޑައިގެން މީދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވެފައި ވަނީ އަނަސްގެ މަރަކީ އެއީ ހަނދާން ނައްތާލެވޭނެ ހާދިސާއެއް ނޫންކަމަށެވެ. އަދި އެފަދަ ދެވަނަ ހާދިސާއެއް އެއްވެސް ޒުވާނަކަށް ދިމާވުމަށް އެއްވެސް ދިވެހި ރައްޔިތަކު ނޭދޭނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި ރާއްޖެ އޮތް ހާލަތަށް ބޭނުން ނުވާ ސަބަބަކީ އެއީ ކަމަށެވެ.

އަނަސްގެ މަރުގެ މައްސަލައިގައި 2017 ގައި ބޭއްވި ޕްރެސްއެއްގައި ފުލުހުން ބުނީ އަނަސްއަށް ބަޔަކު ހަމަލާ ދިނީ އެހެން މީހަކުކަމަށް ހީކޮށް އޮޅިގެން ކަމަށެވެ. އަނަސް އެރޭ ލިޓަސް ސެންޓަރު ކައިރިޔަށް ދިޔައީ އެއީ އޭނާ ކުރިން މަސައްކަތް ކުރި ތަނަކަށް ވާތީ ރަހުމަތްތެރިންނާއި ބައްދަލުކުރުމަށްކަމަށް ފުލުހުން ބުންޏެވެ. އަދި އަނަސްއަށް ހަމަލާ ދިން މީހުން އެތަނަށް ދިޔައީ އެ މީހުން ފަރާލަމުން ދިޔަ މީހާ އެތަނުގައި ހުރިކަމުގެ މައުލޫމާތު ލިބިގެންކަމަށް ފުލުހުން ބުންޏެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެން ބާކީ އޮތީ، އެންމެ 48 ގަޑިއިރެވެ. އަދި އިއްޔެ މިޑިއާތަކުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މައި ދެ މީހުންކަމަށް ދައުލަތުން ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް އެއްކޮށް ލުއިކޮށްދެއްވައި މައާފު ދީ މިނިވަންކޮށްފަ އެވެ.

ކެމްޕެއިނުގެ ތެރޭގައި ވެސް ރައީސް ސޯލިހަށް އަމާޒުވި އެންމެ ބޮޑު ތުހުމަތަކީ، ބޮޑެތި ކުށްވެރިންގެ ޖަލުގެ އަދަބު ލުއިކޮށްދީ މައާފު ދެމުން ގެންދާ ކަމަށެވެ. އެކަމަކު އޭރު ސަރުކާރުން އެ ތުހުމަތުތައް ދޮގު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: