ސިނަމާލެ ބުރިޖުގެ ހައިވޭގައި ޖާހާފައިވާ ސޯލާ ޕެނަލްތައް ނެގޭނެ ގޮތްތަކާއި ރީ ލޮކޭޓް ކުރެވޭނެ ގޮތްތައް ބައްލަވައި އެ މަސައްކަތްތައް މިހާރު ކުރައްވަމުން ދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި މިނިސްޓަރ ތޯރިގް ވިދާޅުވީ ސޯލާ ޕެނަލްތައް މިހާރު ގާތްގަނޑަކަށް ނެގިފައިވާކަމަށާއި އަދި ކަރަންޓުވެސް ތައްޔާރުވެފައި ވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެތަނުގެ މައްސަލައަކަށް ދިމާވަނީ ތަނުގެ ރީތިކަން ގެއްލުންކަމަށާއި އަދި ދަތުރުކުރާ ފަރާތްތަކަށް އެ އުނދަގޫ ވާތީކަމަށެވެ.
އެތަނުން ޖެނެރޭޓް ކުރަނީ 5.5 މެގަ ވޯޓުގެ ކަރަންޓު ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ. އަދި އެތަނުން ސޯލާ ޕެނަލްތައް ނެގޭނެގޮތެއް ބައްލަވައި އެތަނުގައި ކުރެވެން ހުރި މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ވައުދުފުޅެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ތޯރިގް ވިދާޅުވީ އެ މަޝްރޫއު އަކީ ބޭރުގެ އިންވެސްޓްމެންޓެއް ކަމަށާއި އަދި އެއީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުއެއް ކަމަށެވެ.
މާލޭގެ ކަރަންޓު ނުވަތަ ޕަވަރ ޖެނޭރޭޝަންއަށް އަންނާނެ ބަދަލުތަކަކީ ކޮބައިތޯވެސް ބައްލަވަން ޖެހޭ ކަމަށާއި އެކަންވެސް ބަލައި ދިރާސާކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލޭގެ ޕަވަރ ޖެނެރޭޝަންއަކަށް އެކަށީގެންވާ ވަރުގެ ބޮޑު ކުރިއެރުމެއް ގެނެވިފައި ނުވާކަމަށް ތޯރިގް ވިދާޅުވިއެވެ. އެހެންނަމަވެސް މާލެ ތެރޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ބޮޑު ވެގެން ގޮއްސިނަމަ، ކެޕޭސިޓީ ދުވަހުން ދުވަހަަށް ބޮޑު ވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ސޯލާ ޕެނަލްގެ މަސައްކަތް ކުރައްވާނީ އެ ހުރިހާ ކަމަކަށް ރިއާޔަތްކުރައްވައިގެން ކަމަށް ވިދާޅުވިއެވެ.
މީގެއުތުރުން ކޮޕް ސަމިޓުގައި ދެކެވުނު ވާހަކަތަކަށް އަލި އަޅުވާލައި މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަށް ކުޑަ ކުރެވޭނެ ގޮތެއް ބަލަަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ރާއްޖެ ފަދަ ކުޑަ ގައުމުތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވއިެވެ. ޕެރިސް އެގްރިމެންޓު ނިމިގެން ދިޔައިރު ހިތްހަމަ ޖެހޭ ކަންތައްތަކަކާއި ހިތް ހަމަ ނުޖެހޭ ކަންކަން ހުރިކަމަށް ވިދާޅުވއިެވެ.
އެހެންކަމުން އެގްރިމެންޓުގައި އިތުރަށް ކުރަން ޖެހޭ ކަންކަން ފާހަގަކޮށްފައިވާނެ ކަމަށް މިނސްޓަރ ވިދާޅުވިއެވެ. އޭގެ ތެރެގައި ފޮސިލް ފިއުލް ބޭނުން ކުރާ މިންވަރު ވިހާވެސް މަދުކުރުން ނުވަތަ ބޭނުންކުރުން ހުއްޓާލުން ހިމެނެއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ އެންމެ ބޮޑު އެއް އުއްމީދަކީވެސް އެއީ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

