ދިވެހިރާއްޖޭގެ ފުރަތަމަ ދިމިގްރާތީ ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އުފެއްދުމުގައި އެންމެ އިސްދައުރެއް އާދާކުރެއްވި ކެނެރީގޭ މުހައްމަދު ނަޝީދަކީ ގިނަ މީހުން ބުނާގޮތުން ނަމަ ރާއްޖޭގެ ޑިމޮކްރެސީގެ ބައްފައެވެ. ޑިމޮކްރެސީގެ ރީތި އުސޫލުތަކާއި ގޮތްތަށް އެންމެ ރަނގަޅަށް ދަންނާނެ އެއްބޭފުޅަކީވެސް ނަޝީދު ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ދިމިގްރަތީ އިންތިހާބުގެ ދެވަނަބުރު ކާމިޔާބު ކުރެއްވުމަށްފަހު ވެރިކަމާ ހަވާލުވެވަޑައިގަތީ 11 ނޮވެމްބަރ 2008 ވަނަ އަހަރު ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފަހުއެވެ. އޭރު ރައީސް ނަޝީދަކީ ގިނަ ރައްޔިތުން ލޯބިކުރެއްވި ރައީސެކެވެ. އަދި ކުޅަދާނަ ސިޔާސީ ޝަހުސިއްޔަތެއްކަމަށް ގަބޫލު ކުރި މީހުން މަދެއް ނޫނެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން ރައްޔިތުންނަށް ފައިދާ ކުރަނިވި އެތަށް ކަމެއް ކުރެއްވި އިރު އޭގެތެރެއިން ފާހަގަކޮށްލެވޭ ކަންކަމަކީ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރުމަށް އާސަންދައިގެ ނަމުގައި ނިޒާމެއް ތަޢާރަފް ކުރެއްވިއެވެ. ހަމައެހެންމެ ފުލެޓު އަޅާއި ދެއްވުމާއި، ހާއްސަ އެހީގެ އެލެވެންސާއި އަދި އެކަނިވެރި މައިންގެ އެލެވެންސް ތަޢާރަފް ކުރެއްވިއެވެ. މިގިނަ ކަންކަން އެމަނިކުފާނު ދޮޅު އަހަރު ތެރޭގައި ކުރެއްވީ ފިސާރި ޖޯޝާ ފޯރީގައެވެ.
އެހެންނަމަވެސް ކަންކަން ބަދަލުވެގެން ދިޔައީ އެމަނިކުފާނު ހީފުޅު ކުރެއްވި ގޮތަކަށް ނޫނެވެ. އެމަނިކުފާނު ރައްޔިތުންނަށް ކޮށްދިން ކަންކަމަކީ ވެރިއެއްގެ ހައިސިއްޔަތުން ކޮށްދެވޭނެ އެންމެ ފަހު ކަންކަމަށް ބަދަލުވިއެވެ. ޕޯޑިއަމް ތަކަށް އަރައި ނުފެތޭނެ ކަމަށް ބުނި އޮޑި ފެތުނީ ދޮޅު އަހަރު ތެރޭގައި ގަދަ ކަނޑެއްގައި ދަތުރުކުރަން އެނގިވޑައިނުގަތުމުންނެވެ. ޑިމޮކްރެސީގެ ބައްޕައަށް ހީފުޅުކުރެވުނީ ވެރިކަމަށް ވަޑައިގަތުމުން އަމިއްލަ މަސްލަހަތު އިސްކޮށް ގޮތް ނިންމޭނެކަމަށެވެ. ގައުމާއި ރައްޔިތުންގެ މަސްލަހަތަށްވުރެ ޕާޓީގެ އަދި އެކު އުޅުނު ކުދިންގެ މަސްލަހަތު އިސްކުރެއްވީއެވެ. ޗާޓުން ބޭރުވެ ތިމާވަރުގެ ގަދަފަދަ ބޭފުޅެއް ނެތް ކަމަށް ގަބޫލުފުޅު ކުެރެވުނީއެވެ.
އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ކަންކަން ބަދަލުވެގެން ގޮސް ރައިސް ނަޝީދު ޖެހެވަޑައިގަތީ ރައީސް ކަމުން އިސްތިއުފާ ދެއްވަންށެވެ. އޭރު އެމަނިކުފާނުގެ އިސްތުފާގައި ވިދާޅުވީ ރައްޔިތުންނަށާއި އަދި ރާއްޖޭއަށް ގެއްލުން ލިބިދާނެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ އިސްތިއުފާ ދެއްވީކަމަށެވެ. އަދި އެމަނިކުފާނަކީ ބާރުގެ ބޭނުންކޮށްގެން ވެރިކަމެއް ދަމަހައްޓާނެ ވެރިއެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ތާރިހު ދެކެފައިނުވާފަދަ ކަމެއް އެންމެ ފުރަތަމަ ކުރެއްވި ރައީސައަކީ ރައީސް ނަޝީދު ކަމަށް ވާއިރު އެމަނިކުފާނުގެ ސިޔާސީ ހަޔާތް ދެން ބަދަލުކޮށްލީ ރާއްޖޭގެ ތާރީހު ދެކެން ބޭނުން ނުވާފަދަ މަންޒަރަކަށެވެ. 7 ފެބްރުއަރީ 2012 ވަނަ އަހަރު އިސްތިއުފާ ދެއްވާ ވަޑައިގަތުމުން ގިނަބަޔެއްގެ ފާޑުކިއުން އަމާޒު ވިއެވެ. އެހެންނަމަވެސް އެއްކަލަ ނުފެތޭނެ ކަމަށް ވިދާޅުވި އޮޑި ކޮޅަށް ޖެހީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާއާއި އެކުއެވެ.
ވެރިކަމެއް ބަދަލުކުރުމަށްޓަކައި އެއްބައިވެ އެކުވެރިޔާ އަށް ވެރިކަން ދެއްވީ އާބަދަލަކަށެވެ. ރައްޔިތުން ހީކުރީ ޑިމޮކްރެސީގެ ބައްޕަ ދެން ވެރިކަމުގެ ބާރާއި އަރާމު ދޫކުރައްވާ އެއްފަރާތް ވީ ކަމަށެވެ. އެހެން ނަމަވެސް އެކުވެރިޔާއަށް އޮތް ލޯބި ބޮޑުވެ އެމަންޒަރު ބައްލަވަންވެސްވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ދުވަސް ކޮޅެއްނުވެ ދެން ފެނިގެން ދިޔައީ އެކުވެރިން ހަތުރުންނަށް ބަދަލުވެ ހަތުރުން މިތުރުންނަށްވީ ތަނެވެ.
2008 ވަނަ އަހަރުން ފެށިގެން ރައްޔިތުންނަށްޓަކައި ޖާނާއި މާލުން ފުރާނަދިން ޕާޓީ ދޫކުރެއްވުމާކީ އެހާ ފަސޭހަ ކަމަކަމަށް ނުވިއެވެ. އެހެންކަމުން ޕާޓީގެ ޕްރައަމަރީގައި ވާދަކުރައްވާ ނާކާމިޔާބުވުމުން ދެން ދޫކޮށްލެއްވީ ނުފެތޭނެ ކަމަށް ބުނި އޮޑިއެވެ. އޮޑިން ފާބައިވަޑައިގަތީ އެ އޮޑީގައި ތިބި މަދު ފަޅުވެރިންކޮޅެއްވެސް ގޮވައިގެން އާ މިސްރާބަކަށް ދަތުރު ފައްޓަވާށް އައު އޮޑިއެއް ބަނދެގެންނެވެ. އެމްޑީޕީގެ ރައީސް ކަމުން އެމަނިކުފާނުގެ ހަޔާތުގެ ދެވަނަ އިސްތިއުފާ ދެއްވީވެސް ހަމަ ރައްޔިތުންނަށް ޓަކައެވެ. އެމްޑީޕީއަށްޓަކައެވެ.
އަބަދުވެސް ރައްޔިތުންނަށްޓަކައި މަގާމްތައް ދޫރެއްވި ރައިސް ދެން ފެނިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުންނެވެ. އެމްޑީޕީ ދޫކުރައްވާ އާ ޕާޓީއެއް އުފައްދަވާ އެޕާޓިއަށް ދެއްވީ ”ދަ ޑިމޮކްރެޓްސް“ ގެ ނަމެވެ. މަޖިލީހުގެ ރިޔާސަތުން ފެނިގެންދިޔައީ އާ ޕާޓިއެއްގެ ރައީސެއް ނަމަވެސް އެއްވެސް ހާލެއްގައި އެ އާޕާޓިގެ ރައީސްގެ މިޒާޖާ ކަންކުރައްވާ ގޮތެއް އަލެއްނުވިއެވެ. މަޖިލީހުގައި ރިޔާސަތުގައި އިންނަވައިގެން ސަކަރާތް ޖެއްސެވީ މެޖޯރިޓީ ޕާޓީ އަކީ އެމްޑީޕީ ކަމަށް ހަނދުމަފުޅު ނުކުރައްވައެވެ.
އެމްޑީޕީން ވަރުގަދަ ޕްލޭނަކާއެކު 49 މެންބަރުގެ ސޮއި ކުރައްވާ ގަރާރެއް މަޖިލިހަށް ހުށަހެޅީ އަނެއްކާވެސް އަމިއްލަ މަސްލަހަތު އިސްކޮށް ރިޔާސަތުުގައި އިންނަވައިގެން ކަންކަން ކުރެއްވުމުންނެވެ. އެމްޑީޕީ އާއި ޑީމޮކްރެޓްސް ގެ ސިޔާސީ ކޯޅުން މަޖިލީހުގެ ތަޅުމަށް ވައްދާ އެންމެ ފަހުން ދިވެހި ދައުލަތުގެ އެއްބާރު ބޭނުން ނުކުރެވޭ ހާލަތަށް ދިޔައެވެ. މަޖިލީހުގެ މަސްލަހަތު ގޯސްވެ ދުންމާރި ފުމެން ފެށުމުން މަޖިލީހަށް ވަޑައިގެން އަނެއްކާވެސް އިސްތިއުފާ ދެއްވީ ރައްޔިތުންނަށް ޓަކައެވެ.
ރައީސް ނަޝީދު ތިންވަނަ ފަހަރަށް އިސްތިއުފާ ދެއްވާ ހެޓްރިކް ހެއްދެވިއިރު އެމަނިކުފާނު ތިން ފަހަރުވެސް ވިދާޅުވީ އިސްތިއުފާ ދެއްވީ ރައްޔިތުންނަށް ޓަކައި ކަމަށެވެ. އެހެން ނަމަވެސް ފެންނަ މަންޒަރަކީ ރައްޔިތުންނަށްޓަކައި ކަންކަން ކުރައްވާ ކަމަށް ވިދާޅުވި ބޭފުޅާ އެކަމެއްގެ ހިތި ނަތީޖާ ނިކުތުމުން އެކަމެއް ކުރައްވާ މަންޒަރެވެ. އަރާނެ ގޮޅި ހުސްވަނީއެވެ.

