ތ އަތޮޅަށް ތަރައްގީ ގެނެސްދެއްވުމުގައި އެންމެ އިސްކަމެއް ދެއްވާނީ ބިލާހަކަށްވެފައިވާ ކޯޒްވޭ ގުޅާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ. ކިނބިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައިސް ވިދާޅުވީ ކެމްޕެއިން ތެރޭގައި ވިދާޅުވި ހުރިހާ ވާހަކައަކީ ވެސް އެއްގޮތަކަށް ދައްކާފައިވާ ވަހަކަ ކަމަށާއި ވިދާޅުވެފައިވާ ކޮންމެ ވާހަކައަކީވެސް ރައްޔިތުންނަށް ކޮންދޭން ބޭނުންފުޅުވެގެން ވިދާޅުވި ވާހަކަތަކެއް ކަމަށެވެ. ރައްޔިތުން ރުއްސާލުމަށް ނުވަތަ ވޯޓު ހޯދުމަށް ވިދާޅުވި އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތ އަތޮޅުގައި އަޅަން ވައުދުވެވަޑައިގެންނެވި ދެ ކޯޒްވޭ ވެސް އަޅައި ނިންމަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ތަރައްގީގެ ކަންކަމުގައި ތަރުތީބެއް ކަނޑައަޅައިގެން ނޫން ގޮތަކަށް ރާއްޖެ ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން އަރައި ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑަށްވެސް މިތާ ކަޑަ ޖަހާފައި ނަމެއްގައި ކަންކަން ކުރެވިދާނެ އިންތިހާބު ކުރިއަށް އޮތީމަ، އެހެންނަމަވެސް އެގޮތަކަށް ނުކުރާނަން. ހަގީގީ މާނައިގަ ރައްޔިތުންނަށް ކަންކަން ވާގޮތަށް ކޮށްދޭނީ. އިހްލާސްތެރިކަމާއެކީގައި.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތ އަތޮޅުގެ ތަރައްގީއަށް ބަލާއިރު އެންމެ އިސްކަމެއް ދެއްވާނީ ކޯޒްވޭއަށް ކަމަށެވެ. އަދި ދެން ހުރި ތަރައްގީގެ މަޝްރޫއުތައްވެސް ބަޖެޓުގެ ތެރެއިން މިނިސްޓްރީތަކާއި ކައުންސިލްތަކުގައި ވާހަކަފުޅުދައްކަވައިގެން ކުރިއަށްއޮތް ދެ ހަފްތާ ތެރޭގައި ތަރުތީބު ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ގައުމުތަކުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރައްވާ އެންމެ މުހިންމު އިދާރާ ކަމަށްވާ އައިއެމްއެފް އިން ވަނީ ރާއްޖޭގެ އިގްތިސާދީ އެޖެންޑާ އެންޑޯސްކޮށްދެއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައިއެމްއެފް އިން ބުނެފައިވަނީ ތަރައްގީ ގެނައުމުގައި ކަން ކުރައްވާ އުސޫލަކީ އެއީ ކަމަށާއި އެގޮތަށް ކުރިއަށް ދިއުމުން ރައްޔިތުންނަށް ފައިދާ ވާނެ ކަމަށެވެ.

