ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ހަނގުރާމަ: ހަމާސް އާއި އިސްރާއީލު ވަގުތީ އެއްބަސްވުމަކަށް!

ފަލަސްތީނުގެ ހަނގުރާމަ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލާއި ހަމާސްއިން ހަތަރު ދުވަހަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، 7 އޮކްޓޯބަރުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތީގޮތުން ހުއްޓާލުމަށް އެއްބަސްވެފައިވަނީ ގަތަރުގެ ބެލުމުގެ ދަށުން ކުރެވުނު މަޝްވަރާއަކަށްފަހުއެވެ. މި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހަމާސްގެ ބެލުމުގެ ދަށުގައިވާ ޖުމަލަ 50 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމަށް އެއްބަސްވެފައިވާއިރު، އިސްރާއީލުގެ ޖަލުތަކުގައިތިބި 150 ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމަށްވެސް އެއްބަސްވެފައިވެއެވެ.

އެއްބަސްވުން ގާއިމުކުރެވިފައިވާކަން އިއުލާނުކުރެވިފައިވާނަމަވެސް އަދި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިނުވެއެވެ. އަމަލުކުރަން ފަށާނެ ވަގުތު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެނގިގެންދާނެކަމަށް ގަތަރުން މިކަމާއި ގުޅޭގޮތުން ނެރިފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، މި އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އިންސާނީ އެހީ ފޮނުވުމަށްވެސް ހަމަޖެހިފައިވެއެވެ. އިސްރާއީލުން ހުއްޓުމެއް ނެތި ދީފައިވާ ހަމަލާތަކުގެ ތެރޭގައި ޖުމުލަކޮށް ފަލަސްތީނުގެ 14،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މި އަދަދުގެ ތެރޭގައި 5600 ކުޑަކުދިންވެސް ހިމެނޭއިރު، 1.7 މިލިއަން މީހުންނަށް ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވެއެވެ. ހަމާސްއިން އިސްރާއީލަށް ދީފައިވާ ހަމަލާގައި 1200 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިންވަނީ މިކަމާއި ގުޅޭގޮތުން ބަޔާނެއް ނެރިފައެެވެ. އެގޮތުން މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ލުއިތަކެއް ލިބި، މައްސަލަ ހައްލުކުރުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރާކަމަށާއި ސުލްހައަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރާކަމަށް ބުނެފައިވެއެވެ. ޔޫރަޕިއަން ޔުނިއަންގެ ރައީސް އާސަލާ ވޮން ޑާ ލެޔެން ވަނީ އެއްބަސްވުމަށް މަރުހަބާކިޔާފައެވެ. އަދި ހުއްޓާލުމުން ލިބިގެންދާ ދުވަސްތައް އިންސާނީ އެހީ ފޯރުވުމުގައި ހޭދަކުރާނެކަމަށް ބުނެފައިވެއެވެ.

ފަރަންސޭސިވިލާތުންވެސް ވަނީ މި ކުރިއެރުމުގެ މައްޗަަށް އަލިއަޅުވައި ބަޔާނެއް ނެރިފައެވެ. އެގޮތުން އެންމެ ފުރަތަމަ މިނިވަންކުރާ މީހުންގެ ތެރޭގައި އެ ގައުމުގެ ރައްޔިތުން ހިމެނޭނެކަމަށް އުންމީދުކުރައްވާކަމަށް ފޮރިން މިނިސްޓަރު ކެތިރިން ކޮލޯނާ ވިދާޅުވެފައިވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗްގެ ފަލަސްތީނަށް ކަނޑައެޅިފައިވާ ޑިރެކްޓަރު އޮމަރު ޝާކިރު ވިދާޅުވީ، ވޭތުވެދިޔަ ހަފްތާތަކުގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކަށްފަހު އެއްބަސްވުން ގާއިމުކުރެވިފައިވުމަށް މަރުހަބާ ކިޔާކަމަށެވެ. އެހެންނަމަވެސް ރަހީނުކުރުމާއި އިންސާނީ އެހީ ފޯރުވުމަށް ހުރަސް އެޅުން ފަދަ ހަނގުރާމައިގެ ޖަރީމާތަކަކީ އެއްވެސް އިރެއްގައި ބަލައިގަނެވޭނެ ކަންކަން ނޫންކަމަށާއި، އިސްނާނުންނަކީ އެއްބަސްވުންތައް ގާއިމުކުރުމަށް ބޭނުންކުރާ “ބާގެއިނިން ޗިޕު” ތަކެއް ނޫންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހަމަލާ ހުއްޓާލުމަށް އެއްބަސްވުނުވެވުނު ނަމަވެސް ގާނޫނާއި ހިލާފު އަމަލުތައް ހުއްޓާލަން ޖެހޭކަމަށެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވެސްވަނީ މި އެއްބަސްވުން ގާއިމުކުރެވުމަށް މަރުހަބާކިޔާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އޭނާ ވަނީ އެކީ އެކައްޗަކަށް އިސްރާއީލުގެ އުދުވާންތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެ ގައުމަށް އިންސާނީ އެހީތައް ފޯރުވުމުގެ މުހިންމުކަމަށްވެސް އަލިއަޅުއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: