ދިވެހިރާއްޖޭގައި ގާއިމުވެ ތިބި އަވައްޓެރި އިންޑިއާގެ ސިފައިން މޭއި 10 ވަނަ ދުވަހުގެ ކުރިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިންގެ ސަބަބުން ގައުމުގެ މިނިވަންކަމަށް އޭގެ ބުރޫއަރާކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ. އެހެންވެ ވެރިކަމަށް އައުމުގެ އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ފާހަގަކުރެވުނު ސިފައިން ފޮނުވާލުމާއި ގުޅޭގޮތުން އެ ގައުމާއި ދެމެދު އެކު މަޝްވަރާތައް ކުރެވުނެވެ.
ރަސްމީ މަޝްވަރާތައް ކުރުމަށް އެކުލަވާލި ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މިއަދު ކުރިޔަށް ދިޔައީ އިންޑިއާގެ ނިއުދިއްލީގަ އެވެ. އެ ބައްދަލުވުމާއި ބެހޭ މައުލޫމާތުތައް އާންމުކޮށް، ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ސިފައިން މިވަގުތު ރާއްޖޭގައި ބަލަހައްޓަމުން ގެންދާ ތިން އުޅަނދުގެ ތެރެއިން އެއް އުޅަނދު ބެލެހެއްޓުމަށް ތިބި ހުރިހާ ސިފައިން އަނބުރާ ގެންދަން އެ ގައުމުން އެއްބަސްވާ ކަމަށެވެ.
ޚާރިޖީވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބަލަހައްޓަމުންދާ ތިން އުޅަނދުގެ ތެރެއިން އެއް އުޅަނދު ބެލެހެއްޓުމަށް ތިބި ހުރިހާ ސިފައިން މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބަދަލުކޮށް، އަނެއް ދެ ޕްލެޓްފޯމުން މޭއި 10 ގެ ކުރިން އަސްކަރީ އޮފިސަރުން ބަދަލު ކުރާނެކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުން ދެން އިތުރު ބައްދަލުވުމެއް މި މައްސަލައިގައި އޮންނާނީ، ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި ދެ ގައުމުން ވެސް އެއްބަސްވާ ތާރީހަކު މާލޭގަ އެވެ.

