އުރީދޫގެ ޑެޕިއުޓީ ގްރޫޕް ސީއީއޯ ޝެއިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރައްވައިފިއެވެ.
އުރީދޫއިން ހިއްސާކޮށްފައިވާގޮތުން އެ ކުންފުނީގެ ޑެޕިއުޓީ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް މުހައްމަދު ބިން އަބްދުالله އަލް ޘާނީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އިސްވެ ހުންނަވައިގެން އުރީދޫ ގްރޫޕްގެ ވީއައިޕީ ވަފުދެއް ރައީސް މުއިއްޒުއާއި ބައްދަލުކުރީ، ހިދުމަތް ފޯރުކޮށްދޭ ހުރިހާ މާކެޓުތަކުގެ މުޖުތަމައުތަކެއްގެ ދިރިއުޅުން މުއްސަނދިކުރުމަށާއި ޑިޖިޓަލް ހިދުމަތްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން މި ބައްދަލުވުމުގައި ރައީސް މުއިއްޒު އަދި ސަރުކާރާއިއެކު މަޝްވަރާތައް ކޮށް އުރީދޫ އާއި ރާއްޖެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރު ބަދަހިކުރުމާއި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ގެނައުމަށް ޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާފައިވެއެވެ.
ޑެޕިއުޓީ ގްރޫޕް ސީއީއޯ ޝެއިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ ވިދާޅުވީ، ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ލިބިވަޑައިގެންނެވުމަކީ ޝަރަފެކެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ވިއުގަ ވަރުގަދަ ކުރުމަށްޓަކައި މުއައްސަސާތަކާއި ކުންފުނިތަކާއި އެކު ކުރެވެމުންދާ މަަސައްކަތްތައް ކުރިމަގުގައި އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރުމަށް ދެއްވި ވަގުތަށް ސަރުކާރަށް ޝުކުރު އަދާކުރައްވާކަަމަށެވެ.
އޭނާ ވިދާޅުވީ، އުރީދޫގެ ބައިނަލްއަގުވާމީ ގުޅުންތަކާއި ޓެކްނޮލޮޖީގެ ތަޖުރިބާގެ ބޭނުން ހިފައި ދިވެހި ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުރީދޫއިން އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

