ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ކަން ކުރާނެ ގޮތުގެ ތަފްސީލީ މައުލޫމާތުތައް ދެއްވާފައިވަނީ މާލެ އަދި ވިލިނގިލީގައި ޗައިނާ ސަރުކާރުގެ އެހީގައި ބިނާކުރުމަށް ކަނޑައެޅިފައިވާ ހަސްފަތާލުތަކަކާއި ގުޅޭގޮތުންކަމަށާއި އެ ނޫން އެހެން އެއްވެސް ކަމެއްގެ ތަފްސީލީ މައުލޫމާތެއް ދެއްވާފައިނުވާނެކަމަށް ޑިމޮކްރެޓްސްގެ ނައިބުރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާޙަކަދައްކަވަމުން ޝިފާޒްވަނީ ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ދައްކަވާފައިވާ ވާހަކަތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ގައުމިއްޔާތާއި ގުޅުވައިގެން އަވަށްޓެރި ގައުމުތަކުގެ ވާހަކަ ވަރަށް ގިނައިން ދެއްކެވިކަމަށެވެ. ޝިފާޒް ވިދާޅުވީ ޗައިނާގެ ވާހަަކަވެސް ދެއްކެވިކަމަށާއި އެހެންނަމަވެސް އުންމީދެއް ލިބިގެންދާނެ ފަދަ ގޮތަކަށް ހައްލާއި ކަން ކުރެވޭނެ ގޮތާއިއެކު ފާހަގަކުރެއްވި ހަމައެކަނި ވާހަކަތަކަކީ ވިލިނގިއްޔާއި މާލޭގައި ހޮސްޕިޓަލްތަކެއް އަޅުއްވާ ވާހަކަ ކަމަށެވެ.
”އެ މަޝްރޫޢުއާއި އެކީގައި އެ މަޝްރޫޢުއަށް ފައިނޭންސް ކުރާނެ ގޮތެއްގެ ވާހަކަ ވިދާޅުވި ހަނދާން އަޅުގަނދު ވޭ އަޅުގަނޑަށް ހީވާގޮތުން ވެއްޖެޔާ އެ ނޫނިއްޔާމުން އެއްވެސް މަޝްރޫޢުއެއް ފައިނޭންސް ކުރާނެ ގޮތެއް އަދި އެކަން ކުރިއަށް ގެންދަން ރާވަފައި އޮތްގޮތެއްގެ ވާހަކައެއް އެ އުންމީދެއް ރާއްޖޭގެ ރައްޔިތުންނަށް އެ ރިޔާސީ ބަޔާނަކުންނެއް ހަމަ ގައިމުވެސް އިވިގެންނެއް ނުދިޔަ ފެނިގެންނެއް ނުދިޔަ“ ޝިފާޒް
އެގޮތުން ވިލިނގިލީގައި އެއް ހޮސްޕިޓަލާއި މާލޭގައި ހަ ހޮސްޕިޓަލެއް އެއީ ޗައިނާ ސަރުކާރުގެ އެހީގައި ކުރައްވާ ކަމެއް ކަމަށާއި އެކަމަށް ފަންސާސް މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް ހަރަދުވެގެންދާނެ ވާހަކަވެސް އެމަނިކުފާނު ދެއްކެވި ހަނދާންވާކަމަށް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ، އެ މަޝްރޫޢުއާއިއެކު އެ މަސައްކަތްތައް ފައިނޭންސް ކުރާނެ ގޮތުގެ ވާހަކަތައް އެމަނިކުފާނު ދެއްކެވި ހަނދާންތައް ވާކަަމަށް ވީނަމަވެސް އެ ނޫން އެހެން އެއްވެސް މަޝްރޫޢުއެއް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ އެއްވެސް ތަފްސީލެއް ނުދެއްވާކަމަށާއި އެ ކަންކަމަށް ފައިސާ ހޯދާނެ ގޮތުގެ ތަފްސީލުތަކެއްވެސް އެމަނިކުފާނު ދެއްވާފައިނުވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަމުގެ އުންމީދު ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްވާފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، ޔަގީނުންވެސް ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުން އެފަދަ މަންޒަރެއް ފެނިފައިނުވާކަމަށާއި އެފަދަ އަޑެއްވެސް އިވިފައިނުވާކަމަށް ވިދާޅުވިއެވެ.

