އެކި އެކި ސަބަބުތަކާއި ގުޅިގެން ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިންނާއި ނަރުހުންނަށް އަނބުރާ މަސައްކަތްތަށް ނުކުތުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަލީލްވަނީ ހަފްތާ14ގެ ތެރޭގައި ހިމެނޭކަންކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އެކި އެކި ސަބަބުތަކާއި ގުޅިގެން ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނަށް އަނބުރާ މަސައްކަތަށް ނުކުމެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ މަތިން މަސައްކަތްތައް ކާމިޔާބުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ސިޔާސަތު އެކުލަވާލާ އިއުލާނުކޮށްފައިވާކަމަށާއި މިހާރު އެއް ބޭފުޅަކު ވަޒީފާއަށް ނުކުމެ ދާއިމީ މަގާމަކަށްވެސް ވަޑައިގެންފައިވާކަމަށް އަލިއެޅުއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އެކި އެކި ސަބަބުތަކާއި ގުޅިގެން މަސައްކަތުން ދުރުވެފައި ތިބި ފަރާތްތައް ހިދުމަތަށް ނުކުތުމަށް އެދިވަޑައިގަންނަވާކަމަށާއި ހާއްސަ ގޮތެއްގައި ހިދުމަތް ކުރެއްވުމަށް ބޭނުންވާ ފަރާތްތައް ހިދުމަތްކޮށްދެއްވުމަށް ނުކުމެވަޑައިގަތުމަށް ސަރުކާރުން ވަރަށް ބޮޑަށް އެދޭކަމަށެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ، އެ ބޭފުޅުންނަށް ފުރުސަތުވެސް އެބަ އޮތްކަމަށާއި އެ މީހަކު ބޭނުންވާ ވަގުތެއްގައި މަސައްކަތަށް ނުކުމެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާފައިވާކަމަށް ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ހެނދުނުގެ ވަގުތުތަކުގައި ނުކުތުން ޝަރުތުކުރެވިފައިނުވާކަމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ނުކުމެވޭ ފަރާތްތަކަށް މުއައްސަސާތަކާއި މަޝްވަރާކުރުމުން އެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

