ސަރުކާރުގެ ވައުދާއި އެއްގޮތަށް މަސްވެރިންނަށް ދޭން ހުރި ފައިސާގެ ބެކްލޮގް މާޗު 05 ގެ ކުރިން އެއްކޮށް ހަލާސް ކުރާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ޝަކުވާތައް ބޮޑުވެ، އަނެއްކާވެސް މުޒާހަރާތައް ފަށާފައިވާއިރު ޝިޔާމް ވަނީ ކޫއްޑޫއަށް ވަޑައިގެން އިހުތިޖާޖު ކުރަމުން ދިޔަ މީހުންނާ ބައްދަލު ކުރައްވާފަ އެވެ. ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބޮޑު ބެކްލޮގެއް އޮތް އިރު ޝިޔާމް ވިދާޅުވީ މާޗު މަހުގެ 5 ގެ ކުރިން ނުދެވި ހުރި އަދަދުތައް ދީ ނިންމާނެ ކަމަށެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ޝިޔާމް ހާޒިރު ކުރުމުން، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ސުވާލު ކުރީ އެ ވައުދު ފުއްދޭނެ ތޯ އެވެ. އަދި ފައިސާ ދޭނެ ގޮތުގެ ތަފްސީލާއި، މިވަގުތު ދީފައިވާ ތާރީހަށް ފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެއްކޮށް ހަލާސް ކުރެވޭނެ ތޯ ސާފުކޮށްދޭން އޭނާ އެދުނެވެ.
ޖަވާބުގައި ޝިޔާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިދިޔަ ވެރިކަމުގައި ވާރުތަވެފައި ހުރި ނުދެވި ހުރި ފައިސާ ހިމެނޭހެން، ފަހުން ދޫނުކުރެވި ހުރި ފައިސާ ވީހާވެސް އަވަހަށް ދިނުން ކަމަށެވެ. ވެރިކަމާ ހަވާލުވުމަށް ފަހު މިދިޔަ ދޮޅު މަހެއްގެ ތެރޭގައި 200 އަށް ވުރެ ގިނަ އަދަދެއް މަސްވެރިންނަށް ދޫކުރެވުނުކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ މިއަދާއި ހަމައަށް އައިއިރު، ޖުމްލަ އަދަދަށް ބަލާއިރު މަސްވެރިންނަށް ދޭން ހުރީ 310 މިލިއަން ކަމަށެވެ. އޭގެ ތެރެއިން އެކި ބައިތައް ދޫކުރުމަށް ފަހު، ނުދެވި ހުރި 280 މިލިއަން ރުފިޔާ މާޗު މަހުގެ 05 ކުރިން އެއްކޮށް ހަލާސް ކުރެވޭނެކަމުގެ ޔަގީންކަން މިއަދު ޝިޔާމް ދެއްވި އެވެ.
އެ ފައިސާއާއި އެކީގަ އަޅުގަނޑުމެން ދުވަސްތައް ގުނާއިރު، މިއަދާއި ހަމައަށް 310 މިލިއަން ރުފިޔާ އަޅުގަނޑުމެން މިއަދު މަސްވެރިންނަށް ދޭން އެބައޮތް.. އެހެން ނަމަވެސް މިފަހުން އެގު މުރާޖައާ ކުރިއިރު އަޅުގަނޑުމެން ނިންމިން، މުރާޖައާ ކުރެވުނު ދުވަހުން ފެށިގެން ހަފްތާއިން، ހަފްތާއިން މިފްކޯއިން ދެވޭނެ ގޮތަކަށް އެކަން ކުރެވުނީ.. އެހެންވީމަ މިހާރު ބެކްލޮގްގެ ތެރެއިން މިހާރު މަސްވެރިންނަށް ނުދެވި މިހުރީ 280 މިލިއަން ރުފިޔާ.. 280 މިލިއަން އެއްކޮށް ހަލާސް ކުރުމަށް، އަޅުގަނޑުމެންގެ އަމާޒަކީ 05 މާޗުގެ ކުރިން އެއްކޮށް ދައްކައި ހަލާސް ކުރުން
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިން އަޑުއުފުލަން ފެށިއިރު، އިއްޔެ ރައީސުލްޖުމްހޫރިއްޔާ ދެކުނުގެ ރަށްތަކުން ފުވައްމުލައްއަށް ވަޑައިގެތުމުން ވެސް މަސްވެރިން ފައިސާގެ މައްސަލައިގައި އަޑުއުފުލި އެވެ.

