ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ދިވެހި ރާއްޖެ ހަދާނަން: ރައީސް ޑރ މުއިއްޒު

ރައީސުކްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ފަހު ގައުމާއި މުހާތަބު ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެކަމަށާއި، ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. މި ތަޤުރީރު ދެއްވާފައި ވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި، އެހެންކަމުން، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ވުރެ ބޮޑަށް އެމަނިކުފާނު އެހެން އެއްވެސް ޤައުމަކަށް އިސްކަން ނުދެއްވާނެކަން ވަނީ ހާމަކުރައްވާފައެވެ. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމްކުރައްވާނެ ކަމަށާއި، ޤައުމުތަކާއެކު ރަޙްމަތްތެރި ގުޅުން ވެސް ބާއްވަވާނެ ކަމުގައެވެ. އަދި އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ އިމަށް، ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމް ކުރައްވާނެކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަމަ މިފަދައިން ދިވެހި ދައުލަތުގެ ސިޔާދަތީ އިން ރައްކާތެރިކުރުމުގެ ޙައްޤު އޮންނަންވާނެ ކަންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ދެމި ތިބެގެންނެވެ. އަދި، މި ރާއްޖެ ޙަޤީޤީ ދިވެހި ޤައުމަށް ވާނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެ، އެހީތެރިވެ، ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކު އަނެކަކަށް އެއްބާރުލުން ދީގެންނެވެ.

ޢިލްމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތަފާތު އެކި ދާއިރާތަކުން ޢިލްމުވެރީން އެބަ ތިބިކަމުގައި ވިދާޅުވެ، މި ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުގައި ކޮންމެ ދާއިރާއެއްގައި ވެސް ޢިލްމާއި ޢިލްމުވެރީންގެ އަގުވަޒަންކުރައްވާނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން، ޤައުމީ ތަރައްޤީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގެ ބިންގަލަކީ އަދި އަސްލަކީ، ޢިލްމުވެރީންގެ ޢިލްމީ ދިރާސާތައް ކަމުގައި ހަދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުވާން ބޭނުންފުޅުވާކަން ހާމަކުރައްވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ދިވެހި އަންހެނުންނާއި ޒުވާނުންނަކީ، ޤައުމު ހިންގުމުގެ އިންޖީނުކަމަށާއި، އެމީހުންނަކީ ޤައުމު ދެމިއޮތުމުގެ ހަކަތަކަމުގައި ސިފަކުރައްވާފައެވެ. އަދި، އަންހެނުންގެ ޙައްޤުތައް މި ސަރުކާރުން ރައްކާތެރިކޮށްދޭނެ ކަމަށާއި، ޒުވާނުންނާއި އަންހެނުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދީ، ސިޔާސީގޮތުން ބާރުވެރިކޮށްދީ، ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަކީ، ޤައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މޭސްތިރިންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާނެކަމަށެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވީ އެކަންކަމާ، ޒަމާނީ ޢިލްމުތަކާއި ޓެކްނޯލޮޖީއާ ރަޙްމަތްތެރިކޮށް ދޭނެކަމަށާއި، ދުނިޔޭގައި ކުރިއަރައިފައިވާ އެންމެފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތަޢާރުފުކޮށްދީ، އާމްދަނީއާއި ހުނަރު އިތުރުކޮށްދިނުން، މާލަހެއްނުވެ، މަސްވެރީންނާއި ދަނޑުވެރީނާ ހިސާބަށް ގެނެސްދޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހުރިއްޔާ ވަނީ މިއަދުގެ ޖީލުތަކާ ހަމައަށް މި ޤައުމު އުފުލައިދިން އަމާނާތްތެރި ހިންމަތްތެރި އިސްރަށްވެހީންނަކީ ވާނީ އެމަނިކުފާނުގެ ސަރުކާރުގައި މުޖުތަމަޢުގައި ހަވާސާއެއް ނުކޮށް، އިޙްތިރާމު ލިބޭ ޝާމިލް ޤަދަރުކުރާ ބައެއްކަމަށްހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ. އަދި، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫޢިން ދިވެހި ދަރީންގެ ނަފުސާނީ، ރޫޙާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: