މިއަދު ދިވެހި ރައްޔިތުން ބޭނުންވަނީ ތައުލީމާއި ތަޖުރިބާ ހުރި މީހުން މަގާމުތަކަށް އައްޔަނުކުރަންކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެނިގެންދާކަމަށް ޕީޕީއެމް ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ޝަމްއޫނު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަމްއޫންވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، މަޖިލީސް މެމްބަރުންގެ ގޮތުގައި ތިއްބަވަންވާނީ މާގާމުގެ ޒިންމާ އަދާކުރެއްވޭނެ މީހުންކަމަށެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ގާނޫނުތައް ޑްރާފްޓުކުރުންފަދަ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ހައްސާސް މަސައްކަތްތަކެއް ކުރާ ތަނެއްކަމަށާއި އެހެންކަމުން އެ ޕްރޮޑަކްޓިވިޓީ ނެރެވޭނީ އެކަމުގެ ތައުލީމާއި ތަޖުރިބާވެސް ހުރި މީހުންނަށް ކަމަށް ފާހަގަކުރެއްވިއެވެ.
ޝަމްއޫނު ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ވިސްނުންތަކާއި ހާލަތު ބަދަލުވަމުންދާކަމަށެވެ. މިއަދު ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންފައިވަނީ ވަރަށް ތައުލީމީ ބޭފުޅެއްކަމަށެވެ. އޭނާ ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާސީ ގޮތުން ތަޖުރިބާ ހުރި ވަރުގަދަ މީހުން ބައިވެރިވެވަޑައިގެންނެވިކަމަށެވެ. އެހެންކަމުން މިއަދު ރައްޔިތުން ބޭނުންވަނީ ތައުލީމުވެސް ހާސިލުކޮށްފައިވާ މީހެއްކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެނިގެންދާކަމަށް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ޕްރޮޑަކްޓިވިޓީ ހުރި ރަނގަޅު އިހުލާސްތެރި ބަޔަކު މަގާމުތަކަށް ގެނައުމަށް ރައްޔިތުން ބޭނުންވާކަން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ މުއިއްޒު އައްޔަނުކުރުމަށް ރައްޔިތުން ނިންމި ނިންމުމުން ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ މައްޗަންގޯޅި މެދު ދާއިރާގެ މީހުންގެ އިހުސާސްވެސް ހުރީ އެގޮތުގެ މަތީކަމަށާއި ބޭނުންވަނީ ދާއިރާ ތަމްސީލުކުރަން އަންނަ މީހެއްގެ ސިފައިގައި އިސްވެ ދެންނެވި ސިފަތައް ހުރުންކަމަށް ފާހަގަކުރެއްވިއެވެ.
ޝަމްއޫނު ވިދާޅުވީ، ލީޑަރޝިޕް ފަދަ ކޮލިޓީތައް ހުންނަންޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، ދާއިރާގެ މީހުން ގޮވައިގެން މަސައްކަތްތަކުގައި ވަރަށް ކެރިގެން ވަކާލާތުކޮށްދޭނެ މީހަކު ބޭނުންވާކަމަށެވެ.
ޝަމްއޫނު ވިދާޅުވީ، އޭނާވާނީ ވޭތުވެދިޔަ 15 އަހަރު ދުވަސް މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންނާއިއެކު ދިމާވި ކޮންމެ ކަމެއްގައިވެސް ”އެންމެ ގާތް މިތުރު“ގެ ގޮތުގައި ހުރެފައިކަމަށާއި ސިޔާސީ އާއި އިޖުތިމާއީ ދާއިރާގައިވެސް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއިއެކު ކުރެވިފައިވަނީ ކާމިޔާބު މަސައްކަތްތަކެއްކަމަށާއި މިއަދު ނުކުމެ ހުންނެވީ އެ ބޭފުޅުންނާއިއެކު ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ ހޯއްދެވުމަށްކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ ނަތީޖާއަކީ ދާއިރާއިން އެެދެމުންދާ ބަދަލުތައް ގެނައުންކަމަަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން 7 ސިޔާސަތެއް އެކުލަވާލާފައިވާކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ބަދަލުތަކުގެ ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުތައް ހިމެނޭނެކަމަށާއި އެކަމުގެ ތެރޭގައި އެންޓި ޑިފެކްޝަން ގާނޫނު އަނބުރާ ވުޖޫދަށް ގެނައުން ހިމެނޭކަން ހިއްސާކުރެއްވިއެވެ.

