ސިއްހީ ދާއިރާ އިތުރަށް ފުރިހަމަ ކުރުމަށް މި ސަރުކާރުގެ އެޖެންޑާގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ވިލިމާލެ އާއި މާލެ އާއި ދެމެދު ސީ އެންބިއުލާންސްގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ހަލީލް ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލްގެ ހާލަތު ބައްލަވަން ކުރި ޒިޔާރާތުގައި އެމަޖެންސީގައި މީހުން މާލެ ގެންދިއުމަށް އޮތް އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް އެ ރަށުން އެދުނުކަމަށެވެ. މިއީ ރައްޔިތުން ކިހާ ބޭނުންވެފައިވާ ކަމެއްކަން ވަޒަން ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވިލިމާލެއަށް ހާއްސަކޮށްފައިވަނީ ރާއްޖޭގައި ބޭނުން ކުރާ އެހެން ލޯންޗްތަކަށްވުރެ، ބޮޑު އަދި ފުޅާކޮށް ހިދުމަތް ދެވޭ ލޯންޗެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މަސައްކަތް މި ނިމުނީކީ ނޫން މިހާ ހިސާބުން. އަޅުގަނޑުމެން މި ރަށުން ފުރައިގެން ދެން، މި އަވަށުން ފުރައިގެން މާލެއަށް ދިއުމުން އަދި އެ މަސައްކަތް ނިމުނީކީ ނޫން. މި ހިދުމަތްވެސް އިތުރަށް ފުޅާކުރުމަށްޓަކައި މީގަ އިތުރު އާލާތްތަކެއް ހަރުކުރަން ޖެހެންޏާ، މެޑިކަލް އާލާތްތަކެއް ހަރުކުރަން ޖެހެންޏާ، އެކަންވެސް އަޅުގަނޑުމެން ދެނެގަތުމަށްފަހުގައި، ފުރިހަމަކުރާނަން.
މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ މި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އެކަންކަންވެސް ކުރާނެކަމަށެވެ.
ސިއްހީ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް މި ސަރުކާރުގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަން ބަރާ ބަރަށް ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. ކެބިނެޓު ވަޒީރުން ތިބީ 24 ގަނޑިއިރު ރައްޔިތުންގެ ހިދުމަތުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އެދިލެއްވިއެވެ. އަދި ބޭނުންވާ ހިދުމަތްތަކަށް އެދުމަކީ، އެކަންކަން ސަރުކާރާއި ހަމައަށް ގެނައުމަކީ ލިބިގެންދާނެ ފަސޭހައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

