ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާރީހަށް ބަދަލު އައިމަ މާ ބޮޑު ދައްޗެއް ނުވާނެ، ހަރަދުތައް އިތުރުވާނެ: ހަބީބް

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ ތާރީހަށް ބަދަލެއް އައުމުން މާބޮޑު ދަތިތަކެއް ކުރިމަތި ނުވިނަމަވެސް ހަރަދުތައް އިތުރުވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ، އިލެކްޝަންސްގެ ވިސްނުން ހުރީ އިންތިހާބުގެ އިންތިޒާމުތައް ރަމަޟާން މަހުގެ ކުރިއަށް ނިންމާލުމަށްކަމަށެވެ. ބައެއް ޕާޓީތަކުން އިންތިހާބުގެ ތާރީހު ބަދަލުކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށް އަލިއަޅުއްވައި ހަބީބް ވިދާޅުވީ، އިލެޝަންސްއަށް ތާރީހަށް އަންނަ ބަދަލާއިއެކު މާ ބޮޑު ދަތިތަކެއް ކުރިމަތިނުވާނެކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އިންތިހާބުގެ ހަރަދުތައް އިތުރުވެގެންދާކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވޯޓުލާ މީހުންގެ ރެޖިސްޓްރޭޝަނާއި ރީރެޖިސްޓްރޭޝަންގެ މަސައްކަތްތައް އިންތިޒާމުކުރެވެމުންދަނީ 17 މާޗުގެ ނިޔަލަށް ނިންމާލުމަށްކަމަށެވެ. އެހެންކަމުން ތާރީހަށް ބަދަލުތަކެއް އައިސްފި ހާލަތެއްގައި އަނެއްކާވެސް 18 އަހަރު ފުރޭ މީހުން އިތުރުކޮށް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލަންޖެހޭނެކަން ފާހަގަކުރެއްވިއެވެ. އަދި 17 މާޗުގައި ވޯޓުލާން ރެޖިސްޓްރީކޮށްފައިވާ މީހުން އިންތިހާބުގެ ތާރީހަށް އަންނަ ބަދަލާއިއެކު އަލުން ރެޖިސްޓްރީކުރަން ބޭނުންވެދާނެ ހާލަތަށްވެސް އިންތިޒާމުތައް ހަމަޖައްސަންޖެހޭނެކަމަށް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، އިންތިހާބުގެ ކަންކަމަށް އެކަމުގެ ސަބަބުން މާ ބޮޑެތި ދަތިތަކެއް ކުރިމަތިނުވާނެކަމަށެވެ. އެހެންނަމަވެސް މަސް ދުވަހަށްވުރެ މުއްދަތު އިތުރުވެގެންދާނަމަ އިންތިހާބަށް ނަގާފައިވާ މުއައްޒަފުންނަށް ޓްރެއިނިންގް ދިނުމުގެ މަސައްކަތްތައްވެސް ކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކޮމިޝަނުން ތައްޔާރުވަމުންދަނީ ރައްޔިތުންގެ މަޖިލީހުން ބަދަލުތައް ގެނައުމަށް ފާސްކޮށްފި ހާލަތުގައިވެސް ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަކަށްކަަމަަށާއި ގާނޫނު ފާސްނުކޮށްފި ހާލަތެއްގައި މިހާރު އޮތް ޝެޑިއުލަށް ކަންކަން ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށައެޅުމުގެ މަސައްކަތްތައް ކުރަމުންދާ ގޮތާއިމެދުވެސް ހަބީބް މައުލޫމާތު ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިންތިހާބަށް އިއުލާނުކުރީ ޖެނުއަރީ 30 ވަނަ ދުވަހުގައިކަމަށްވާއިރު މިހާތަނަށް ލިބިފައިވަނީ ދެ ފޯމެއްކަަމަށެވެ. އޭނާ ވިދާޅުވީ، ފޯމު ހުށެޅުމަށް 14 ދުވަހުގެ މުއްދަތެއް ދިންނަމަވެސް އަދި އެއަށްވުރެ ދިގު މުއްދަތެއް ދިންނަމަވެސް ފޯމުތައް ލިބޭނީ އާންމުކޮށް އެންމެ ފަހު ދެ ތިން ދުވަހެއްގައިކަަމަށެވެ.

އޭނާ ވިދާޅުވީ، އެއީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި އެކަން ކުރަމުން އައިސްފައިވާ ގޮތްކަމަށާއި އެހެންނަމަވެސް އެގޮތަށް ފަހުވަގުތަށް މަޑުކުރުމުން ފުރުސަތު ގެއްލިގެންދިއުމުގެ ފުރުސަތު އޮތްކަމަަށެވެ. އޭނާ ވިދާޅުވީ، ފޯމުތަކުގައިވާ މައުލޫމާތު ޗެކުކޮށްފައި ޖަވާބެއް ދިނުމަށް ކޮމިޝަނަށް 48 ގަޑިއިރު ލިބިފައިވާކަމަށާއި އެންމެ ފަހު ދުވަހު ގިނަ އަދަދެއްގެ ފޯމުތައް ހުށައެޅުމުން ދަތިތައް ކުރިމަތިވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

ހަބީބް ވިދާޅުވީ، އެ ހުރިހާ މައުލޫމާތެއް ޗެކު ކުރަންޖެހޭނެކަމަށާއި ޖަވާބެއް ދެވޭނީ އެއަށް ފަހުކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މައުލޫމާތެއް ގޯސްވެގެން ރިޖެކްޓުކުރަންޖެހިއްޖެ ހާލަތެއްގައި 14 ވަނަ ދުވަހު ހުށައެޅުމުން ދެވަނަ ފުރުސަތެއް ލިބިގެން ނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، ކޮމިޝަނުން ކަނޑައެޅިފައިވާ މުއްދަތު އިތުރު ނުކުރާނެކަމަށެވެ.

ހަބީބް ވިދާޅުވީ، ކަމެއް ކުރުމަށް ވަކި ދުވަހަކާއި ތާރީހެއް ކަނޑައެޅިއްޖެ ހާލަތެއްގައި އެ ގޮތުގެ މަތިން އަމަލުކުރުމަށް ކޮމިޝަނުން މިހާރު އިސްކަން ދެމުންދާކަމަަށާއި އެ ނޫން ނަމަ އަބަދުވެސް އިލެޝަންސްއިން ވަގުތު އިތުރުކުރާނެކަމަށް ދެކޭނެކަމަށެވެ. އެކަމުގެ ސަބަބުން ފޯމު ހުށަނާޅާ މަޑުކުރާކަމަށާއި އެހެންކަމުން އެ ވިސްނުން ނުގެންގުޅުއްވުމަށް ހަބީބް އިލްތިމާޒްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: