2 ޖެނުއަރީގައި މި ހަފްތާއިން ފެށިގެން ގޯތިތައް ދެމުން ގެންދާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައިވަނިކޮށް، އެކަން އެގޮތަށް ނުކުރާނެކަމަށް ހައުންސިން މިނިސްޓްރީއިން ބުނެފިއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓްރީއިން ބުނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށް ސަރުކާރުން ހިންގާ ”ގެދޮރުވެރިޔާ ސްކީމް“ ގެ ދަށުން، ފްލެޓަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް އެ މިނިސްޓްރީއިން ބުނެފައިވާކަމަށް ބުނެ މީޑއާ އަދި ސޯޝަލް މީޑއާގައި ދައުރުވަމުން އަންނަ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫންކަމަށެވެ.
މިފަދަ ހަބަރެއް އެ މިނިސްޓްރިއިން އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާނެކަމަށްވެސް ބުންޏެވެ.
އަދި ހައުސިން މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދު އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރެއްވީއިރު ވިދާޅުވީ ފަދައިން، ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ސްކީމާއި ގުޅޭ މަސައްކަތް ހުއްޓާލުމަށް އެ މިނިސްޓްރީއަށް އަންގާފައިވާތީކަމަށެވެ.
މިކަމާއި ގުޅޭ މަސައްކަތްތައް އަލުން ފަށާނީ އޭސީސީއިން މި މައްސަލަ ބަލާ މިނިސްޓްރީއަށް ފޮނުވުމުންކަމަށް ބުންޏެވެ.
ނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯއްޗާއި ފްލެޓު ލިބޭނެކަމަށް، ނިންމައި ގެޒެޓު ކުރި ލިސްޓުގައިވާ މީހުންނަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މި ހަފްތާއިން ފެށިގެން ގޯތި ހަވާލު ކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް 2 ޖެނުއަރީގައި ވިދާޅުވެފައެވެ.

