ދިވެހިރާއްޖޭގައި ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާކަމުގެ އިންޒާރުތައް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރޒް (މަޓާޓޯ) އިން ދީފިއެވެ.
މަޓާޓޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން ރާއްޖެއަށް މިވަގުތު ވަނީ ޑޮލަރު ނުލިބުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އެކަމުގެ ސަބަބުން ވަކި ވަކި ފަރުދުންނަށާއި ވިޔަފާރިތަކަށްވެސް ޑޮލަރު ލިބުމުގައި ދަތިތައް ހުރިކަމަށާއި ރާއްޖޭގައި އުފެދިފައިވާ މި މައްސަލަ އިންތިހާއަށް ގޯސްވެފައިވާކަމަށް ބުނެފައިވެއެވެ.
މަޓާޓޯއިން ބުނެފައިވާގޮތުން މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމަށް ނުރައްކާތައް ވަނީ ކުރިމަތިވެފައެވެ. މި ބަޔާން ނެރެފައިވާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކަށް ރިއާޔަތްކުރުމަށްފަހުކަމަށާއި ޑޮލަރުގެ ތާށިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓުގެ ޑީމާންޑަށް ސަޕްލައިކުރުމާއި އެކަށީގެންވާ ގޮތެއްގެމަތިން ވިޔަފާރިތައް ހިންގުމަށްވެސް ދަތިވެފައިވާކަމަށް ބުނެފައިވެއެވެ.
މަޓާޓޯއިން ބުނެފައިވާގޮތުން މި މައްސަލަ ގޯސްވެގެންދިއުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ބެންކުތަކަށްވެސް ބޭރު ފައިސާގެ ތާށިކަން ކުރިމަތިވުމެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކަށް ފަންޑުކުރުމުގެ ބަދަލުގައި ބެންކުތަކުންވަނީ ބޮންޑުތަކަށަށް ފަންޑުކޮށްފައިކަމަށްވުމުން މައްސަލަ އިތުރަށް ގޯސްވުމަށް ދިމާވާކަމަށްވެސް ބުނެފައިވެއެވެ. އަދި އެގޮތުގެ މަތިން ބެންކުތަކުން އަމަލުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް ހީނަރުކަން އަންނަކަމަށާއި ޑޮލަރުގެ މައްސަލަވެސް އިތުރަށް ބޮޑުވެގެންދާކަމަށް ބުނެފައިވެއެވެ.
މަޓާޓޯއިން ބުނެފައިވާގޮތުން ދަތިތައް ކުރިމަތިވި މައިގަނޑު ސަބަބަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ސަރުކާރުން ގެންގުޅެފައިވާ ލޯނު ނެގުމުގެ ސިޔާސަތުތަކާއި ހަރަދުކުރުމުގެ އުސޫލުެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިމަގަށް ރިއާޔަތްކޮށް މާލީ އިސްލާހުތަކެއް ގެނައުން މުހިންމުކަމަށާއި ރާއްޖޭގެ އިގްތިސާދުގެ ދެމެހެއްޓެނިވިކަން ކަށަވަރުވާނީ އެގޮތުގެ މަތިންކަމަށްވެސް ބުނެފައިވެއެވެ.
މަޓާޓޯއިންވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި ބެންކުތަކުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ފައިސާ ދޫކުރުމަށް ބާރު އެޅުމަށް ގޮވާލާކަމަށެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް ހިންގާ އޮންލައިން ޓްރޭޑިންގް ގެ މައްސަލަވެސް ހައްލުކުރުމަށް ގޮވާލާކަމަށް ބުނެފައިވާއިރު، މިކަންކަން ހައްލުކުރުމަށް ފިޔަވަޅު އެޅުމުގައި ނާކާމިޔާބު ވެއްޖެ ހާލަތެއްގައި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެގެންދިއުމުގެ ނުރައްކާ އޮތްކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މަޓާޓޯއިންވަނީ އެމްއެމްއޭއިން މައްސަލަތައް ހައްލުކުރުމުގައި ފެއިލްވެފައިވާކަމަށްވެސް ބުނެފައެވެ. އެހެންކަމުން ގަވަނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އިސްތިއުފާދެއްވުމަށް ގޮވާލާކަމަށާއި މާލީ ކަންކަން ބެލެހެއްޓިގެންދިއުން މުހިންމުކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދު ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ޖަޕާނާއި އިނގިރޭސިވިލާތަށް މާލީ ދަތިކަން ކުރިމަތިވެފައިވާކަމަށްވުމުން ބޮޑެތި ގައުމުތަކަށް ދިމާވަމުންދާ ކަންކަމުން ރާއްޖެއިން އިބުރަތް ލިބިގަންނަންޖެހޭކަމަށްވެސް ބުނެފައިވެއެވެ.

