އެމްޑީޕީއިން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރަނީ ސަރުކާރަށް އުނދަގޫކުރުމަށް ނޫންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީއިން މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށް ކުރަމުންދާ ކެމްޕެއިންގެ ތެރެއިން މާލޭގައި އޮތް ޖަލްސާއެއްގައެވެ.
ރައީސް ސާލިހު ވިދާޅުވީ ގައުމުގެ މިސްރާބު ހުރީ ރަނގަޅަށް ނޫންކަމަށެވެ. ހަމަ މަގުން ނައްޓާލާފައިވާ މިސްރާބު ހަމަކޮށް، ގައުމު ސަލާމަތް ކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެޖޯރިޓީ އޮތުން މުހިންމުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ރައިސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައިގެންކަމަށެވެ. އަދިވެސް އެކަންތައް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ. އިތުރު ފުރުސަތެއް މި ސަރުކާރަށް ދީފިނަމަ ދެންވެސް އެކަން ތަކުރާރު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔަގީން ފުރުސަތު ދިން ވަރަކަށް، ފުރުސަތު ދިން ވަރަކަށް ދާނީ އަނެއްކާވެސް، އިތުރު ދޮގު ހަދަމުން.
ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރާ މަސައްކަތުގައި އެމްޑީޕީއިން އަބަދުވެސް، އެންމެ އިސްވެ އެކަމަކަށް ތާއީދު ކުރާނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މަޖިލިސް މެޖޯރިޓީ ހޯދަނީ ސަރުކާރަށް އުނދަގޫކޮށް، ދުއްތުރާ ކުރުމަށް ނޫންކަމަށެވެ. ނަމަވެސް ގައުމުގެ މަސްލަހަތާއި، ރައްޔިތުންގެ ހައްގުތައް ނަގާލާކަމަށްވާނަމަ، އެކަން ހައްލުކުރުމަށް އެމްޑީޕީއިން ދެތުވާނެކަމަށް ވިދާޅުވިއެވެ.
ގައުމު މިހާރު އޮތް ހާލަތުން، ހަމަ މަގަށް އެޅުވޭނީ މަޖިލީހަށް އެކަނިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ހައްދަވަމުން ގެންދަވާ ދޮގުތައްވެސް ހާމަކޮށްދޭނީ މަޖިލީހުންކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ތާއީދުވެސް މި ސަރުކާރަށް ނެތްކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ މަޖިލީސް އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަތުމުން މި ޝަކުވާތައް އިވެމުންދާކަމަށެވެ. އަދި މި ސަރުކާރު އިންތިހާބު ކުރެވުނީތީ ރައްޔިތުން ހިތާމަ ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހަށް ބޭނުންވަނީ ޒުވާން ޖީލެއްކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ، ރައްޔިތުން މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ދެއްވާނެކަމަށެވެ.


One Response
ސުޕަ މެޖޯރިޓީ އޮވެގެން…ކަނޑުން 45،000 ކިލޯ މީޓަރު ދިވެހިން އަތުން ގެއްލިއްޖެ، 120 ބިލިަޔަން ދަރާފި، ކުންފުނިތަށް ދަރާފި، ކަނޑުގެ ޗާޓު އެހެން ބަޔަކަށް ލިބިއްޖެ، 8 ބިލިޔަން ޗާޕްކޮށްފި، ވަގު ހިފާ ކޯރަޕްޝަން ލާރި ހޯދަން އައިސް އެމީހުން މިނިވަންކޮށްފި އެކަމަކު..ބުރިޖެއް ނޭޅުނު،.ފުލެޓެއް ނޭޅުނު،.ބިން ހިއްކާ ގޯތި ނުދެވުނު،.އަމީނީ މަގު ތާރެއް ނޭޅުނު،.އެމްއެމްޕީއާރްސީ އިން ގެއްލުނު އެންމެ ރުފިޔާ އެއްވެސް ނުޙޯދުނު،،ގެއްލުނު މީހުންނަށް އިންސާފެއް ނުދެވުނު.. މަނިކުފާނާ އެމްޑީޕީ ތިއުޅެނީ ރިޔާސީ އިންތިހާބަކުން ބަލިވުމުން، ސަރުކާރަށް ޖެއްސުންކޮށް ދުއްތުރާކުރަން.. މަނިކުފާނުގެ ފުރުސަތު ނިމިއްޖެ