މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) އިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިސްތިއުފާ އަށް ގޮވާލައިފިއެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތިގައި ޓެކްސް ބޮޑުކުރަނީ އައިއެމް އެފް އާއި ވޯލްޑް ބޭންކްގެ އިރުޝާދުގެ މަތިން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެގޮތުން ކަމާގުޅުންހުރި އިދާރާ ތަކުގެ މަންދޫބުންނާއި ބައްދަލުކޮށް ދެއްކި ވާހަކަތަކުން ފިނޭންސް މިނިސްޓަރު ދޮގު ހެދިކަމާއި ޓެކްސް ބިލު ފާސްކުރުމަށް އަމީރު މަޖިލީހަށް ދެއްވީ ދޮގު މައުލޫމާތު ތަކެއް ކަން ހާމަވެގެން ގޮސްފައިވާ ކަމަށް މަޓާޓޯ އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ދައުލަތަށް ލިބިގެންދާ އާމްދަނީގެ އެންމެ ބޮޑު ހިއްސާދާރަކީ ފަތުރުވެރިކަންކަމަށް ފާހަގަކޮށް މަޓާޓޯ އިން ބުނެފައިވާގޮތުން ޓެކްސް ބޮޑު ކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެއެވެ. އަދި ރާއްޖޭގެ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ބޮޑެތި އަސަރުތައް ކުރާނެކަމަށް އެ ޖަމިއްޔާއިންވަނީ ފާހަގަކޮށްފައެވެ.
ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމުގެ ސަބަބުން ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނަށް ކުރާ އަސަރު ދެނެގަތުމަށް ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މަޓާޓޯ އިން ބުނެފައިވާގޮތުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިނަލްއަގުވާމީ ޕާޓްނަރުންނަށް މި ކުއްލި ނިންމުމުގެ އެއްގޮތަށް ދެމުންދާ ހިދުމަތްތަކަށް އަވަސް ބަދަލުތަކެއް ނުގެނެވޭނެއެވެ. އަދި ހާއްސަ ގޮތެއްގައި ޔޫރަޕުގެ ޓުއަރ އޮޕަރޭޓަރުންނަށް ވިއްކާފައިވާ ހޮލިޑޭ ޕެކެޖުތަކުގެ އަގުތަކަށް ބަދަލު ގެނައުމަކީ މަނާ ކުރެވިފައިވާ ކަމެއްކަމަށްވުމުންވެސް ޖީއެސްޓީ ބޮޑު ކުރުމަށް ނިންމި ނިންމުމާއި އެއްގޮތަށް އަމަލު ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށްވެސް މަޓާޓޯއިން ފާހަގަކޮށްފައިވެއެވެ.
މަޓާޓޯއިން ބުނެފައިވާގޮތުން މި ނިންމުން ތަންފީޒު ކުރުމާއި ދެކޮޅަށް ހާރިޖީ އެތައް މުވައްސަސާއެއް ރާއްޖެއާއި އެކު ވާހަކަތައް ދައްކަމުންދާކަމުގެ މައުލޫމާތު އެ މުވައްސަސާއަށް ވަނީ ލިބިފައެވެ. އަދި އެކަން ކުރަމުންދަނީ ގިނަ ބައިނަލްއަގުވާމީ ޓުއަރއޮޕަރޭޓަރުންގެ ޝަކުވާތަކާއި އެދުމުގެ މަތިންކަމަށް މަޓާޓޯއިންވަނީ ބުނެފައެވެ.
އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށާއި އޭގެ ތެރޭގައި ރިސޯޓް ތަކާއި ސަފާރީ ޔޮޓްފަހަރާއި ހޮޓާ ތަކާއި ގެސްޓް ހައުސްތައް ހިމެނޭ ކަމަށް ވެސް މަޓާޓޯ އިން ވަނީ ބުނެފައެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓެކްސް އަށް ގެންނަން ނިންމި ބަދަލާ އެކު ޓީޖީއެސްޓީ 12 އިން 18 ޕަސެންޓަށް އަދި ޖީއެސްޓީ 6 އިން 8 ޕަސެންޓަށް ބޮޑުވެގެންދާނެ އެވެ. އެކަމުގެ ސަބަބުން ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލިގެން ދާނެ ކަމަށް މާލީ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ޓެކްސް ބޮޑުކުރަނީ ދައުލަތުގެ ހަރަދުތަކުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލާއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ.
ޓެކްސް ބޮޑުކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށް އެވްރެޖްކޮށް ކޮންމެ މުވައްޒަފަކަށް ލިބޭ ސާވިސްޗާޖް އިން 2000 ރުފިޔާ އުނިވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ވެސް މަޓާޓޯ އިން ވަނީ ބުނެފައެވެ.

